ރޮހިންގާ ކުދީންނަށް ތައުލީމު ފޯރުކޮށްދިނުމަށް ސަލްމާން ރަސްގެފާނުގެ ދީލަތި އެހީފުޅެއް

ކިންގް ސަލްމާން ހިއުމަނިޓޭރިއަން އެއިޑް އެންޑް ރިލީފް ސެންޓަރުން މެލޭޝިއާގައި ހުންނަ ސައުދީ ސްކޫލްތަކާ ގުޅިގެން ރޮހިންގާ ދަރިކޮޅުގެ ކުދީންނަށް ތައުލީމު ފޯރުކޮށްދިނުމަށް އެއްބަސްވުމެއްގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތު-- ފޮޓޯ: އެސްޕީއޭ

ކުއަލަ ލަމްޕޫރް – (އޭޕްރީލް 5، 2018) - އަމިއްލަ ވަޒަނުގައި ދިރި ނޫޅެވިގެން، މިޔަންމާ ދޫކޮށް ހިޖްރަކޮށްފައިވާ، ރޮހިންގާ ދަރިކޮޅުގެ ކުދީންނަށް ތައުލީމު ފޯރުކޮށްދިނުމަށްޓަކައި، ކިންގް ސަލްމާން ހިއުމަނިޓޭރިއަން އެއިޑް އެންޑް ރިލީފް ސެންޓަރ (ކޭއެސްރިލީފް)ގެ ފަރާތުން ޚާއްސަ މަޝްރޫއެއް ފަށައިފިއެވެ.

މެލޭޝިއާގެ ވެރިރަށް ކުއަލަ ލަމްޕޫރުގައި ހުންނަ ސައުދީ ސްކޫލްތަކާ ގުޅިގެން ކޭއެސްރިލީފް އިން ކުރިއަށް ގެންދާ މި މަޝްރޫއުގެ އެއްބަސްވުމުގައި މިއަދު ވަނީ ސޮއިކޮށްފައެވެ. އެ ރަސްމިއްޔާތުގައި މެލޭޝިއާއަށް ކަނޑައަޅާފައި ހުންނަވާ ސައުދީ ސަފީރު މަހްމޫދު ޙުސައިން ޣައްޘާން ބައިވެރިވެވަޑައިގަތެވެ.

ކިންގް ސަލްމާން ހިއުމަނިޓޭރިއަން އެއިޑް އެންޑް ރިލީފް ސެންޓަރުން މެލޭޝިއާގައި ހުންނަ ސައުދީ ސްކޫލްތަކާ ގުޅިގެން ރޮހިންގާ ދަރިކޮޅުގެ ކުދީންނަށް ތައުލީމު ފޯރުކޮށްދިނުމަށް ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައި-- ފޮޓޯ: އެސްޕީއޭ

ސައުދީ ޕްރެސް އޭޖެންސީ (އެސްޕީއޭ)އިން ބުނީ، ރޮހިންގާ ދަރިކޮޅުގެ ރެފިއުޖީންގެ ތެރޭގައި ހިމެނޭ ކުދީންނަށް ތައުލީމީ ފުރުސަތުތައް ތަނަވަސްކޮށްދިނުމަށް ކުރިއަށް ގެންދާ މި މަޝްރޫއަކީ ދެ ޙަރަމްގެ އިމާމް، ސައުދީ ރަސްގެފާނު ސަލްމާން ބިން ޢަބްދުލް ޢަޒީޒު އާލް ސައުދާއި، ވަލީއަޙްދުގެ ގޮވާލެއްވުމަށް ކުރިއަށް ގެންދާ މްޝްރޫއެއް ކަމަށެވެ.

ކޭއެސްރިލީފާއި ކޭއެލްގައި ހުންނަ ސައުދީ ސްކޫލްތައް ގުޅިގެން ކުރިއަށް ގެންދާ މި މަޝްރޫއަށް ގާތްގަނޑަކަށް 196,361 އެމެރިކާ ޑޮލަރު ހޭދަވާނެއެވެ. އަދި ސީދާގޮތެއްގައި މި މަޝްރޫއުގެ ފައިދާ 1680 ދަރިވަރުންނާ ލިބޭނޭކަމަށް ކޭއެސްރިލީފުން އަންދާޒާ ކުރެއެވެ.

ސައުދީ ރަސްގެފާނާއި ވަލީއަޙްދު ވަނީ، ހާލުގައި ޖެހިފައިވާ ރޮހިންގާ ދަރިކޮޅުގެ ރެފިއުޖީންނަށް ކުރިމަތިވެފައިވާ ހިތްދަތި ދިރިއުޅުމުންނާއި ދަތިތަކުން އަރައިގަތުމަށް ވީ އެންމެ އަވަހަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ގޮވާލައްވައިފައެވެ.

comment ކޮމެންޓް