މާލޭގައި ހިންގާ ރެސްޓޯރެންޓްތަކުގެ އަދަދު ސަތޭކައިން ގުނާލެވޭނެ އެވެ. ނަމަވެސް ހިތްހަމަޖެހިލައިގެން ކާލެވޭނެ މާހައުލެއް އޮންނަ، މީރު ކާއެއްޗެއް ލިބޭ ރެސްޓޯރެންޓުތަކުގެ އަދަދު އެއް އަތުގެ އިނގިލިން ގުނާލެވޭހާ މަދުވާނެ އެވެ. މި ލިސްޓުގެ އެންމެ ކުރީގައި ހިމެނޭނެ އެއް ނަމަކީ ހެންވޭރު ހިތުގަސްމަގުގައި ހުންނަ "ދަ ކިޗަން"އެވެ.
މިދިޔަ މަހުގެ 19 ވަނަ ދުވަހު ރަސްމީކޮށް ހުޅުވި ދަ ކިޗަންއަކީ ގިނަ ރަހަރަކެއް އެތަނުގެ ފުރާޅުގެ ދަށުން ލިބޭ، ހިތްހަމަޖެހޭ ފަދަ މާހައުލެއްގައި މީރު ކެއުމަކަށް އިންސާފުކޮށްލެވޭނެ ތަނެކެވެ.
ދަ ކިޗަންގެ ހާއްސަ ކަމާ ގުޅޭ ގޮތުން އެ ރެސްޓޯރެންޓުގެ މާކެޓިން ޓީމުން ބުނީ ދަ ކިޗަންގެ ފުރާޅުގެ ދަށުން "ބަދިގެއަކުން ލިބޭނެ ހުރިހާ ކެއުމެއް ލިބޭނެ" ކަމަށެވެ. އެގޮތުން މެންދުރުގެ ކެއުމާއި ހަވީރު ސައި އަދި ރޭގަނޑު ކެއުން ވެސް އެތަނުން ހަމަޖައްސައިދެ އެވެ. އަދި ހެނދުނުގެ ނާސްތާ ވަރަށް އަވަހަށް ތައާރަފު ކުރާނެ ކަމަށް އެ ރެސްޓޯރަންޓުން ބުންޏެވެ. މީގެ އިތުރުން ދަ ކިޗަން ޕެޓިސަރީ އިން ލިބޭ ހާއްސަ ޕާނުގެ ބާވަތްތަކާއި ކޭކުގެ ރަހަ ބަލައިނުލާ ދޫކޮށްލެވޭކަށް ނެތެވެ.
"ދަ ކިޗަން" ރެސްޓޯރަންޓް އަދި ޕެޓިސެރީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ
ދަ ކިޗަން އިން ހަތަރު ބާވަތެއްގެ ޕާން އުފައްދަ އެވެ. މީގެ ތެރެއިން އެންމެ ފާހަގަކުރެވެނީ އެތަނުގެ ކުޅި ޕާން ނުވަތަ ސްޕައިސީ ބްރެޑް އެވެ. މީގެ އިތުރުން އާދައިގެ ވައިޓް ބްރެޑް އަދި ބްރައުން ބްރެޑު ވެސް ދަ ކިޗަން އިން އުފައްދަ އެވެ. ހަތަރުވަނަ ޕާނަކަށް ދަ ކިޗަންއިން ނެރެނީ ބިންބި ފުށުން އުފައްދާ "ކުރަކަން" ޕާނެވެ. މިއީ ބްރައުން ބްރެޑަށް ވުރެ ވެސް ސިއްހަތަށް ފައިދާކުރުވަނިވި ޕާނެކެވެ. ދަ ކިޗަންއިން ބުނީ ބިންބި ފުށު ޕާން މާކެޓަށް ވަރަށް އަވަހަށް ނެރޭނެ ކަމަށާއި މިހާރު ވެސް އޯޑަރަށް ހަދައިދޭކަމަށެވެ.
އެއްވެސް މުނާސަބަތަކާ ގުޅޭ ކޭކެއް ނުލިބިގެން ކަންބޮޑުވެ ހާސްވާކަށް ވެސް ނުޖެހޭނެ އެވެ. އުފަންދުވަހާއި ކައިވެނި އަދި އެކި މުނާސަބަތުތަކާ ގުޅޭ ކޭކު ވެސް ދަ ކިޗަންގެ ޕެޓިސަރީ އިން އަޅައިިދެ އެވެ. އެތަނުގެ ޗީޒްކޭކާއި ޓިރަމިސޫ އަދި ޑޯނަޓަކީ ކަސްޓަމަރުންގެ ބޮޑު ޑިމާންޑެއް އޮތް ކާއެއްޗެއްސެވެ.
