ބަންގްލަދޭޝްގައި އޮންނަ އޭވީސީ ސެންޓްރަލް ޒޯން މުބާރާތުގައި ވާދަކުރުމަށް ތައްޔާރުވަމުންދާ ގައުމީ ސީނިއާ ފިރިހެން ވޮލީ ޓީމު ރޭ ތައިލެންޑަށް ފުރައިފިއެވެ.
ބަންގާޅުގައި މިމަހުގެ 22 އިން 27 އަށް އޮންނަ އޭވީސީ މުބާރާތުގެ ކުރިން ޓީމުން ތައިލެންޑުގައި ކޭމްޕް ކުރުމަށް ހަމަޖެހިފައިވާ އިރު، އެކުވެރިކަމުގެ ހަ މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ.
ޓީމު ފުރުމުގެ ކުރިން، ވޮލީބޯޅަ އެސޯސިއޭޝަންގެ ރައީސް އަދި އޭވީސީގެ މެމްބަރު މުހައްމަދު ލަތީފު ވަނީ ޓީމާ ބައްދަލުކުރައްވައިފައެވެ.
ލަތީފް ވިދާޅުވީ ޓީމަށް އެންމެ މުހިންމު ކަމަކީ ޑިސިޕްލިން ކަމަށާއި، ހުނަރުވެރި ކުޅުންތެރިންގެ ހުނަރުވެސް ފެންނާނީ ޑިސިޕްލިން ވެގެން ކަމަށެވެ. ވޮލީ ފަދަ ކުޅިވަރުތަކުގައި އެންމެ އުހަށް ދާނީ އެންމެ ހުނަރުވެރި ކުޅުންތެރިޔާ ނޫން ކަމަށާއި، އެންމެ ރަނގަޅު ޑިސިޕްލިންއެއް ހިފަހައްޓައި ކުޅުންތެރިޔާ ކަމަށްވެސް ލަތީފް ވިދާޅުވިއެވެ.
މިފަހަރު ގައުމީ ސްކޮޑުގައި މުޅިން އައު ގިނަ ކުޅުންތެރިންތަކެއް ހިމެނިފައިވާ އިރު، ޓީމުގެ ފަރިތަކުރުންތަކުގައި ޑިސިޕްލިން ވަނީ ވަރަށް ބޮޑަށް ފާހަގަކުރެވިފައެވެ. ހާއްސަކޮށް ފަރިތަކުރުންތަކުގައި ޓީމުގެ ހާޒިރީ ރަނގަޅުކަން ވަރަށް ބޮޑަށް ފާހަގަ ކުރެވިފައިވެއެވެ. އެގޮތުން ޓީމުގެ ހުރިހާ ކުޅުންތެރިންގެ އެވަރޭޖް އެޓެންޑެންސަކީ 98 ޕަސެންޓެވެ.
ޓީމު ފުރުމުގެ ކުރިން ޓީމާ ބައްދަލުކުރައްވާ ލަތީފް ވަނީ ޓީމުގެ ފަރާތުން މިހާރުވެސް ފެންނަ ޑިސިޕްލިން ހިފަހައްޓައި ދިނުމަށް އެދިލައްވައިފައެވެ.
އޭވީސީ މުބާރާތަށް ގައުމީ ޓީމު ފަރިތަކުރަމުންދަނީ ކޯޗު، މުހައްމަދު ސާޖިދު (ކާއްޓޭ)ގެ އިރުޝާދުގެ ދަށުންނެވެ. ޓީމުގެ ކެޕްޓަނަކީ ތަޖުރިބާކާރު ކުޅުންތެރިޔާ އަހުމަދު އަބްދުލް ކަރީމް (ލޯންގޭ) އެވެ. ވައިސް ކެޕްޓަނަކަށް އަލީ ހުޒާމް (ހުޒާންޓޭ) ހަމަޖައްސައިފައިވާ އިރު، ކުރިން ގައުމީ ޓީމުން ފެންނަ ގިނަ ސީނިއާ ކުޅުންތެރިންތަކެއް މިފަހަރުގެ ޓީމުގައި ނުހިމެނެއެވެ.
ގައުމީ ޓީމުގެ ކެޕްޓަންކަން ކުރަމުން އައި އިޝާން މުހައްމަދު (ބަޓިސް) ޓީމުން ރިޓަޔާ ކޮށްފައިވާ އިރު، މިފަަހަރުގެ ސްކޮޑުގައި އިސްމާއިލް ސާޖިދު (ކުޑަ ކާއްޓޭ) އާއި މުހައްމަދު ޝާއިން (ޝާއިންޓޭ) އަދި އަޝްފާގު އާދަމް (އައްކަޅޭ) ވެސް ހިމެނިފައެއް ނުވެއެވެ.
ގައުމީ ވޮލީ ޓީމުގައި އެންމެ މުހިންމު ރޯލެއް އަދާކުރާ އެއް ކުޅުންތެރިޔާ، ކުޑަ ކާއްޓޭ މިފަހަރުގެ ޓީމުގައި ހިމެނިފައި ނުވަނީ އާއިލާ ކަންކަމަށް ވަގުތު ދިނުމަށް ބޭނުންވާތީ އޭނާ އަމިއްލައަށް ބޭނުންވެގެން ކަމަށް ވީއެމްއިން ވަނީ ކުރިން ބުނެފައެވެ.
ގައުމީ ވޮލީ ޓީމުގެ ސްކޮޑު:
ހުސައިން ވިޝާމް (ބުޅިކޭ)
ހަސަން ނިލާމް
އާދަމް ނަސީމް
އަހުމަދު އަނިލް ނަސީރު
އަލީ މައުރޫފް (ސަންޑޭ)
އަލީ ހުޒާމް (ހުޒާންޓެ)
މުހައްމަދު މިމްރާހް
އަހުމަދު ޝިމާއު
މުހައްމަދު މިމްރާހް ހަސަން
އަހުމަދު އަބްދުލް ކަރީމް (ލޯންގޭ)
ޝުއައިބު އަބްދުލް ލަތީފް
އާދަމް ފައިރޫޒް
މުހައްމަދު ނައީމް
އަލީ ޖަވާމް
ތައިލެންޑުގައި ކުރިއަށްދާ ފަރިތަކުރުންތަކަށްފަހު، ރާއްޖޭގެ ޓީމު ބަންގާޅަށް ފުރާނީ މިމަހުގެ 19 ވަނަ ދުވަހުއެވެ.