އެސްއެމްއީ ލޯނުގެ ގޮތުގައި ދޭ 50 މިލިޔަން ރުފިޔާއަށް ކުރިމަތިލާން ހުޅުވާލައިފި

ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ ލުއި ލޯނު ސްކީމް ރައީސް އަބްދުﷲ ޔާމީން މިރޭ ތައާރަފްކޮށްދެއްވަނީ: ފޮޓޯ / ރައީސް އޮފީސް

ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ފެށުމަށް ނުވަތަ މިހާރު ފަށާފައިވާ ވިޔަފާރި ފުޅާކުރުމަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ފޮރުކޮށްދޭ "އެސްއެމްއީ ލޯނަ"ށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

އިކޮނޮމިކް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ އެސްއެމްއީ ލޯނުގެ ގޮތުގައި ދޫކުރުމަށް ހަމަޖެހިފައި ވަނީ ޖުމްލަ 50 މިލިޔަން ރުފިޔާ ކަމަށެވެ.

ވަކި އުމުރުފުރައެއް ނެތި، 100 ޕަސަންޓު ދިވެހީން ހިއްސާވާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ދޫކުރާ މި ލޯނު ދިނުމުގައި ބައެއް ކަންކަމަށް އިސްކަން ދޭނެ ކަމަށް މިނިސްޓްރީން ބުނެ އެވެ. އެގޮތުން އަންހެނުންނާއި ޒުވާން ވިޔަފާރިވެރިންނާއި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް، ނުވަތަ އެފަރާތްތަކުގެ އަޣުލަބިއްޔަތު އޮންނަ ވިޔަފާރިތަކަށް؛ ތިމާވެއްޓާ ރަހުމަތްތެރި އުފެއްދުންތަކާ ގުޅޭ ވިޔަފާރިތަކަށް؛ މާލެ، ހުޅުމާލެ އަދި ވިލިމާލެ ފިޔަވާ އެހެން ރަށްރަށުގައި ވިޔަފާރިކުރުމަށް ހުށަހަޅާ ފަރާތްތަކަށް އިސްކަން ދޭނެކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެ އެވެ.

މިނިސްޓްރީން ބުނީ އެ ސުކީމުގެ ދަށުން ވިޔަފާރިއަކަށް އެންމެ މަތިން ދޫކުރާނެ އަދަކީ 500،000 ރުފިޔާ، އަދި ކުންފުނި، ޕާޓްނަޝިޕް ނުވަތަ ކޯޕަރޭޓިވް ސޮސައިޓީއަކަށް ނަމަ 1.5 މިލިޔަން ރުފިޔާ ކަމަށެވެ.

މީގެ އިތުރުން މިނިސްޓްރީން ވަނީ ލޯނުގެ ގޮތުގައި ދޫކުރާ ޖުމްލަ 50 މިލިޔަން ރުފިޔާ ދޭނީ ކޮން ދާއިރާތަކެއްގެ ވިޔަފާރިތަކަކަށް ކަން ވެސް ކަނޑައަޅައި، ކޮންމެ ދާއިރާއަކަށް ސީލިންގް ރޭޓެއް ކަނޑައަޅައިފަ އެވެ.

އެގޮތުން ފަތުރުވެރިކަމުގެ ދާއިރާއާއި ޓްރާންސްޕޯޓުގެ ދާއިރާއިން ކުރެ ކޮންމެ ދާއިރާއަކަށް ދޫކުރާނީ އެންމެ ގިނަވެގެން 50 މިލިޔަން ރުފިޔާގެ 20 ޕަސަންޓެވެ. އެއީ ކޮންމެ ދާއިރާއަކަށް 10 މިލިޔަން ރުފިޔާ އެވެ.

ދަނޑުވެރިކަމާއި މަސްވެރިކަމުގެ ދާއިރާއަށް ޖުމްލަކޮށް ދޫކުރަން ހަމަޖެހިފައި ވަނީ އެންމެ ގިނަވެގެން 7.5 މިލިޔަން ރުފިޔާ އެވެ. އެއީ ލޯނަށް ދޫކުރާ ޖުމްލަ 50 މިލިޔަން ރުފިޔާގެ 15 ޕަސަންޓެވެ.

މީގެ އިތުރުން ކޯޕަރޭޓިވް ސޮސައިޓީގެ ދާއިރާ، ސާވިސް ސެކްޓާ އަދި ވޭސްޓް މެނޭޖްމެންޓުގެ ދާއިރާއިން ކުރެ ކޮންމެ ދާއިރާއަކުން އެންމެ ގިނަވެގެން ލޯނުގެ ގޮތުގައި ދޫކުރާނީ 10 ޕަސަންޓު، ނުވަތަ ފަސް މިލިޔަން ރުފިޔާ އެވެ.

އަދި އޯޕަން ކެޓަގަރީއަށް ދޫކުރަނީ ޖުމްލަ 2.5 މިލިޔަން ރުފިޔާ އެވެ.

މިނިސްޓްރީން ބުނީ ކޮންމެ ދާއިރާއަކުން ދޫކުރާ އެންމެ މަތީ އަދަދާ ހަމަވާ ވަރަށް ޕްރޮޕޯޒަލް ނުލިބިއްޖެ ނަމަ، ނުވަތަ އެ ދާއިރާއަކުން ބާކީ އަދަދެއް ފައިސާ ހުރި ނަމަ އެ އަދަދެއް އޯޕަން ކެޓަގަރީއަށް ބަދަލުކޮށްގެން، އޯޕަން ކެޓަގަރީއަށް ލިބިފައިވާ ޕްރޮޕޯޒަލްތައް މިނިސްޓްރީން އިވެލުއޭޓު ކުރާނެ ކަމަށެވެ.

ލޯނު ލިބޭ ފަރާތްތަކަށް ލޯނު އަނބުރާ ދެއްކުމަށް ލިބޭ މުއްދަތަކީ އެންމެ ގިނަވެގެން ނުވަ އަހަރެވެ. އަދި އެ މުއްދަތުގެ ތެރޭގައި އެއް އަހަރުގެ ގްރޭސް ޕީރިއަޑެއް ވެސް ހިމެނިދާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެ އެވެ. ލޯނު އަނބުރާ ދައްކަން ދޭ މުއްދަތު ކަނޑައަޅާނީ އެ ވިޔަފާރިއެއްގެ މާލީ ހިސާބަށް ރިއާޔަތްކުރުމަށްފަހުގަ އެވެ. އިންޓަރެސްޓަކީ ހަތް ޕަސެންޓެވެ.

ކުދި އަދި މެދުފަންތީގެ ލޯނަށް ހުށަހެޅުމުގެ ފުރުސަތު ހުޅުވިފައި އޮންނާނީ މިއަދުން ފެށިގެން މިހަފްތާގެ ބުރާސްފަތި ދުވަހުގެ ނިޔަލަށް ކަމަށް މިނިސްޓްރީން ބުންޏެވެ.

comment ކޮމެންޓް