ސެގަޓަށް ބޮޑެތި ފާޑުކިޔުންތަކެއް، އޭނާ ބުނަނީ އިހުތިރާމް ކުރާނެ ކަމަށް!

ގައުމީ ޓީމުގެ ކޯޗު ޕީޓާ ސެގަޓް --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ރާއްޖޭގެ ފުޓުބޯޅަ މަޝްރަހު އަދިވެސް އޮތީ ހަލަބޮލި ކޮށެވެ. ގައުމީ ޓީމާ އަލަށް ހަވާލުވި ކޯޗު، ޕީޓާ ސެގެޓާއި ގައުމީ ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ)އާ ދެމެދު ދިމާވި ނުތަވަސްކަމުގެ ސަބަބުން ދިވެހި ފުޓުބޯޅަ އާއިލާއިން ކޯޗާ ގުޅިގެން ތަފާތު ހިޔާލުތައް ދަނީ ފާޅުކުރަމުންނެވެ. ފާޑުކިޔުމާއި، ތާއިދެވެ. ދެކޮޅަށްވެސް ބަސްބުނާ މީހުން އެބަތިއްބެވެ.

ޕްރެސްއަށް ނުދިޔުމާއި އެހެނިހެންވެސް ބައެއް ސަބަބުތަކާ ހުރެ، ދަގަނޑޭ ގައުމީ ޓީމުގެ ސްކޮޑުން ބޭރުކޮށް، ކޯޗު ސެގަޓް ބުނެފައިވަނީ ބޫޓާން މެޗު ކުޅުމަށް ދަގަނޑޭ "މެންޓަލީ" ފިޓް ނޫން ކަމަށެވެ. އެހެން ބުނުމާއެކު ގިނަ ބަޔަކު "މެންޓަލީ" ސިފަކޮށްފައިވަނީ ސިކުނޑި ހަމަ ނުޖެހުން ކަމަށެވެ. އެހެން ނަމަވެސް އެ ލަފްޒަކީ ފުޓުބޯޅައިގައި އެހެން މާނައެއް ނެގޭ ބަހަކަށްވެސް ވެދާނެއެވެ. ވަކި ކަމެއްގައި މީހަކު މެންޓަލީ ފިޓެއް ނޫނޭ ބުނުމުން، އޭގެ މާނައަކީ އެމީހާ މޮޔައަކަށް ހެދުން ކަމަށް ގަބޫލުކުރާ ނަމަ، ދުނިޔެމަތީގައި މޮޔައިންވެ އާބާދީ އިންތިހާއަށް ދިއުމަކީ ދުރުކަމަކަށް ނުވާނެއެވެ.

އަޝްފާގު ގައުމީ ޖާޒީގައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޯޗުގެ ކުއްލި ނިންމުންތަކާއެކު، އެއްބަޔަކު އޭނާއަށް ނަފުރަތުކުރާއި އޭނާއަށް ހިތްވަރު ދޭ ބަޔަކުވެސް އެބައުޅެއެވެ. ކޯޗަށް ހިތްވަރު ދިން ނަމަވެސް، ހުރިހާ ދިވެހިން ހިތާ ހިތުން ގަބޫލުކުރާ ގަބޫލުކުރުމެއް އެބައޮތެވެ. އެ ގަބޫލުކުރުމަކީ ގައުމީ އެންމެ މަތީ ޝަރަފު ދަގަނޑޭއަށް ހައްގުވާކަމަށް ގަބޫލުކުރުމެވެ. ދަގަނޑޭގެ ކެރިއަރު ނިމެންޖެހޭނީ އެންމެ އަދަބުވެރިކޮށް، ދިވެހިން އޭނާއަށް ދޭން ޖެހޭ ފުރިހަމަ ރަން ދޫލައިގެ ވަދާއަކުން ކަމެވެ. ހަމަ އެހެންމެ ދަގަނޑޭ އަކީ އެތަކެއް ދިވެހި ދަރީންގެ ރޯލް މޮޑެލްއަކަށް ވާއިރު، ދަގަނޑޭގެ ޒިންމާތައް ވެސް އެހެން ކުޅުންތެރީންނަށް ވުރެ ބޮޑުވާނޭ ކަމެވެ.

