ޓީމް އިވެންޓުގެ ޗެމްޕިއަންކަން ސިފައިންނަށް، ސިންގަލްސް ޗެމްޕިއަންކަން އެމްޕީއެލްގެ އަފީފަށް

އިންޓަ އޮފީސް ބިލިއާޑް މުބާރާތުގެ ޓީމް އިވެންޓުގެ ޗެމްޕިއަންކަން ހޯދި ސިފައިން ---

މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަން (އެމްޕީބީއޭ)އިން އިންތިޒާމްކޮށްގެން ބޭއްވި އިންޓަ އޮފީސް ބިލިއާޑް މުބާރާތުގެ ޓީމް އިވެންޓުގެ ޗެމްޕިއަންކަން ދިވެހި ސިފައިންގެ ކްލަބުން ހޯދި އިރު، ސިންގަލްސް ޗެމްޕިއަންކަން އެމްޕީއެލްގެ އަބްދުﷲ އަފީފް ހޯދައިފިއެވެ.

އެމްޕީބީއޭ ކްލަބު ހައުސްގައި ބޭއްވި އިންޓަ އޮފީސް ބިލިއާޑް މުބާރާތުގެ ޓީމް އިވެންޓް އަދި ސިންގަލްސް އިވެންޓުގެ ފައިނަލް މެޗު ރޭ ކުރިއަށްދިޔައެވެ.

އިންޓަ އޮފީސް ބިލިއާޑް މުބާރާތުގެ ސިންގަލްސް ޗެމްޕިއަންކަން ހޯދި އެމްޕީއެލްގެ އަފީފް ---

ޓީމް އިވެންޓުގެ ޗެމްޕިއަންކަން ސިފައިން ހޯދީ ފައިނަލުގައި ވިލާ އެއާގެ މައްޗަށް ކުރި ހޯދައިގެންނެވެ. ވިލާ އެއާއިން ރަނަރަޕް މަގާމު ހޯދި އިރު، ތިންވަނަ ހޯދީ ކަސްޓަމްސް ރެކްރިއޭޝަން ކްލަބެވެ.

ސިންގަލްސް އިވެންޓުގެ ޗެމްޕިއަންކަން އެމްޕީއެލްގެ އަފީފް ހޯދީ ފައިނަލުގައި ރައީސް އޮފީހުގެ އަހްމަދު ނަފީލްގެ މައްޗަށް ކުރި ހޯދައިގެންނެވެ. އެ އިވެންޓުގެ ރަނަރަޕް މަގާމު ނަފީލް ހޯދި އިރު، ތިންވަނަ ހޯދީ އެމްއެންޑީއެފްގެ ފަތުހުﷲ ޖަމީލެވެ.

comment ކޮމެންޓް