ޕާޓީތަކުގެ ގާނޫނަށް ގެންނަ އިސްލާހުތަކާ ގުޅޭގޮތުން އީސީ އިން އެމްޑީއޭ އާ މަޝްވަރާކޮށްފި

އިލެކްޝަންސް އާ އެކު ބޭއްވި ބައްދަލުވުމަށްފަހު އެމްޑީއޭގެ ލީޑާޝިޕުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ --- ސަން ފޮޓޯ: ފަޔާޒު މޫސާ

ސިޔާސީ ޕާޓިތަކުގެ ގާނޫނަށް އިލެކްޝަންސް ކޮމިޝަނުން ގެނައުމަށް ނިންމާފައިވާ އިސްލާހުތަކާމެދު އެ ކޮމިޝަނުން އެމްޑީއޭ އާއެކު މަޝްވަރާކޮށްފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ސިޔާސީ ޕާޓީތަކާއެކު ބާއްވަން ނިންމާފައިވާ މަޝްވަރާތަކުގެ ތެރެއިން އެމްޑީއޭ އާއެކު މިދަދު މެންދުރުފަހު ބޭއްވި ބައްދަލުވުން ނިންމަވާލެއްވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެމްޑީއޭގެ ނައިބު ލީޑަރު އަލީ މައުރޫފު ވިދާޅުވީ މިއަދުގެ ބައްދަލުވުމުގައި ދެ ކަމަކާ ގުޅޭގޮތުން މަޝްވަރާ ކުރެއްވި ކަމަށެވެ. އެގޮތުން ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް އިލެކްޝަނުން ވަމުންދާ ތައްޔާރީތަކާއި ސިޔާސީ ޕަޓީތަކުގެ ގާނޫނަށް ގެނައުމަށް ކަނޑައަޅާފައިވާ އިސްލާހުތަކާ ގުޅޭގޮތުން މަޝްވަރާ ކުރެވުނު ކަމަށް މައުރޫފު ވިދާޅުވިއެވެ.

އިލެކްޝަންސް ކޮމިޝަނާއެކު ބޭއްވި ބައްދަލުވުމަށްފަހު އެމްޑީއޭގެ ލީޑާޝިޕުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ --- ސަން ފޮޓޯ: ފަޔާޒު މޫސާ

މައުރޫފު ވިދާޅުވީ ސިޔާސީ ޕާޓީތަކުގެ ގާނޫނަށް އިސްލާހު ގެންނަނީ ފުށޫއަރާ ބައެއް ކަންތައް ހުރުމުން ކަމަށެވެ.

އެކަމާ ގުޅޭގޮތުން އިތުރު ތަފްސީލު ދެއްވަމުން މައުރޫފު ވިދާޅުވީ ޕާޓީތައް ހިންގުމުގެ ގާނޫނީ ބާރު އިލެކްޝަންސް ކޮމިޝަނަށް ދޭން ޖެހޭ ކަމަށެވެ.

އިންތިޚާބަށް ވަމުންދާ ތައްޔާރީތަކާ ގުޅޭގޮތުން އިލެކްޝަންސް ކޮމިޝަނުން ހިއްސާކުރި މައުލޫމާތުގެ މައްޗަށް ބިނާކޮށް މައުރޫފު ވިދާޅުވީ މިއަހަރު އޮންނަ އިންތިހާބަކީ މިނިވަން އިންސާފުވެރި ދެފުށް ފެންނަ އިންތިޚާބަކަށް ވާނޭކަމުގެ ޔަގީންކަން އެ ކޮމިޝަނުން ދިން ކަމަށެވެ.

އެ ކޮމިޝަންގެ ދައުވަތު ގަބޫލު ނުކުރާނެކަމަށް އިދިކޮޅު ޕާޓީތަކުން ބުނެފައިވާތީ އެކަމާ ގުޅޭގޮތުން މައުރޫފު ވިދާޅުވީ އިލެކްޝަންސް ކޮމިޝަނަކީ ހުރިހާ ސިޔާސީ ޕާޓީތަކެއްގެ ބަލަދުވެރި ފަރާތްކަމަށެވެ. އިލެކްޝަންސް ކޮމިޝަންގެ ބައްދަލުވުމަށް ކޮންމެ ޕާޓީއަކުންވެސް އަންނަން ޖެހޭނެ ކަމަށް މައުރޫފު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އިލެކްޝަންސް ކޮމިޝަންގެ ދައުވަތު އިދިކޮޅު ފަރާތްތަކުން ގަބޫލު ނުކުރީ "އިންތިޚާބަކަށް ދާން ބޭނުން ނުވާތީ" ކަމަށެވެ.

އިލެކްޝަންސް ކޮމިޝަނާ އެކު ބޭއްވި ބައްދަލުވުމަށްފަހު އެމްޑީއޭގެ ލީޑާޝިޕުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ --- ސަން ފޮޓޯ: ފަޔާޒު މޫސާ

އެމްޑީއޭގެ ނައިބު ލީޑަރު އަހުމަދު އާމިރު ވިދާޅުވީ އިލެކްޝަންސް ކޮމިޝަންގެ މެމްބަރުންނަކީ ގާނޫނު އަސާސީގައި ބުނެފައިވާގޮތަށް ރައްޔިތުންގެ މަޖިލީހުން ވޯޓުލައިގެން ހޮވާފައިވާ މެމްބަރުންތަކެއް ކަމަށެވެ.

އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ވައްދައިގެން އޮންނަ އުސޫލެއްގެ މަތިން މެންބަރުން ވަކި ނުކުރާހާ ހިނދަކު އެ ބޭފުޅަކީ ސިޔާސީ ޕާޓީތަކުގެ ބެލެނިވެރި ފަރާތެއްގެ ގޮތުގައި މަސައްކަތް ކުރައްވާނެ ބޭފުޅެއް ކަމަށް އާމިރު ވިދާޅުވިއެވެ.

"ޑިމޮކްރަސީ ގެ ޅަފަތުގައި ރާއްޖޭގެ ސިޔާސީ މަސްރަހު ހަލަބޮލިކުރަން މަސައްކަތް ކުރުމަކީ އެއްވެސް ރައްޔިތަކަށް އަރާމުކަން ލިބޭނެކަމެއްނޫން. ސުލްހަވެރި ގޮތެއް އޮވެއްޖެނަމަ އެކަން ހިޔާރު ކުރުމަކީ އަރާމުކަން ލިބޭނެ ގޮތް. އިންތިޚާބުތަކުގައިވެސް ގައުމުހަމަމަގަށް އެޅުވުމަށް ރައްޔިތުން މަސައްކަތް ކުރުމަކީ ރައްޔިތުން ގެ މަސްއޫލިއްޔަތެއް،" އާމިރު ވިދާޅުވިއެވެ.

ކުޑަހުވަދޫ ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާ އާމިރު ވިދާޅުވީ ގާނޫނަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ދޭންޖެހޭ އެއްބާރުލުން އެމްޑީއޭ އިން ދޭނެ ކަމަށެވެ.

comment ކޮމެންޓް