ދުނިޔޭގެ ފުޓްބޯޅަ ތަށި އެންމެ ފަހުން އުފުލާލި ޖަރުމަނަށް ނިސްބަތްވާ، އަދި ވިލާތު ފުޓްބޯޅައިގެ ތަޖްރިބާވެސް ލިބިފައި ހުރި ތަޖްރިބާކާރު ކޯޗު، ސެގަޓުގެ ނިންމުންތަކަކީ އޭނާ ބުނާ ގޮތުން ރާއްޖޭގެ ފުޓުބޯޅައިގެ މުސްތަގުބަލަށް ނިންމި ނިންމުންތަކެކެވެ. ކުޅުންތެރިންގެ ސުލޫކާއި އަދަބުވެރިކަން ހިފެހެއްޓުމަށް އެ ނިންމުންތައް މުހިއްމު ކަމަށްވެސް ކޯޗުވަނީ ބުނެފައެވެ. އަދި ދަގަނޑޭއަށް ޝަރަފާއެކު ރިޓަޔާކުރަން ދޭން ޖެހޭ ފުރިހަމަ އެއްބާރުލުން ދޭން ހުރި ކަމަށްވެސް ސެގަޓް ބުންޏެވެ.

ކުޅުންތެރިންނަށް ވީތީ ކޮންމެހެންވެސް ހުންނަން ޖެހޭ "ކެރެކްޓާ" އެއްގެ ވާހަކަ ސެގަޓް އަބަދުވެސް ދައްކަމުންދާ އިރު، އެ ފަދަ ކުޅުންތެރިން ބިނާ ކުރުމަށް ޕްރޮފެޝަނަލިޒަމް ގެންނަން ޖެހޭ ކަމަށް ސެގަޓްވަނީ ތަކުރާރުކޮށް ފާހަގަކޮށްފައެވެ.

ހާލަތު މިހެން އޮތް އިރު، ރާއްޖޭގެ ފުޓުބޯޅަ އާއިލާގައި އިހުތިރާމް ލިބިފައިވާ ގިނަ ބަޔަކުވަނީ ސެގަޓްގެ ނިންމުމަށް ބޮޑެތި ފާޑު ކިޔުންތަކެއް އަމާޒުކޮށްފައެވެ. ސެގަޓްގެ ނިންމުމާ މެދު ގިނަ ސުވާލުތަކެއް އުފައްދައިފައެވެ.

ދިވެހި ގިނަ ކޯޗުން އަދި ކުރީގެ ކުޅުންތެރިންގެ ފާޑުކިޔުންތައް

ސެގަޓްގެ ނިންމުމާ ގުޅިގެން އެންމެ ބޮޑަށް ފާޑުކީ އެއް ކޯޗަކީ 32 އަހަރު ފުޓުބޯޅައިގެ ތެރޭގައި ހޭދަކޮށް، ރާއްޖޭގެ ގިނަ ކާމިޔާބީތަކެއް ހޯދައިފައިވާ ކޯޗު، އަލީ ސުޒޭން އެވެ.

ކްލަބު ގްރީން ސްޓްރީޓްސްއާއި ވިކްޓަރީ ސްޕޯޓްސް ކްލަބު މިރޭ ވާދަކުރާ މެޗުގާ ގުޅިގެން ބޭއްވި ޕްރެސްގައި ވާހަކަ ދައްކަމުން ސުޒޭން ބުނީ ދަގަނޑޭއާ ދޭތެރޭ ނިންމި ނިންމުމަށް، ގައުމީ ކޯޗު މާފަށް އެދެން ޖެހޭ ކަމަށެވެ.

