ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕް: ކުއާޓާއަށް ދަތުރުކޮށް ޝާޒް އާއި ދީނާ ތާރީޚުގެ ތެރެއަށް

ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕުގައި ކުއާޓާ ފައިނަލުން ޖާގަ ހޯދި ރާއްޖޭގެ ދެ ކުޅުންތެރިން ކަމަށްވާ ޝާޒް އަދި ދީނާ--

އިންޑިއާގެ އަޙްމަދުނާބާދުގައި މި މަހުގެ 7 އިން 10 އަށް ކުރިއަށްދިޔަ ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕް 2026 ގައި ރާއްޖޭގެ ހަސަން ޝާޒް މުޙައްމަދާއި ދީނާ އަޙްމަދު ތާރީޚީ ކާމިޔާބީތަކަކާއެކު މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރުކޮށްފިއެވެ.

މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަން (އެމްޕީބީއޭ) އިން ހާމަކުރިގޮތުގައި، މިއީ ބައިނަލްއަގުވާމީ މިފަދަ ބޮޑު މުބާރާތެއްގެ ކުއާޓާ ފައިނަލަށް ދިވެހި ކުޅުންތެރިއަކު ދަތުރުކުރި ފުރަތަމަ ފަހަރެވެ.

މުބާރާތުގެ ފިރިހެން ބައިގައި ވާދަކޮށް ޝާޒް ވަނީ ތަފާތު މޮޅު ކުޅުމެއް ދައްކާފައެވެ. އެގޮތުން އޭނާގެ ފުރަތަމަ މެޗުގައި މިދިޔަ އަހަރުގެ ޗެމްޕިއަން ކްރެއިގް ބްރޫވާ ބަލިކުރުމަށްފަހު ކުއާޓާ ފައިނަލުން ފުރުސަތު ހޯދިއިރު، މިއީ ކޮމަންވެލްތުގެ އެންމެ ވަރުގަދަ ކުޅުންތެރިންނާ ދެކޮޅަށް ވާދަކޮށް ދިވެހި ފިރިހެން ކުޅުންތެރިއަކު ހޯދި ފުރަތަމަ މިފަދަ ޝަރަފެކެވެ.

ކުއާޓާ ފައިނަލުން ޝާޒް ކެޓި ނަމަވެސް، މި ކާމިޔާބީން ބައިނަލްއަގުވާމީ މައިދާނުގައި އޭނާގެ ހުރި ގާބިލުކަން ވަނީ ސާބިތުކޮށްދީފައެވެ.

ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕުގައި ކުއާޓާ ފައިނަލުން ޖާގަ ހޯދި ރާއްޖޭގެ ޝާޒް--

ހަމައެއާއެކު، އަންހެން ބައިގައި ވާދަކުރި ދީނާ އަޙްމަދުވެސް ވަނީ ކުއާޓާ ފައިނަލަށް ދަތުރުކޮށް ރާއްޖޭގެ ކިއު ސްޕޯޓްސް ތާރީޚުން ރަން އަކުރުން ނަން ފަވައިލާފައެވެ.

ބައިނަލްއަގުވާމީ މުބާރާތެއްގެ މެޗަކުން މޮޅުވެ، ދިވެހި އަންހެން ކުޅުންތެރިއަކު ކުއާޓާ ފައިނަލަށް ދަތުރުކުރި ފުރަތަމަ ފަހަރު ކަމަށްވާތީ، މިއީ ރާއްޖޭގެ އަންހެން ކިއު ސްޕޯޓްސް ކުރިއެރުވުމަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެއް ކަމަށް އެމްޕީބީއޭއިން ފާހަގަކުރެއެވެ.

ކޮމަންވެލްތުގެ 42 ގައުމަކުން ޖުމްލަ 144 ކުޅުންތެރިން (72 ފިރިހެން އަދި 72 އަންހެން ކުޅުންތެރިން) ބައިވެރިވި މި މުބާރާތުގައި ސްނޫކަރ، އިންގްލިޝް ބިލިއާޑްސް، 10 ބޯލް ޕޫލް، ހޭބޯލް އަދި ބްލެކްބޯލް ހިމެނޭހެން ޖުމްލަ ފަސް ޑިސިޕްލްއެއް ކުރިއަށްދިޔައެވެ.

މި ދެ ކުޅުންތެރިން ދެއްކި ހިތްވަރާއި މޮޅު ކުޅުމަށް މަރުހަބާ ކިޔަމުން، މިއީ މުޅި ގައުމު ފަޚުރުވެރިވާ ފަދަ ކާމިޔާބީއެއް ކަމަށާއި ކުރިއަށް އޮތް ތަނުގައި މިއަށްވުރެ ފުރިހަމަ ނަތީޖާތަކެއް ލިބޭނެ ކަމަށް އުއްމީދުކުރާ ކަމަށް އެސޯސިއޭޝަނުން ބުނެފައިވެއެވެ.

comment ކޮމެންޓް