މެސީގެ ހެޓްރިކުން ބާސާ، ލަލީގާ ރެކޯޑެއް މުގުރާލުމާ ގާތަށް

ރޭގެ މެޗުގައި ލެގަނޭސް ކޮޅަށް ލަނޑެއް ޖެހުމަށްފަހު، ބާސާގެ އާޖެންޓީނާ ތަރި، ލިއޮނެލް މެސީ އުފާފާޅުކުރަނީ: އެ މެޗުގައި މެސީ ހެޓްރިކެއް ފުރިހަމަކުރި --- ފޮޓޯ/ އޭޕީ

އާޖެންޓީނާ ތަރި ލިއޮނެލް މެސީގެ ހެޓްރިކުން ބާސެލޯނާއިން ސްޕެނިޝް ލަލީގާ މަޗަކުން ބަލިނުވެ އެންމެ ގިނަ މެޗު ހަމަކުރި ޓީމުގެ ރެކޯޑާ އަރާ ހަމަކޮށްފިއެވެ.

މެޗަކުން ބަލިނުވެ ބާސާއިން 38 ލަލީގާ މެޗު ހަމަކޮށްފައިވާ އިރު، ބާސާއިން ވަނީ ރެއާލް ސޮސިއެޑާޑުން ބަލިނުވެ އެންމެ ގިނަ މެޗު ހަމަކުރި ރެކޯޑާ އަރާ ހަމަކޮށްފައެވެ. ސޮސިއެޑާޑުން އެ ރެކޯޑު ގާއިމްކޮށްފައިވަނީ 1980 ވަނަ އަހަރުއެވެ.

އަމިއްލަ ދަނޑުގައި ރޭ ކުޅުނު ލަލީގާ މެޗުގައި ލެގަނޭސް އަތުން ބާސާ މޮޅުވީ 3-1ގެ ނަތީޖާއަކުންނެވެ. ލަލީގާ ތާވަލުގައި ބާސާއާއި ދެވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑާ ދެމެދު މިހާރު 12 ޕޮއިންޓްގެ ފަރަގެއް އެބައޮތެވެ. ބާސާއަށް 31 މެޗުން 79 ޕޮއިންޓް ލިބިފައިވާ އިރު، އެތުލެޓިކޯއަށް 30 މެޗުން ލިބިފައިވަނީ 67 ޕޮއިންޓެވެ.

ރޭގެ މެޗުގައި ބާސާއަށް މެސީ ލީޑު ހޯދައިދިނީ 27 ވަނަ މިނެޓުގައެވެ. ބާސާއަށް ލިބުނު ހިލޭ ޖެހުން، މެސީ ވަނީ ލެގަނޭސްގެ ވޯލްގައި އެތުރިގެން ތިބި ކުޅުންތެރިންގެ ބޯ މަތިން ގޯލުގެ ކަނަކަށް އަމާޒުކޮށްލައިފައެވެ.

ބާސާއަށް މެސީ ލީޑު ހޯދައިދިންތާ ފަސް މިނެޓުތެރޭ އޭނާ ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް، ލީޑު ފުޅާކޮށްދީފައެވެ. ފިލިޕް ކުޓީނިއޯ ދިން ބޯޅަ، މެސީ ވަނީ ވަރަށް ރީތިކޮށް ލެގަނޭސްގެ ގޯލުގެ ތެރެއަށް ފޮނުވާލައިފައެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 2-0ގެ ނަތީޖާއަކުން ބާސާ ކުރީގައި އޮވެގެންނެވެ.

މެޗުގެ 68 ވަނަ މިނެޓުގައި ލަނޑެއް ޖެހުމަށް މަސައްކަތްތަކެއް ކުރަމުންދިޔަ ލެގަނޭސްއިން ވަނީ އުންމީދެއް އާކޮށްފައެވެ. ގެބްރިއަލް ދިން ބޯޅައަކުން ލެގަނޭސްއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ނާބިލް އެލް ޒާރްއެވެ. އެ ލަނޑު ޖެހުމުގެ ދެ މިނެޓް ކުރިން އޭނާއަށް ލަނޑުޖަހާނެ ފުރުސަތެއް ލިބިގެންދިޔަ ނަމަވެސް، އެ ހަމަލާ ބާސާގެ ގޯލާ އަމާޒުވެފައެއް ނުވެއެވެ.

ތިންވަނަ ލަނޑެއް ކާމިޔާބުކޮށް، މެސީ ހެޓްރިކް ފުރިހަމަކުރީ މެޗު ނިމެން ތިން މިނެޓަށް ވެފައި ވަނިކޮށެވެ. އޮސްމާނޭ ޑެމްބެލޭ ދިން ބޯޅަ، ވަރަށް ރީތިކޮށް ކޮންޓްރޯލް ކޮށްލުމަށްފަހު މެސީ ވަނީ ލެގަނޭސްގެ ގޯލުގެ ތެރެއަށް ފޮނުވާލައިފައެވެ.

comment ކޮމެންޓް