"އަޅުގަނޑު ގޮވާލަން ކޯޗަށް، ޕަބްލިކަލީ މާފަށް އެދެން. އޭނާ ކުރި ކަންތަކަަށް. ހާއްސަކޮށް އަޝްފާގަށް އޭނާ ކުރި ކޮމެންޓާ ގުޅިގެން މާފަށް ނޭދެނީސް، ހަމަ ގަައިމުވެސް އޭނައާ ދޭތެރޭ އަޅުގަނޑުގެ ހިތެއް ހެވެއް ނުވާނެ. މާފެއްވެސް ނުކުރާނަން. ދެން ކެޕްޓަނެއް ނެގުމުގައި އޭނާ ދެއްކި އުޒުރު އަޅުގަނޑުމެން ހަޖަމު ކޮށްލާނަން،" ސުޒޭން ބުންޏެވެ.

ގްރީންގެ ކޯޗު، އަލީ ސުޒޭން --- ސަން ފޮޓޯ/ ފަޔާޒް މޫސާ

ސުޒޭން ބުނީ ގައުމީ ކޯޗަކާ މި ހަވާލުކުރަނީ ރަސްކަން ނޫން ކަމަށާއި، ކޯޗަކަށް އައިސް ބޭނުންހައި ގޮތަކަށް ކަން ކޮށްފައި ދާތަން ބަލަން، ނޫނީ އޭނާގެ ފައިބުޑަށް ވެއްޓި ގަނެގެން ތިބެން ނުޖެހޭނެ ކަމަށް ސުޒޭން ބުންޏެވެ.

"ހަމަ ކޮންމެ މީހަކުވެސް މި ގެންނަނީ މާ މޮޅު މީހަކަށް ހަދައިގެން. މޮޅެތި މީހުން މި އަންނަނީ. މާ ގިނަ ކްލަބުތަކުގައި މަސައްކަތް ނުކޮށް އޮތް ނަމަވެސް، ޕްރޯ ލައިސަންސް އޮތީމަ އަހަރެމެން މި ބަލަނީ މޮޅު މީހުން ކަމަށް މި ގެންނަނީ. އައިސްފައި އެމީހުނަށް ރަސްކަމެއް ނޫން ހަވާލުކުރަނީ. އެމީހުނަށް ގައުމީ ފުޓުބޯޅަ ޓީމު ކާމިޔާބީއާ ހަމައަށް ބައްޓަން ކުރުމަށް މި ހަވާލުކުރަނީ،" ސުޒޭން ބުންޏެވެ.

ސުޒޭން ބުނީ ކުޅުންތެރިން ޑިސިޕްލިން ކުރުމަކީ ގައުމީ ކޯޗު އަމަލުކުރި ގޮތް ނޫން ކަމަށާއި، ކުއްލިއަކަށް ނިންމި ނިންމުންތަކުން ބޮޑެތި ބައިބައިވުންތަކެއް ފުޓުބޯޅަ އާއިލާގައި އުފެދިއްޖެ ކަމަށެވެ.

"ކޮންމެ މީހަކުވެސް އައިސް ކަންކަން ކުރާ ގޮތުން އެކަން މަތި ޖަހަން ތިބި މީހުން މިބުނަނީ ޑިސިޕްލިން ކުރަނީއޭ. އެކަމަކު ޑިސިޕްލިން ކުރަނީ އެހެނެއް ނޫން. ހުން އައިސްގެން އޮންނަ މީހާ ފުރަތަމަ ސަންދޯކަށް ލައި ވަޅުލާނީކީ އެއް ނޫން. އެއަށް ޕެނަޑޯލް ދީގެން ހުން ރަނގަޅު ކުރެވޭނީ. ދެން ހުރި ކަންކަން ކުރަން ޖެހެނީ. އެހެނަސް އެ ތަރުތީބު އޮޅި، ބޭރުން އަންނަ މީހާ ކުރާ ކަންތައް މިބަލަނީ ވަރަށް މޮޅު ކަމަކަށް. ވަރަށް މޮޅު މީހަކަށް އޭނާ މިވަނީ،" ސުޒޭން ބުންޏެވެ.

