ތިން ސީޒަނުގެ ހުރިހާ ޖަޖުން ފެނުނު އެޕިސޯޑުގައި ދެބަސްވުންތަކެއް

ރޭގެ ޝޯގެ ޖަޖުންގެ ޕެނަލް --- ފޮޓޯ: މޯލްޑިވިއަން އައިޑަލް

މޯލްޑިވިއަން އައިޑަލްގެ ރޭގެ އެޕިސޯޑަކީ ފޯރިގަދަ އެޕިސޯޑެކެވެ. ޖަޖުންގެ ޗޮއިސްގެ ލަވަ ބައިވެރިން ކީ އިރު މުބާރާތުގެ އަށް ބައިވެރިން ވަނީ ހަތަރު ޖަޖުންގެ މެދުގައި ބަހާލައިފައެވެ.

ކޮންމެ ޖަޖަކަށްވެސް ގުރުއަތުން ދިމާވި ދެ ބައިވެރިއަކު އެ ޖަޖަކު ބޭނުންވާ ގޮތަކަށް ޓްރެއިންކޮށް ޖަޖު ބޭނުންވާ ލަވައެއް ކިޔުއްވިއެވެ.

ޖަޖު އުނޫޝާގެ ޓީމުގައި ހިމެނުނީ ޝަހުދާންއާއި ރައިހާނެވެ. ޒާރާއަށް މުނާޒްއާއި މައީޝާ ލިބުނު އިރު އަޒަލްއާއި ތަސްލީމު ލައްވާލީ ޖަޖު އައްމަޑޭއަށެވެ. ޖަޖު އައްފާނަށް ޓްރެއިންކުރަން ލިބުނީ ސައިނާއާއި ނައުޝާދެވެ.

ރޭގެ ޝޯގައި ޖަޖު މަރިޔަމް އުނޫޝާގެެ ޚިޔާލު އެހެން ޖަޖުންގެ ޚިޔާލާ ތަފާތުވެ ބޮޑު ދެބަސްވުމަކަށް ދިޔަތަން ފެނުނެވެ. ބައިވެރިން ލަވަ ނަގާއިރު އިތުރަށް ސަމާލުވެ އެ ބައިވެރިއަކާ އެންމެ ގުޅޭ ލަވައެއް ނެގުމަށް އުނޫޝާ ބުންޏެވެ.

މޯލްޑިވިއަން އައިޑަލް ސީޒަން 3 ގެ ގަދަ 8 --- ފޮޓޯ: މޯލްޑިވިއަން އައިޑަލް

ވަކި ބައިވެރިޔަކު މޮޅު ކަމަށް ބުނެ، ދެން ތިބި ބައިވެރިންނަށް އަދި އެވަރަށް ލަވަ ނުކިޔޭނެ ކަމަށް އުނޫޝާ ބުނުމުން ޓްވިޓާގައިވެސް އުނޫޝާއަށް ފާޑުކިޔުން ވަރަށް ބޮޑަށް އަމާޒުވިއެވެ.

އުނޫޝާގެ ވާހަކަތަކަށް ޖަޖު އައްފާނު ބުނީ، ހުރިހާ ބައިވެރިންނަކީވެސް ހަތަރު ޖަޖުން ތިބެގެން އެ ހިސާބަށް ގެންދިޔަ ކުދިން ކަމަށެވެ. ބައިވެރިންގެ ސްޓައިލުން ބޭރުން ލަވަ ކިއުމަކީ އެމީހުންނަށް ކޮންމެ ކަހަލަ ލަވައެއް ދިނަސް ކިޔޭނެކަން އަންގައިދިނުމަށް ލިބިގެންދާނެ ފުރުސަތެއްކަން ޖަޖު ޒާރާވެސް ފާހަގަކުރިއެވެ.

އުނޫޝާގެ ވާހަކަތައް ފެށުނީ އޭނާގެ ދެ ބައިވެރިންނަށް ލަވައިގެ ލިރިކްސް އޮޅުނު ހިސާބުންކަން ފާހަގަކުރެވެއެވެ.

ރޭގެ ޝޯއިން އެންމެ ފާހަގަ ކުރެވުނީ އައިޑަލްގެ ތިން ސީޒަނުގެ ހުރިހާ ޖަޖުން ޖަޖިން ޕެނަލް އިން ފެނުނު ތަނެވެ. ކުރީ ދެ ސީޒަނުގެ ޖަޖުންގެ ޕެނަލުގައި ހިމެނުނު އިބްރާހިމް ޒައިދު އަލީ (ކުޑަ އިއްބެ) ގެސްޓު ޖަޖެއްގެ ގޮތުގައި ރޭގެ ޝޯގައި ބައިވެރިވިއެވެ.

ރޭގެ ޝޯ ގިނަ ބަޔަކު ސިފަކުރީ ބޮޑު ޑްރާމާއެއްގެ ގޮތުގައެވެ.

މިރޭ އޮންނާނީ އެލިމިނޭޝަނެވެ. އައިޑަލްގެ ގަދަ ހަތެއް މިރޭ ކަށަވަރުވާނެއެވެ.

comment ކޮމެންޓް