ލ. ހިތަދޫ ކައުންސިލުގެ ރައީސާއި ނައިބު ރައީސް ސަސްޕެންޑްކޮށްފި

ލ. ހިތަދޫ -- ފައިލް ފޮޓޯ

ލޯކަލް ގަވަރުމަންޓް އޮތޯރިޓީން (އެލްޖީއޭ) އިން ލ. ހިތަދޫ ކައުންސިލުގެ ރައީސް ނާފިޒު ހުސެއިން އާއި ނައިބް ރައީސް އަހުމަދު ފައިސަލް ސަސްޕެންޑްކޮށްފި އެވެ.

އެމްޑީޕީގެ ޓިކެޓުގައި ކައުންސިލަށް ހޮވިވަޑައިގެން ތިއްބެވި އެ ދެ މެމްބަރުންނަށް އެލްޖީއޭ އީން ފޮނުވި ސިޓީގައި ބުނެފައި ވަނީ، އެބޭފުޅުން ސަސްޕެންޑް ކޮށްފައި ވަނީ ފެބްރުއަރީ އެކެއްގައި ސުޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެން އެ އަމުރު ތަންފީޒު ކުރުމަށް ގޮވާލައި ބަޔާނެއް ނެރެފައިވާތީ ކަމަށެވެ.

ފެބްރުއަރީ އެކެއްގެ އަމުރާ ގުޅިގެން ލ. ހިތަދޫ ކައުންސިލުން ނެރުނު ބަޔާނުގައި މިއަދު ސަސްޕެންޑް ކުރި ދެ މެމްބަރުންގެ އިތުރުން ކައުންސިލަށް ޕީޕީއެމްގެ ޓިކެޓުގައި ހޮވިވަޑައިގަތް ހުންނެވި މެމްބަރު މުހައްމަދު ފަރުހާދު އަލީ ވެސް ސޮއިކުރެއްވި އެވެ.

ކައުންސިލުގެ ރައީސް ނާފިޒު މިއަދު ވިދާޅުވީ، އޭނާ އާއި ނައިބް ރައީސް ފައިސަލް ސަސްޕެންޑްކޮށް އެލްޖީއޭ އިން މިދިޔަ ބުރާސްފަތި ދުވަހުގެ ތާރީހުގައި ފޮނުވި ސިޓީ ލިބުނީ، މިއަދު އޮފީހަށް ނުކުމެވަޑައިގަތް މަސައްކަތުގައި ތިއްބައި ކަމަށެވެ.

އަދި އެބޭފުޅުން ސަސްޕެންޑްކުރީ މުސާރަ އާއި އިނާޔަތްތައް ނުލިބޭ ގޮތަށް މިއަދުން ފެށިގެން އެއް މަސް ދުވަހުގެ މުއްދަތަކަށް ކަމަށް އޭނާ ވިދާޅުވި އެވެ.

ނަމަވެސް އެބޭފުޅުންނަށް އެކުގައި ފޮނުވި ސިޓީގައި ކައުންސިލް މެމްބަރު ފަރުހާދު ސަސްޕެންޑް ކުރި ކަމެއް ބުނެފައި ނުވާ ކަމަށާއި އެކަމުގެ ސަބަބެއް ވެސް ބުނެފައިނުވާ ކަމަށް ނާޒިފު ވިދާޅުވި އެވެ.

ނާފިޒަށާއި ފައިސަލްއަށް އެލްޖީއޭ އިން ފޮނުވި ސިޓީގެ ކޮޕީއެއް ސަން އަށް ވެސް ލިބިފައިވާ އިރު އެ ސިޓީގައި ބުނެފައި ވަނީ، ކައުންސިލްގެ ރައީސް އާއި ނައިބް ރައީސްގެ ސަސްޕެންޝަންގެ މުއްދަތުގައި އެލްޖީއޭ އަށާއި ލ. އަތޮޅު ކައުންސިލާއި ލ. ހިތަދޫ ކައުންސިލަށް ލަފާދޭ ކޮމެޓީގެ މަޝްވަރާގެ މަތީން ކައުންސިލް ހިންގުމާ ހަވާލުވެ ހުންނާނީ ފަރުހާދު ކަމަށެވެ.

އަދި އެ ދަރަޖައިގެ ކުށެއް ތަކުރާރުކޮށްފި ނަމަ ލ. ހިތަދޫ ކައުންސިލް ރޫޅާލުމަށް ރާއްޖޭގެ ހައިކޯޓަށް ހުށަހަޅާނެ ކަމަށް އެ ސިޓީގައި ބުނެފައިވެ އެވެ.

comment ކޮމެންޓް