ސުޒޭން ބުނީ ނޭޕާލްގެ ކަތަމުންޑޫގައި އޭނާގެ މެނޭޖަރު ކަމުގައި ގައުމީ ޓީމު ކުޅުނު ސާފް ޗެމްޕިއަންޝިޕްގައިވެސް ދަގަނޑޭ ފެނިފައިވާނީ މީޑިއާ ރަށްޓެއްހި ކުޅުންތެރިއެއް ގޮތުގައި ކަމަށާއި، ދަގަނޑޭ މެނޭޖު ނުކުރެވުން އެއީ ދަގަނޑޭގެ މައްސަލައެއް ނޫން ކަމަށެވެ.

2015 ވަނަ އަހަރު އިންޑިއާގެ ޓްރިވެންޑްރަމްގައި ކުރިއަށްދިޔަ ސާފް ސުޒުކީ ކަޕްގައި ރާއްޖެ އާއި ބަނގުލަދޭޝް ބައްދަލު ކުރި މެޗުގެ ތެރެއިން-- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

ސުޒޭން އިތުރަށް ބުނީ އަޑޭ އަތުން ބޭންޑު ނެގީ އެއްވެސް ގޮތަކަށް އަޑޭއާ ވާހަކަ ނުދައްކާ ކަމަށާއި، އެކަމުގެ ސަބަބުން އަޑޭ އޭނާއާ މަޝްވަރާ ކުރި ކަމަށެވެ.

"މެންދުރު ގަޑީގައި ޓީމު މީޓިން ބާއްވަފައެއް ނޫން އެކަން ކުރަން ޖެހޭނީކީއެއް. އަޑޭ މެންދުރުގަޑީގައި ކައިގެން އައިއިރު ކެޕްޓަން ބޭންޑު ނެތް. މި ދައްކަނީ ދިވެހިރާއްޖޭގެ ގައުމީ ބޭންޑް އަޅާލުން މިއަށް ވުރެ ބޮޑު ޝަރަފެއް ދިވެހިރާއްޖޭގެ ފުޓްބޯޅައިގައި އޮންނާނެތޯ. އޭތި ކުއްލިއަކަށް މި ގެއްލެނީ. އަޑޭ އަޅުގަނޑު ކައިރިއަށް އައި. އަޅުގަނޑު އެވަގުތުވެސް އެންމެ ގައުމީ ވިސްނުމުގައި ހިޔާލު ދިނީ. އަޅުގަނޑު ބުނިން އަޑޭ ނިންމާ ކޮންމެ ނިންމުމަކަށް އަޅުގަނޑު އިހުތިރާމްކުރާނަމޭ. ތާއީދު ވެސް ކުރާނަމޭ. އެކަމަކު އަޅުގަނޑަށް ފެންނަނީ ތި މެޗުގައި އަޑޭ ބައިވެރިވާށޭ،"، ސުޒޭން ބުންޏެވެ.

ގައުމީ ކޯޗު، ސެގަޓް ބުނެފައިވަނީ އަޑޭ އަތުން ބޭންޑް ނެގީ މިއަހަރު ނިންމާލުމަށްފަހު ގައުމީ ޓީމުން ރިޓަޔާ ވާނެ ކަމަށް އޭނާ ބުނުމުން ދާއިމީ ކެޕްޓަނެއް ހޯދުމަށް ކަމަށެވެ. އަޑޭގެ ބަދަލުގައި ގައުމީ ޓީމުގެ ބޭންޑް ދިނުމަށް ކޯޗު ނިންމީ އަކުރަމް އަބްދުލްޣަނީ (އަކޫ) އަށެވެ.

