ހޮޓެލް އޭޝިއާ އެގްޒިބިޝަނަށް ތައްޔާރުވުމުގެ ގޮތުން ރާއްޖޭގައި މަސައްކަތްކުރާ ޝެފުންނަށް ހާއްސަކޮށްގެން މާސްޓާ ކްލާސްތަކެއް ފަށަން ބެސްޓް ބައި މޯލްޑިވްސް (ބީބީއެމް) އިން ތައްޔާރުވެއްޖެ އެވެ.
ހޮޓެލް އޭޝިޔާ އެގްޒިބިޝަން ބާއްވާ މޯލްޑިވްސް އެގްޒިބިޝަން އެންޑް ކޮންފަރެންސް ސާވިސަސް (މެކްސް) އާއި ބީބީއެމް ގުޅިގެން މާސްޓާކްލާސް ބާއްވާ މިއީ ހަވަނަ އަހަރެވެ.
ބީބީއެމް އިން ބުނީ މާސްޓާ ކްލާސްތައް އޮންނާނީ މިމަހުގެ 19 ވަނަ ދުވަހާއި އެ ދުވަހުގެ ރޭ ކަމަށެވެ. އަދި އެ ކްލާސްތަކުގައި ކިޔަވައިދޭނީ ކެއްކުމުގެ ދާއިރާ އިން ދުނިޔޭގައި މަޝްހޫރު ދެ މާހިރުން ކަމަށްވާ ސަން އިންޓަނޭޝަނަލްގެ އެގްޒެކެޓިވް ޝެފް ގެތް ޝެއިނާ އާއި އެރެކް އެންޑް ސްޕައިސްގެ އެގްޒެކެޓިވް ޝެފް ރޮނާލް ޕެރެސެންޓޯ ކަމަށް ބީބީއެމްއިން ބުންޏެވެ.
މާސްޓާ ކްލާސްތަކުގެ އިތުރުން ބަރިސްތާ ވޯކްޝޮޕެއް ވެސް ބާއްވާނެ ކަމަށް ބީބީއެމް އިން ބުންޏެވެ.
ބީބީއެމް އިން ބުނީ، މާސްޓާ ކްލާސްތަކުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން މިމަހުގެ 15 ވަނަ ދުވަހާ ހަމައަށް ބައިވެރިވުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.
މިދިޔަ އަހަރުގައި މާސްޓާ ކްލާސް ބާއްވާފައި ވަނީ ތައިލެންޑްގެ ކަލިނަރީ އެކަޑަމީގެ ފައުންޑާ އަދި ޗެއާމަން ޝެފް ވިލިމެންޓް ލިއޮންގް އާއެކުގަ އެވެ. ބީބީއެމް އަކީ ރާއްޖޭގެ ޝެފުންނަށް ގިނަ ތަމްރީންތަކެއްދީ ދުނިޔޭގެ އެކި ހިސާބުތަކަށް ދިވެހި ޝެފުން ފޮނުވައި ޝެފުންގެ ކުރިއެރުމަށް ގިނަ މަސައްކަތްތަކެއް ކުރާ ފަރާތެކެވެ.