ދެކުނު ކޮރެއާގެ ކުރީގެ ރައީސާ 24 އަހަރަށް ޖަލަށް ލާން ހުކުމް ކޮށްފި

ދެކުނު ކޮރެއާގެ ކުރީގެ ރައީސާ ޕާކް ގުން ހޭ ---

ދެކުނު ކޮރެއާގެ ކުރީގެ ރައީސާ ޕާކް ގުން ހޭ 24 އަހަރަށް ޖަލަށް ލުމަށް ހުކުމް ކޮށްފިއެވެ.

ކުރީގެ ރައީސާ ޕާކް ގުން ހޭއަށް 24 އަހަރުގެ ހުކުމެއް އައިސްފައި މިވަނީ، އެކަމަނާގެ މައްޗަށް ކުރި ރިޝްވަތާއި ކޮރަޕްޝަނާއި މަގާމުގެ ބާރާއި ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކުރިކަމުގެ ދައުވާތައް ސާބިތުވުމާ ގުޅިގެންނެވެ.

ދެހާސް ސޯޅަވަނަ އަހަރު އިތުބާރު ނެތްކަމުގެ ވޯޓެއް ނަގައި، ރައީސާގެ މަގާމުން ދުރުކުރި ޕާކް ގުން ހޭގެ މައްޗަށް ކުރެވުނު އެންމެ ބޮޑު ތުހުމަތަކީ އެކަމަނާގެ ގާތް ރަހުމަތްތެރިޔާ ޗޮއި ސޫން ސިލްއަށް ނާޖާއިޒު ފައިދާތަކެއް ހޯދުމަށް މަސައްކަތް ކުރެއްވުމެވެ.

އެގޮތުން، ބައެއް ބޮޑެތި ވިޔަފާރިތަކަށް ޕްރެޝަރުކޮށް، އެކަމަނާގެ ސިޔާސަތުތަކެއް ކުރިއެރުވުމަށް އުފެއްދެވި ދެ ފައުންޑޭޝަނަކަށް ފައިސާގެ އެހީ ހޯއްދެވިކަމަށް ތުހުމަތު ކުރެވިފައިވެއެވެ. މީގެ އިތުރުން މަޝްހޫރު ސެމްސަންގް ގްރޫޕުގެ އިސްވެރިޔާގެ ފަރާތުން ރިޝްވަތު ހޯއްދެވުމަށް އެކަމަނާ މަސައްކަތް ކުރެއްވިކަމަށް ދައުވާ ކުރެވުނެވެ.

މީގެ އިތުރުން މަޝްހޫރު އޮޓޮމޮބައިލް ކުންފުނި "ހްޔުންޑައި"އިން، ރަހުމަތްތެރިޔާ ޗޮއިގެ ކުންފުނި އިޝްތިހާރުކޮށް، ނާޖާއިޒު ފައިދާތަކެއް ހޯދުމަށް ކުރީގެ ރައީސާ ޕާކް މަސައްކަތް ކުރެއްވިކަމަށްވެސް ދައުވާ ކުރެވުނެވެ.

ދެކުނު ކޮރެއާގެ ދައުލަތުގެ ނޫސް އޭޖެންސީ ޔޮންހެޕްއިން ރިޕޯޓުކުރާ ގޮތުގައި ޕާކް މިއަދުގެ ޝަރީއަތަށް ހާޒިރުވެވަޑައެއް ނުގަންނަވައެވެ.

ކޮރަޕްޝަނާއި ނާޖާއިޒު ފައިދާގެ ތުހުމަތުތަކުގައި ޕާކް ހައްޔަރުކުރެވުނީ މިދިޔަ އަހަރުގެ އޭޕްރިލް މަހުގެ އެއްވަނަ ދުވަހުއެވެ.

comment ކޮމެންޓް