ދިވެހި ސަޕޯޓަރުން އަޑުބަރޭ ގައިގައި ބައްދާލަނީ-- ސަން ފައިލް ފޮޓޯ

މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިޢޭޝަންގެ ކޯޗު، އިސްމާއީލް މަހެފޫޒް (އިންމަ)އަކީ ކުރީގެ ގައުމީ ޓީމުގެ އެސިސްޓެންޓް ކޯޗެވެ. ފުޓުބޯޅައިގެ ތަޖުރިބާކާރެކެވެ. އިއްޔެގެ ޕްރެސްގައި އިންމަ ފުރަތަމަވެސް ބުނީ އޭނާގެ އިރުޝާދުގެ ދަށުން މާޒިޔާގައި ކުޅެމުންދާ ނާއިޒް ހަސަން (ދާދު) ޓީމަށް ފުރަތަމަ ނުނެގި ސަބަބު ބުނެދޭން ނޭނގޭ ކަމަށާއި، ފަހުން ބޫޓާނާ ދެކޮޅަށް ކުޅުނު މެޗުގައި އޭނާ ދެއްކި ކުޅުމަކީ ހާއްސަ "ކެރެކްޓާ"އަކަށް ނޫނީ ފެންނާނެ ކަމެއް ނޫން ކަމަށެވެ.

"ކޯޗު ރާއްޖެއައިތާ ވަރަށް މަދު ދުވަސްކޮޅެއް ވީވެސް. އޭނާ ދަމުންވެސް ބުނި އޭނާގެ 100 ޕަސެންޓް ސިލެކްޝަނެއް ނޫނޭ. އަނެއްކާވެސް ބޫޓާން މެޗަށް ދާދު ނަގައިފައި މިއޮތީ. އެހެން ބައެއްގެ އެހީތެރިކަމާވެސް އެކުގައި ކަމަށް ވެދާނެ. ބޫޓާން މެޗުގައި ފުރަތަމަ 11 އަށްވެސް ލާން ޖެހުނު ސަބަބެއް އަޅުގަނޑަކަށް ނޭނގެ. ސިންގަޕޫރު މެޗުން 20-23 މީހުންގެ ސްކޮޑަކުން ބޭރުވި މީހެއް އަނެއް މެޗުގައި ފުރަތަމަ 11 އަށް އެރި ގޮތެއް އަޅުގަނޑަކަށް ނޭނގެ،" އިންމަ ބުންޏެވެ.

"އަޅުގަނޑު ގަބޫލެއް ނުކުރަން އަޝްފާގު ގައުމީ ޓީމުން ބޭރުވާން ޖެހޭ ސަބަބެއް މެދުވެރިވެއްޖެ ކަމަކަށް. އަޝްފާގަކީ ދިވެހިރާއްޖޭގެ ގައުމީ ޓީމަށް އެތައް ބައިވަރު ލެޔަކާއި ދަލެއް އޮހޮރުވާފައި ހުރި ކުޅުންތެރިއެއް. އަދި މިއިން ޒަމާނެއްގައި ނުއުފެދޭ ވަރުގެ މޮޅު ކުޅުންތެރިއެއް. އެހެންވީމާ އަޅުގަނޑު ގަބޫލެއް ނުކުރަން މިކަހަލަ ގޮތަކަށް އަޝްފާގް ކެރިއަރު ގައުމީ ޓީމަށް ނިމިގެންދާނެ ކަމަކަށް،" ދަގަނޑޭއާ ދޭތެރޭ ސެގަޓް ކަންކުރި ގޮތާ ގުޅިގެން އިންމަ ބުންޏެވެ.

އުންމީދު ކުރަނީ ދަގަނޑޭ އަލުން ގައުމީ ޓީމަށް އައިސް ޝަރަފުވެރި ގޮތުގައި ކެރިއަރު ނިންމާލާނެ ކަމަށް ކަމަށްވެސް އިންމަ ބުންޏެވެ.

