ކުޅުންތެރިން ގާތުގައި އަބަދު އެއް ވާހަކައެއް ބުނެދޭން ޖެހޭތީ މިހާރު ފޫހި ވެއްޖެ ކަމަށް ޗެލްސީގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ބުނެފިއެވެ.
އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ވެސްޓް ހަމްއާ ދެކޮޅަށް ޗެލްސީ ކުޅުނު މެޗު ނިމުނީ 1-1ގެ ނަތީޖާއަކުން އެއްވަރު ވެގެންނެވެ. ސެޒާ އަޒްޕިލިކުއެޓާގެ ގޯލުން ޗެލްސީ ލީޑު ނެގި ނަމަވެސް ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ހާވިޔާ ހެނާންޑޭޒް ވަނީ ވެސްޓް ހަމްއަށް ނަތީޖާ ހަމަހަމަ ކޮށްދީ، މުހިއްމު ޕޮއިންޓެއް ހޯދައިދީފައެވެ.
ރޭގެ މެޗުން އެއްވަރުވެ، ޗެލްސީއަށް ގަދަ ހަތަރެއްގެ އުންމީދު ފަނޑުވެފައިވާ އިރު، މެޗަށްފަހު ކޮންޓޭ ބުނީ ކުޅުންތެރިން ކައިރީ އަބަދުވެސް އެކައްޗެއް ތަކުރާރު ކުރަން ޖެހޭތީ މުޅިން މާޔޫސް ވެއްޖެ ކަމަށެވެ.
"ލިބޭ ފުރުސަތުތަކުގެ ބޭނުން ހިފަން ޖެހޭނެ. ފުޓުބޯޅައަކީ ވަރަށް ފަސޭހަ އެއްޗެއް. ގޯލް ޖަހާ ބަޔަަކު މޮޅުވާނީ. އެންމެ ގޯލެއްގެ ލީޑުގައި އޮތުމަކީ ބެލެންސް ކޮށް އޮތުން. އެއީ އަދި ލީޑެއް ނޫން. ހާއްސަކޮށް އިނގިރޭސިވިލާތުގެ ފުޓުބޯޅައިގައި އެއީ ލީޑެއް ނޫން. އަހަރެން މިވާހަތައް ކުޅުންތެރިންނަށް އަބަދު ކިޔާދެން. ލިބޭ ބޯޅަ ނިންމާލަން އަބަދު ކިޔާދެން. މިހާރު ފޫހިވެސް ވެއްޖެ،" ކޮންޓޭ ބުންޏެވެ.
ކޮންޓޭ ބުނީ ރޭގެ މެޗުން ނުކުތް ނަތީޖާއާއެކު އޭނާ ބޭނުން ވަނީ ހުރިހާ ކުޅުންތެރިންވެސް ހިތްހަމަ ނުޖެހިގެން ގެއަށް ދިއުމަށް ކަމަށާއި، އެ ނަތީޖާއަކީ ނަސީބު ނެތީއޭ ކިޔައިގެން ފުއްދާލެވޭނެ ނަތީޖާއެއް ނޫން ކަމަށެވެ.
"އަހަރެންވެސް މިހުރީ ހިތްހަމަ ނުޖެހިފައި، ކުޅުންތެރިންވެސް ހިތްހަމަ ނުޖެހިގެން ގެއަށް ދާންވީ. އޭރުން ރަނގަޅު މެންޓާލިޓީއެއް ބިނާ ކުރެވޭނީ. މި ގޮތަށް ނިމޭ މެޗުތަކުގައި ނަސީބު ނެތީއޭ ކިޔައިގެން ފުއްދާލާ ކަމަށް ވަންޏާ ފަހުންވެސް ޖެހޭނީ މި ނަތީޖާތައް ގަބޫލުކުރަން،" ކޮންޓޭ ބުނެފައިވެއެވެ.
ރޭގެ މެޗުން އެއްވަރު ވުމާއެކު ޗެލްސީ ވަނީ ހަތަރު ވަނައިގައި އޮތް ޓޮޓެންހަމްއަށްވުރެ 10 ޕޮއިންޓް ފަހަތަށް ވެއްޓިފައެވެ. ބާކީ ހަ މެޗު އޮތްއިރު ގަދަ ހަތަރެއްގެ މަގާމު ޗެލްސީއަށް ލިބުމަކީ އުނދަގޫ ކަމެކެވެ.
"ރޭގެ މެޗަކީ ގަދަ ހަތަރެއް ހޯދުމަށް ކޮންމެހެން މޮޅުވާން ޖެހޭނެ މެޗެއް. އެކަމަކު މެޗުން އެނގުނީ އަދިވެސް ޗެލްސީ މަސައްކަތް ކުރަން ޖެހޭކަން. ކުރިއަރަން ޖެހޭކަން. ހަގީގަތަށް ބުނަންޏާ ވެސްޓް ހަމް ކަހަލަ ޓީމުތައް ބަލި ނުކުރެވެންޏާ ގަދަ ހަތަރެއްގެ ޖާގައިގެ ވާހަކަ ދެއްކުމުގެ ބޭނުމެއް ނެތް،" ގަދަ ހަތަރެއްގެ ޖާގައާ ގުޅޭގޮތުން ކޮންޓޭ ބުންޏެވެ.