މިއަހަރުގެ ޓްރެވަލް އެވޯޑްސް ތަފާތުވާނެ!

މަޓާޓޯ މޯލްޑިވްސް ޓްރެވަލް އެވޯޑްސް 2017 ގާލާގައި އެޖަމިއްޔާގެ ރައީސް އަބްދުﷲ ގިޔާސް ރިޔާޒް ވާހަކަދައްކަވަނީ ---ސަން ފޮޓޯ/ މުހައްމަދު އަފްރާޙް

މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އޭޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ)އިން ބާއްވާ މޯލްޑިވްސް ޓްރެވަލް އެވޯޑްސްއަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ދޭ އެންމެ ޝަރަފުވެރި އެވޯޑެވެ. ކޮންމެ އަހަރަކުވެސް މި އެވޯޑު ދޭ ހަފްލާއަކީ ގިނަ ބައެއްގެ ޝައުގުވެރިކަން ދަމައިގަންނަ އިވެންޓެކެވެ.

ހަތްވަނަ މޯލްޑިވްސް ޓްރެވަލް އެވޯޑްސް މިއަހަރު ބާއްވާ އިރު، މިދިޔަ ހަތް އަހަރު ދުވަހުގެ ތެރޭގއި މި އިވެންޓް ވަނީ ވަރަށް ބޮޑަށް ކުރިއަރާ ގޮސްފައެވެ. އަދި ފަތުރުވެރިކަމުގެ ވަރުގަދަ ބްރޭންޑަކަށް މަޓާޓޯ މޯލްޑިވްސް ޓްރެވަލް އެވޯޑްސް ވަނީ ވެފައެވެ.

މީގެ ކުރިން އެންމެ ގާލާ ހަފްލާއަކުން ބާއްވާ ނިންމާލައި ޓްރެވަލް އެވޯޑްސްއަކީ މިހާރު މުޅި އަހަރު ދުވަހަށް ހިނގާ ހަރަކާތެކެވެ. އެއީ މި އިވެންޓްގައި ގިނަ ކޮމްޕޯނެންޓްތަކެއް ހިމެނޭތީއެވެ. ޓޫރިސްޓް ރިސޯޓުތަކާއި ޓްރެވަލް އޭޖެންޓުންނާއި ދާއިރާގެ ވަރުގަދަ ނަންތަކަށް ދެމުން އައިސް، ރާއްޖޭގައި ކުރިއަރަމުން އަންނަ ގެސްޓްހައުސް ޓޫރިޒަމް އިންޑަސްޓްރީގެ ޝަރަފުގައި ގެސްޓްހައުސްއަށް ޚާއްސަ އެވޯޑު ހަރަކާތެއް ވަކި ހަފްލާއެއްގެ ގޮތުގައި މަޓާޓޯއިން ބާއްވައެވެ.

13 ޖުލައި 2017: މަޓާޓޯ މޯލްޑިވްސް ޓްރެވަލް އެވޯޑްސްގެ ޕީޕަލްސް އެޑިޝަން: --- ސަން ފައިލް ފޮޓޯ/ ޔާމިން ސައީދު

މީގެ އިތުރުން ފަތުރުވެރިކަމުގެ ދާއިރާގައި ފާހަގަކޮށްލެވޭ 10 ފަރުދެއް ފާހަގަކޮށް، އަހަރުގެ ޝަޚުސިއްޔަތުގެ އެވޯޑުވެސް ދެއެވެ.

ޓްރެވަލް އެވޯޑްސްގެ ގެސްޓްހައުސް އެޑިޝަނާއި ޕީޕަލްސް އެޑިޝަންއަކީ 2017 ވަނަ އަހަރުން ފެށިގެން ޓްރެވަލް އެވޯޑްސްގެ ތެރެއިން ދެމުން އަންނަ އެވޯޑުތަކެކެވެ.

https://sun.mv/103069

ހަތްވަނަ މަޓާޓޯ މޯލްޑިވްސް ޓްރެވަލް އެވޯޑްސްގެ ފުރަތަމަ ހަރަކާތަކީ ގެސްޓްހައުސް އެޑިޝަނެވެ. ގެސްޓްހައުސް އެޑިޝަނުގައި ދޭ 15 އެވޯޑަށް ވާދަކުރުމަށް ނަން ހުށަހެޅުމުގެ ފުރުސަތު މަޓާޓޯއިން ވަނީ މި ހަފްތާ ތެރޭގައި ހުޅުވާލައިފައެވެ.

މެއި 15 ގެ ނިޔަލަށް ނަން ހުށަހެޅުމުގެ ފުރުސަތު އޮތް އިރު، ޖޫން މަސް ފެށޭނީ އެވޯޑަށް ވާދަކުރާ ފަރާތްތަކުގެ ނަންތައް އިއުލާނުކުރެވުމާ އެކުގައެވެ. ގެސްޓްހައުސް އެވޯޑަށް ވާދަކުރާ ފަރާތްތަކަށް ވޯޓުލުމަށް އޯގަސްޓް މަހުގެ ނިޔަލަށް ފުރުސަތު ލިބޭ އިރު، އޯގަސްޓްގެ ފުރަތަމަ ހަފްތާގައި އެވޯޑު ހަފްލާ ބާއްވާނެއެވެ.

މަޓާޓޯގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް އަސްރާ ނަސީމް (އަސޫ) ސަންއަށް ވިދާޅުވީ، މިދިޔަ އަހަރުގެ ތެރޭގައި ގެސްޓްހައުސް އެޑިޝަންގެ އެވޯޑުތަކަށް އާންމުންގެ ފަރާތުން ޖުމްލަ 70،000 އަށް ވުރެ ގިނަ ވޯޓު ލިބުނު ކަމަށެވެ.

މަޓާޓޯ މޯލްޑިވްސް ޓްރެވަލް އެވޯޑްސް ގާލާ 2017 އިވެންޓްގެ ތެރެއިން---ސަން ފޮޓޯ/ މުހައްމަދު އަފްރާޙް

މިއަހަރުގެ މަޓާޓޯ ޓްރެވަލް އެވޯޑްސްގެ ޕީޕަލްސް އެޑިޝަން އެވޯޑްސް ދިނުމަށް ހަމަޖެހިފައިވަނީ ޓްރެވަލް އެވޯޑްސްގެ ގާލާ ހަފްލާގެ ތެރެއިންނެވެ. ޓޫރިޒަމް ދާއިރާގެ އެންމެ ޝަރަފުވެރި އެވޯޑުތަކާ އެކު، ދާއިރާއިން ފާހަގަކުރެވޭ 10 ފަރާތެއް ޝަރަފުވެރި ކުރެވޭ މި ހަފްލާ އޮންނާނީ މި އަހަރުގެ ފަހުކޮޅުއެވެ. ތާރީޚު ފަހުން އިއުލާނު ކުރެވޭނެއެވެ.

މީގެ އިތުރުން މަޓާޓޯ މޯލްޑިވްސް ޓްރެވަލް އެވޯޑްސްގެ ގާލާއާ އެކު ކުރިއަށްދާ ޚާއްސަ ސަގާފަތެއް އޮވެއެވެ. މީގެ ތިން އަހަރު ކުރިން ފެށި މި ސަގާފަތަކީ، ޓްރެވަލް އެވޯޑްސްގެ ގާލާ ވިލޭރޭ، ޓޫރިޒަމް ދާއިރާގެ އިސްވެރިން އެއްތަނަކަށް އައިސް މަޝްވަރާ ކުރަން ބާއްވާ ބައްދަލުވުން "މަޓާޓޯ މޯލްޑިވްސް ޓްރެވަލް ކޮންފަރަންސް"އެވެ. މި ކޮންފަރަންސް މިއަހަރުވެސް އޮންނާނެއެވެ.

މަޓާޓޯއިން ވަނީ ޓްރެވަލް އެވޯޑްސް ރާއްޖެއާއި ރާއްޖެއިން ބޭރުގައި ޕްރޮމޯޓުކުރުމުގެ ގޮތުން ޚާއްސަ ހަރަކާތްތަކެއް ރާވައިފައެވެ.

މަޓާޓޯ މޯލްޑިވްސް ޓްރެވަލް އެވޯޑްސް 2018 ލޯންޗުކުރުމަށް ކޮކޯ ބޮޑު ހިތި ރިސޯޓުގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން: މިއަހަރުގެ އެވޯޑްސްގެ އޮންލައިން މީޑިއާ ޕާޓްނަރަކީ ސަން އޮންލައިން -- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

މަޓާޓޯގެ ޑެޕިއުޓީ އެސްޖީ ވިދާޅުވި ގޮތުގައި، މިއަހަރުގެ ޓްރެވަލް އެވޯޑްސް ފެނިގެން ދާނީ ކުރީ އަހަރުތަކާ ޚިލާފަށް ތަފާތުކޮށް، އަދި މާ ބޮޑުކޮށެވެ. މި ސިއްރުތައް އަދި އާންމުކުރަން މާ އަވަހެވެ. އޮތީ މި ޚާއްސަ ހަރަކާތަށް އޮތް ޝައުގުވެރިކަމާއެކު ކޮށްލަންޖެހޭ އިންތިޒާރެކެވެ.

މަޓާޓޯ މޯލްޑިވްސް ޓްރެވަލް އެވޯޑްސް 2018ގެ ޕާޓްނަރުން

  • ޕްލެޓިނަމް ޕާޓްނަރ: އުރީދޫ މޯލްޑިވްސް
  • ގޯލްޑް ޕާޓްނަރ: މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް
  • ސިލްވަރ ޕާޓްނަރ: އެލައިޑް އިންޝުއަރަންސް
  • ޕްރިންޓިންގް ޕާޓްނަރ: ޕްރިންޓްލެބް
  • ފޮޓޯގްރަފީ ޕާޓްނަރ: ޑިޖިޓަލް ސްޓޫޑިއޯ
  • އޮންލައިން މީޑިއާ ޕާޓްނަރ: ސަން އޮންލައިން
  • ޓްރެވަލް މީޑިއާ ޕާޓްނަރ: މޯލްޑިވްސް އިންސައިޑާ
  • ޑިޖިޓަލް ޕާޓްނަރ: ކޯޑްފްލައި
  • އެޑްވަޓައިޒިންގް ޕާޓްނަރ: ބްލަކް

comment ކޮމެންޓް