ރާއްޖޭގައި ފުރަތަމަ ފަހަރަށް ބައިނަލްއަގުވާމީ ޤުރުއާން މުބާރާތެއް ރޯދަ މަހު ބާއްވަން ގުރުއާނާ ބެހޭ މަރުކަޒުން ނިންމައިފި އެވެ.
ބައިނަލްއަގުވާމީ ޤުރުއާން މުބާރާތާ ބެހޭ ގޮތުން މައުލޫމާތު ދިނުމަށް ޤުރުއާނާ ބެހޭ މަރުކަޒުގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ބާގިރު ވިދާޅުވީ ޤުރުއާން މުބާރާތް ކުރިއަށް ގެންދާނީ ޤުރުއާނާ ބެހޭ މަރުކަޒާއި ދައުލަތުގެ މީޑިއާ (ޕީއެސްއެމް)އާ އަދި އަދި އިސްލާމިކް މިނިސްޓްރީ ގުޅިގެން ކަމަށެެވެ.
ނޫރުލް މުބީންގެ ނަމުގައި ބާއްވާ ބައިނަލްއަގުވާމީ ޤުރުއާން މުބާރާތުގައި ބައިވެރިވުމަށް މިހާރު ބައެއް ގައުމުތަކަށް ދައުވަތު އަރުވައިފައިވާ ކަމަށާއި އަދި އަނެއްބައި ގައުމުތަކަށް މިހާރު ދައުވަތު ފޮނުވަމުންދާ ކަމަށް އިސްލާމިކް މިނިސްޓަރު ވިދާޅުވި އެވެ.
"ހަމަޖެހިފައިވާ ގޮތުން މުބާރާތް ކުރިއަށްދާނެ މޭ މަހު 13.14،15 އަދި 16 ވަނަ ދުވަސްތަކުގައި. ދެން ޖުމްލަ ގޮތެއްގައި މުބާރާތުގައި ބައިވެރިވާނީ 11 ގައުމަކުން، ދިވެހިރާއްޖެ ހިމެނޭ ގޮތަށް. އެއީ މިސްރު، ސޫދާން، ސައުދީ އަރަބިއްޔާ، އެމިޜޭޓްސް، ތުރުކީ، ޕާކިސްތާން، ބަނގުލަދޭޝް، އިންޑޮނީޝިއާ، މެލޭޝިއާ އަދި އަވަށްޓެރި އެހެން ގައުމެއް ކަމަށްވާ ސްރީލަންކާއިން" ޑރ. ޒިޔާދު ވިދާޅުވި އެވެ.
މުބާރާތުގެ ނަތީޖާ އިއުލާން ކުރުމަށް ހަމަޖެހިފައި ވަނީ މޭ 17 ވަނަ ދުވަހު ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.
ޑރ. ޒިޔާދު ވިދާޅުވީ މުބާރާތުގައި ފަނޑިޔާރުކަން ކުރައްވާނީ ޤުރުއާނުގެ އިލްމުގައި ފާހަގަކޮށްލެވޭ އަދި ދުނިޔޭގެ އެކި ގައުމުތަކުން ހޮވާލެވިފައިވާ ފުންނާބު އުސް ފަނޑިޔާރުން ކަމަށެވެ. އޭގެ ތެރޭގައި މިސްރު، ސައުދީއަރަބިއްޔާ، ޕާކިސްތާން އަދި ރާއްޖޭގެ ފަނޑިޔާރުން ހިމެނޭކަމަށް ވެސް ޑރ. ޒިޔާދު ވިދާޅުވި އެވެ.
ކޮންމެ ގައުމަކުން ބޭފުޅެއް ވާދަކުރައްވަން ހަމަޖެހިފައިވާ އެ މުބާރާތުގައި ރާއްޖޭގައި ބައިވެރިވާނެ ބޭފުޅެއް ކަނޑައޅުމަށް ވަރަށް އަވަހަށް މުބާރާތެއް ބާއްވާނެ ކަމަށާއި އަދި ބާއްވާނެ ތާރީހު ވަރަށް އަވަހަށް އިއުލާން ކުރައްވާނެ ކަމަށް ވެސް ޑރ. ޒިޔާދު ވިދާޅުވި އެވެ.
މުބާރާތް ކުރިއަށް ދާނީ ޕީއެސްއެމް އާއި ގުރުއާނާ ބެހޭ މަރުކަޒުން އެކުލަވާލައިފައިވާ ކޮމެޓީއަކުން ކަަމަށް ވެސް ޑރ. ޒިޔާދު ވިދާޅުވި އެވެ.
ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބަދުލް ގައްޔޫމުގެ ދައުވަތަކަށް ބާއްވާ އެ މުބާރާތުގައި ރައީސްގެ ހާއްސަ އިނާމެއް ދިނުމަށް ހަމަޖެހިފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.
މުބާރާތް ކުރިއަށްދާއިރު ޕީއެސްއެމް އިން ލައިވް ކުރުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.
އެއްވަނަ އިނާމް : 30،000 ޑޮލަރު
ދެވަނަ އިނާމް : 15000 ޑޮލަރު
ތިންވަނަ އިނާމް : 5000 ޑޮލަރު