ސާކް ފިލްމު ފެސްޓިވަލްގައި ބައިވެރި ވުމުގެ ފުރުސަތު ހުޅުވާލައިފި

ސާކް ފިލްމު ފެސްޓިވަލް އިން އެންމެ މޮޅު ބަތަލާ ގެ އެވޯޑު ލިބުނު ރިޝްމީ އާއިލާ އާއެކު --- ސަން ފޮޓޯ

ސާކް ކަލްޗަރަލް ސެންޓަރުން ކޮންމެ އަހަރަކު ބާއްވަމުން އަންނަ ސާކް ފިލްމު ފެސްޓިވަލުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

އެ ފިލްމު ފެސްޓިވަލްގައި ކުރު ދެ ފިލްމުގެ އިތުރުން ދެ ފީޗާ ފިލްމު ބައިވެރި ކުރުމުގެ ފުރުސަތު ވަނީ ރާއްޖެ އަށް ލިބިފަ އެވެ.

ނޭޝަނަލް ސެންޓާ ފޮ ދި އާޓްސް އިން ކޮށްފައިވާ އިއުލާންގައި ބުނެފައި ވަނީ "ސާކް ފިލްމު ފެސްޓިވަލް 2018" އޮންނާނީ އަންނަ މެއި މަހުގެ 22 އިން 27 އަށް ލަންކާގައި ކަމަށެވެ.

އެ ފެސްޓިވަލްގައި ބައިވެރިކުރާ ފިލްމުތަކުގެ ޑައިރެކްޓަރުންނާއި އެހެނިހެން އާޓިސްޓުންގެ ތެރެއިން ހަތަރު މީހަކަށް ބައިވެރިވެވޭނެ ކަމަށް ވެސް އެ އިއުލާނުގައި ބުނެފައިވެ އެވެ.

ނޭޝަނަލް ސެންޓާ ފޮ ދި އާޓްސް އިން ބުނީ އެކޮމަޑޭޝަން އަދި ލޯކަލް ޓްރާންސްޕޮޓޭޝަން ހަމަޖައްސައިދޭނެ ކަމަށާއި ނަމަވެސް އިންޓަނޭޝަނަލް އެއާފެއާ ހަމަޖައްސަން ޖެހޭނީ ބައިވެރިވާ ފަރާތްތަކުން ކަމަށެވެ.

އެ ސެންޓާ އިން ބުނީ ފެސްޓިވަލްގައި ބައިވެރިވާން އެދޭ ފަރާތްތަކުން މި މަހު 18 ވާ ބުދަ ދުވަހުގެ ކުރިން އެ ސެންޓަރަށް ފޯމު ހުށައެޅަން ޖެހޭނެ ކަމަށެވެ.

ފެސްޓިވަލްގައި ބައިވެރިވުމުގެ އެޕްލިކޭޝަން ފޯމް އަދި ކޮންސެޕްޓް ނޯޓް އެ ސެންޓަރުގެ ވެބްސައިޓް www.nca.gov.mv އަދި ރިސެޕްޝަނުން ލިބިގެންދާނެ އެވެ.

އެންމެ ފަހުން ބޭއްވި ސާކް ފިލްމު ފެސްޓިވަލްގައި އެންމެ މޮޅު ބަތަލާގެ އެވޯޑް ރާއްޖޭގެ މަޝްހޫރު ބަތަލާ އައިޝަތު ރިޝްމީ އަށް ވަނީ ލިބިފަ އެވެ.

ސާކް ފިލްމު ފެސްޓިވަލުގައި ދިވެހި ފިލްމުތަކަށް ވެސް މީގެ ކުރިން ވަނީ ކާމިޔާބީތަކެއް ހާސިލް ކޮށްފަ އެވެ.

އެގޮތުން 2014 ވަނަ އަހަރު އެ ފެސްޓިވަލުގައި ބައިވެރި ކުރި ފިލްމު "އިނގިލި"އަށް ބްރޯޒް މެޑަލް ވަނީ ލިބިފަ އެވެ. އަދި 2015ގައި އަލީ ސީޒަންގެ ފިލްމު، "އިންސާނާ"އަށް ވެސް ވަނީ ބްރޯންޒް މެޑެލް އެއް ލިބިފަ އެވެ.

comment ކޮމެންޓް