އެކި ހަފްލާތަކަށް ކޭޓަރިންގެ ހިދުމަތް ދިނުމަކީ ވެސް ދަ ކިޗަންގެ ފުރާޅުގެ ދަށުން ލިބޭނެ ހިދުމަތެކެވެ. މީގެ އިތުރުން ކޯޕަރޭޓް ލަންޗާއި ޑިނާ ވެސް އެ ރެސްޓޯރެންޓުން އެރޭންޖުކޮށްދެ އެވެ.
ދަ ކިޗަންއިން މި ހަފްތާ ތެރޭގައި ވަނީ ހަވީރު ސަޔަށް ހާއްސަ ޕެކޭޖެއް ތައާރަފުކޮށްފަ އެވެ. އެންމެ 99 ރުފިޔާ އަށް ދެ މީހަކަށް ހެދިކާ އާއި ސައި މި ޕެކޭޖުގެ ދަށުން ލިބެ އެވެ. ހަވީރު ސަޔަށް ފާއިތުވި ތިން ވަރަކަށް ދުވަސްތެރޭ ބޮޑު ތަރުހީބެއް ލިބުނުކަން އެ ރެސްޓޯރެންޓުން ފާހަގަކުރެ އެވެ.
"ދަ ކިޗަން" ރެސްޓޯރަންޓް-- ސަން ފޮޓޯ/ ފަޔާޒު މޫސާ
ދަ ކިޗަންގެ ހާއްސަ އަނެއް ކަމަކީ މެންދުރުގެ ކެއުމަށް ހާއްސަ ޕެކޭޖެވެ. ސޫޕްއަކާ ޑެޒާޓްއަކާ އެކު ހަތަރު މެއިން ކޯސްއަކުން ޗޫޒްކުރުމުގެ ފުރުސަތު ލިބޭނެ އެވެ. އެ ރެސްޓޯރެންޓުން ބުނީ މެންދުރުގެ ކެއުމަށް އޯޑަރު ދޭތާ 10 މިނެޓު ތެރޭގައި ކެއުން ލިބޭނެ ކަމަށެވެ. މިއީ އޮފީސްތަކުގެ ބްރޭކު ގަޑިއަށް ލިބޭ ކުޑަ ވަގުތުކޮޅުގައި ހިތްހަމަޖެހިލައިގެން މީރު ކާއެއްޗެއް ކާލެވޭނެ ފުރުސަތެކެވެ. މި ލަންޗު ޕެކޭޖުގެ އަގަކީ 120 ރުފިޔާ އެވެ.
ދަ ކިޗަންގެ ރަހަތަކުގެ ތެރެއިން އެންމެ ބޮޑު ތަރުހީބެއް ލިބެނީ އެ ރެސްޓޯރެންޓުގެ ޖަޕަނީޒް ކޯނާއަށެވެ. ޖަޕަނީޒް ކެއުންތަކުގެ އަޖުމަ ބަލާލުމަށް ގިނަ ބަޔަކު ރެސްޓޯރެންޓަށް ޒިޔާރަތް ކުރާ ކަމަށާއި ރަހަތައް ކަމުދާ ކަމަށް ކަސްޓަމަރުން ބުނާ ކަމަށް ދަ ކިޗަންއިން ބުންޏެވެ.
"ދަ ކިޗަން" ޕެޓިސަރީއާއި ރެސްޓޯރަންޓް-- ސަން ފޮޓޯ/ ފަޔާޒު މޫސާ
އެއްފަހަރާ، ގާތްގަނޑަކަށް 100 ވަރަކަށް މީހުންނަށް ހިދުމަތް ދެވޭ ގޮތަށް ހަދާފައިވާ ދަ ކިޗަންގެ ހިތްގައިމު މާހައުލުން ކެއުމާއި ބުއިމުގެ ކަންތައް ހިތްހަމަޖެހުމާއެކީ ނިންމައިލެވޭނެ އެވެ. އެ ރެސްޓޯރެންޓުން ބުނީ ކުރިއަށް އޮތް ރަމަޟާން މަހަށް ތައްޔާރުވުމަށް މާހެފުން އިންތިޒާމުކުރުމަށް މަސައްކަތްކުރަމުން އަންނަ ކަމަށެވެ. އަދި ރޯދަ މަހު ރޯދަ ވީއްލުމަށް ޚާއްސަ މެނޫތައް ލިބޭނެ ކަމަށާއި، ރޯދަ ވީއްލުމަށް ތަކެތި ކޭޓާ ކުރުމަށް ވެސް ހަމަޖެހިފައިވާ ކަމަށް ދަ ކިޗަންއިން ބުންޏެވެ.
"ކުރިއަށް އެބަހުރި ޚާއްސަ ކަންތައްތަކެއް. ސޯޝަލް މީޑިއާ އާއި މީޑިއާ މެދުވެރިކޮށް އެކަންތައް ހިއްސާކުރަމުންދާނަން،" މާކެޓިން ޓީމުން ޝަފްނާޒް އުމަރު ވިދާޅުވި އެވެ.