"މެޑްރިޑް ޑާބީ" އެއްވަރުވެ، ބާސާއިން ލީގު ނެގުމާ ގާތަށް

ރެއާލްއާއި އެތުލެޓިކޯ މެޑްރިޑް ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ/ އޭޕީ

ސްޕެނިޝް ލަލީގާގައި މިރޭ ރެއާލް މެޑްރިޑާއި އެތުލެޓިކޯ މެޑްރިޑް ކުޅުނު "މެޑްރިޑް ޑާބީ" އެއްވަރުވުމުން ބާސެލޯނާއަށް ލީގު ނެގުމަށް ފުރުސަތު ބޮޑުވެއްޖެއެވެ.

ބާސާގެ އިތުރުން ރެއާލް އަދި އެތުލެޓިކޯވެސް މިހާރު ލީގުގައި ކުޅެފައިވަނީ 31 މެޗެވެ. ލީގު ތާވަލުގެ އެއްވަނައިގައި އޮތް ބާސާއަށް 31 މެޗުން ލިބެނީ 79 ޕޮއިންޓެވެ. ދެވަނައިގައި އޮތް އެތުލެޓިކޯއަށް ލިބެނީ 68 ޕޮއިންޓެވެ. ރެއާލް ތިންވަނައިގައި އޮތީ 64 ޕޮއިންޓާއެކުގައެވެ.

ލީގުގައި އެ ތިން ޓީމަށްވެސް ބާކީ ހަތް މެޗު އޮތް އިރު، މިރޭގެ މެޗު އެއްވަރުވުމާއެކު ބާސާވަނީ ލީގު ތާވަލުގެ އެއްވަނައިގައި 11 ޕޮއިންޓުގެ ލީޑެއް ނަގައިފައެވެ.

ރެއާލްއާއި އެތުލެޓިކޯ މެޑްރިޑް ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ/ އޭޕީ

ރެއާލް މެޑްރިޑުގެ ސަންތިއާގޯ ބަނަބޭއޫގައި މިރޭ ކުޅުނު މެޑްރިޑް ޑާބީ ނިމުނީ 1-1ގެ ނަތީޖާއަކުން އެއްވަރު ވެގެންނެވެ.

މެޗު ފެށިގެން ވަރުގަދަކޮށް ކުޅެމުން ދިޔައީ ރެއާލް މެޑރިޑުންނެވެ. ފުރަތަމަ ހާފްގައި ރެއާލްއަށްވަނީ ގޯލް ޖަހާނެ ރަނގަޅު ފުރުސަތުތަކެއްވެސް ލިބިފައެވެ. ހާއްސަކޮށް މާކަސް އެސެންސިއޯއާއި މާސެލޯއަށް ލިބުނު ފުރުސަތުތައް ފާހަގަ ކޮށްލެވުނެވެ. އެ ދެ ކުޅުންތެރިންގެ ހަމަލާވެސް އަމާޒުވީ ގޯލްގެ ދަނޑިއަށެވެ.

ދެވަނަ ހާފްގެ ކުޅުން ފެށިތާ މާ ގިނައިރެއް ނުވެ، މެޗުގެ 53 ވަނަ މިނެޓުގައި ރެއާލްއިން ލީޑު ނެގިއެވެ. ގެރެތު ބޭލްގެ ހުރަސް ގޯލް ތެރެއަށް ފޮނުވާލާ ރެއާލްއަށް ލީޑު ނަގައިދިނީ ކްރިސްޓިއާނޯ ރޮނާލްޑޯއެވެ. ރޮނާލްޑޯވަނީ އެންމެފަހުން ކުޅުނު 10 މެޗުގައިވެސް ގޯލް ޖަހައިފައެވެ. އެ ދިހަ މެޗުގައި އޭނާވަނީ 20 ގޯލް ޖަހައިފައެވެ. އަދި މިރޭގެ ގޯލަކީ މި ސީޒަންގައި އޭނާ ޖެހި 40 ވަނަ ގޯލެވެ.

ރޮނާލްޑޯގެ ގޯލަށް ހަތަރު މިނެޓްވެސް ނުވަނީސް އެތުލެޓިކޯއިން ވަނީ ނަތީޖާ ހަމަހަމަ ކޮށްފައެވެ. ވިޓޯލޯގެ ހަމަލާ، ރެއާލްގެ ކީޕަރު ކެލޯ ނަވާސް ދިފާއުކުރި ނަމަވެސް ރިބައުސް ބޯޅަ ފޮނުވާލައިގެން އެތުލެޓިކޯއަށް ނަތީޖާ ހަމަހަމަ ކޮށްދިނީ އެންޓޯން ގްރީޒްމަންއެވެ.

ރެއާލްއާއި އެތުލެޓިކޯ މެޑްރިޑް ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ/ އޭޕީ

މިރޭގެ މެޗުގެ ފަހު ހާފްގައި ރޮނާލްޑޯގެ ބަދަލުގައި ބެންޒެމާ ކުޅުން ނުކުމެފައިވާ އިރު، ރެއާލްއިން ދެން ކުޅޭނީ ޗެމްޕިއަންސް ލީގު މެޗެކެވެ. މި ހަފްތާ ތެރޭގައި ޗެމްޕިއަންސް ލީގު ކުއާޓާ ފައިނަލް ދެވަނަ ލެގުގައި ޔުވެންޓަސްއާ ދެކޮޅަށް ނުކުންނަ އިރު، ރެއާލް އޮތީ 3-0ގެ ލީޑެއްގައެވެ.

comment ކޮމެންޓް