ޓްރަމްޕް ޓަވަރުގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި މީހަކު މަރުވެއްޖެ

ޓްރަމްޕް ޓަވަރުގެ 50 ވަނަ ފަންގިފިލާގައި ރޯވެފައި -- ފޮޓޯ: އޭޕީ

ވޮޝިންޓަން (އޭޕްރިލް 8): އެމެރިކާގެ ނިއު ޔޯކުގައި ހުންނަ ޓްރަމްޕް ޓަވަރުގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި އެކަކު މަރުވެ ހަތަރު ފަޔާފައިޓަރުންނަށް އަނިޔާވެއްޖެ އެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި އާއިލާ މީގެ ކުރިން ދިރިއުޅުއްވި ޓްރަމްޕް ޓަވަރުގައި ރޯވީ އޮފީސްތަކާއި މީހުން ދިރިއުޅޭ އެޕާޓްމެންޓުތަކެއް ހުރި 50 ވަނަ ފަންގިފިލާގައި އެވެ. އަދި އެ ހާދިސާގައި މަރުވީ އޭގެ ތެރެއިން އެޕާޓްމެންޓެއްގައި ދިރިއުޅުނު، އުމުރުން 67 އަހަރުގެ މީހެއް ކަމަށް ފުލުހުން ބުންޏެވެ.

އެ ހާދިސާ ހިނގިތާ 45 ވަރަކަށް މިނިޓު ފަހުން ރައީސް ޓްރަމްޕް ވަނީ ޓަވަރުގައި ރޯވި އަލިފާންގަނޑު ނިއްވާލާފައިވާ ކަމަށް ޓުވީޓު ކުރައްވައިފަ އެވެ. އަދި އަލިފާން ނިއްވި ފަރާތްތަކަށް ޝުކުރު އަދާ ކުރައްވައި، ޓްރަމްޕް ޓަވަރަކީ ވަރަށް ފުރިހަމަކޮށް އިމާރާތްކޮށްފައިވާ ޓަވަރެއް ކަމަށް ވިދާޅުވެފަ އެވެ.

ޓްރަމްޕް ޓަވަރުގައި ރޯވާން މެދުވެރިވި ސަބަބު އަދި ޔަގީންވެފައެއް ނުވެ އެވެ. (ބީބީސީ)

comment ކޮމެންޓް