ޓާޓާ ފްލެޓްތަކުގެ ތެރެއިން ނުވިކި ހުރި ފްލެޓްތައް އަލުން ވިއްކަން ހުޅުވާލައިފި

އަރަބިއްޔާ ސްކޫލް ކުރިން ހުރި ބިމުގައި އިންޑިއާގެ ޓާޓާ ކުންފުނިން އިމާރާތްކޮށްފައިވާ ފްލެޓްތައް -- ސަން ފޮޓޯ

މާލޭގެ ގާކޮއްޓާއި އަރަބިއްޔާ ސްކޫލް ކުރިން ހިންގި ބިމުގައި އިންޑިއާގެ ޓާޓާ ކުންފުނިން އިމާރާތް ކޮށްފައިވާ ފްލެޓްތަކުގެ ތެރެއިން ފުރަތަމަ ބުރުގައި އެކި ސަބަބުތަކާހުރެ ނުވިކި ހުރި ފްލެޓްތައް އަނެއްކާ ވެސް ވިއްކަން ހުޅުވާލައިފި އެވެ.

އެޗްޑީސީން މިއަދު ނެރުނު އިއުލާނެއްގައި ބުނީ، ފުރަތަމަ ބުރުގެ ތެރެއިން ވިއްކުމުގެ މަރުހަލާ ފުރިހަމަ ނުވެހުރި 47 ފްލެޓެއް މިއަދުން ފެށިގެން ވިއްކަން ހުޅުވާލާ ކަމަށެވެ. އެއީ ގާކޮށިން 37 ފްލެޓް އަދި ވޭސައިޑްއިން 10 ފްލެޓް ކަމަށް އެޗްޑީސީން ބުންޏެވެ.

ފުރަތަމަ ބުރެކޭ އެއްފަދައިން މިފަހަރު ވެސް ފްލެޓްތައް ވިއްކަން ހަމަޖެހިފައިވަނީ އޮންލައިން ޕޯޓަލްއެއް މެދުވެރިކޮށް ކަމަށް އެޗްޑީސީގެ އިއުލާނުގައި ބުނެފައިވެ އެވެ.

އެޗްޑީސީގެ އިއުލާނުގައި ވަނީ، މިފަހަރު ވިއްކަން ހުޅުވާލައިފަވާ ހުރިހާ ފްލެޓެއް ވިކި ހުސްވަންދެން ކޮންމެ ދުވަހެއްގެ 10:00 އިން 15:00 އަށް އޮންލައިން ޕޯޓަލް މެދުވެރިކޮށް ފްލެޓް ގަތުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

އެޗްޑީސީން ބުނީ، ފްލެޓު ގަންނަން ލިބެނީ ހަތަރު ޝަރުތެއް ފުރިހަމަވާ ފަރާތްތަކަށެވެ. އެއީ ދިވެއްސަކަށް ވުމާއި އުމުރުން 21 އަހަރު ފުރިފައިވުމާއި އެއްފަހަރާ ފައިސާ ދެއްކޭނެ ފަރާތަކަށް ވުމުގެ އިތުރުން ފުރަތަމަ ބުރުގައި ފްލެޓް ވިއްކަން ހުޅުވާލި ފުރުސަތުގައި ފްލެޓް ގަނެފައިވާ ނުވާ ފަރާތަކަށްވުން ކަމުގައި އެޗްޑީސީން ބުންޏެވެ.

ފްލެޓްތައް ވިކި ހުސްވުމުން އެކަން އިއުލާނު ކުރާނެ ކަމަށް އެޗްޑީސީ އިން ބުންޏެވެ.

comment ކޮމެންޓް