މާޒިޔާގެ ކޯޗު، އިސްމާއީލް މަހެފޫޒް (އިންމަ) --- ސަން ފޮޓޯ/ ފަޔާޒް މޫސާ

ޔުނައިޓެޑް ވިކްޓަރީގެ ކޯޗު، މުހައްމަދު ނަޒީހަކީވެސް ފުޓުބޯޅައިގައި ވަރުގަދަ ނަމެކެވެ. މިދިޔަ ހަފްތާގައި ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބާ ދެކޮޅަށް ޔޫވީ ކުޅުނު މެޗުގެ ކުރިން ނަޒީހުވެސް ވަނީ ގައުމީ ކޯޗުގެ ނިންމުމަށް ފާޑު ކިޔައިފައެވެ. އޭނާ ބުނީ ދިވެހި ރާއްޖެއިން މީހުންގެ ލޯބި ހޯދައިފައިވާ މީހުންގެ ލިސްޓެއް ނަގާ އިރު، ދަގަނޑޭގެ ނަން ފުރަތަމަ ފަހެއްގައި އަންނާނެ ކަމަށެވެ. އަދި އެފަދަ ގައުމީ ބަތަލަކަށް "ސިކުނޑީގެ ބައްޔެއް" އުޅޭ ކަމަށް ބުނުމުން އެކަމާ ދެކޮޅަށް ފުޓުބޯޅައިގެ މީހުން އަޑު އުފުލަން ޖެހޭނެ ކަމަށްވެސް ނަޒީހު ބުންޏެވެ.

ނަޒީހުގެ އިތުރުން މިހާރު ވެލެންސިއާގެ ކޯޗު، އަދި ކުރީގެ ގައުމީ ޓީމުގެ ޑިފެންޑަރު ސޮބާހު މުހައްމަދުވެސް އޭނާގެ އިހުސާސްތައް ފޭސްބުކްގެ ޕޯސްތެއްގައި ހިއްސާކޮށްފައިވެއެވެ. ސޮބާ ބުނެފައިވަނީ ފުޓުބޯޅަ ކުޅުންތެރިންގެ ކެރިއަރުގެ ފަހު ކޮޅުގައި އާއްމުކޮށް ކުޅުންތެރިންނަށް އިހުތިރާމް ކުޑަވާތަން އަންނަ ކަމަށާއި، އޭނާއަށްވެސް އެކަހަލަ ކަންތައްތަކަކާ ކުރިމަތިލާން ޖެހުނު ކަމަށެވެ. މިހާރު އެ ވާހަކަތައް ބާރަށް ދައްކަމުންދަނީ ދަގަނޑޭއަށް އެކަން ދިމާވުމުން ކަމަށްވެސް ސޮބާ ބުނެފައިވެއެވެ.

ގައުމީ ޓީމުގެ ކެޕްޓަންކަންވެސް ކޮށް، އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީގެ މަގާމުވެސް ކުރިން އަދާކުރި ޝާހް އިސްމާއީލްވެސް ވަނީ އޭނާގެ ޝުއޫރު ފޭސްބުކްގައި ފާޅުކޮށްފައެވެ.

ޝާހް ބުނީ އެފްއޭއެމްގެ ބާރު ކެނޑި، ގައުމީ ފުޓުބޯޅަ ހިމާޔަތް ކުރަން އެފްއޭއެމް ނުކުޅެދިފައިވާ ކަމަށެވެ. އަދި ގައުމީ ފުޓުބޯޅައިގެ ކަންކަން ރަނގަޅު ކުރަން ވަގުތު އެބައޮތް ކަމަށާއި އެކަމަށް އަވަސް ހައްލެއް ބޭނުންވާ ކަމަށެވެ.

ސެގަޓްގެ ބަސް

ގައުމީ ޓީމު ސިންގަޕޫރަށް ފުރުމުގެ ތެރެއިން --- ސަން ފޮޓޯ/ ފަޔާޒް މޫސާ

ފާޑުކިޔުމާ، ރާއްޖޭގެ ސަޕޯޓަރުންގެ ފަރާތުން ނުރުހުން އަމާޒުވުމަށް ކޯޗު ސެގަޓްވަނީ ޖަވާބު ދީފައެވެ.

ކުއްލި ޑެސިޝަންތަކުގެ ސަބަބުން ގައުމީ ޓީމަށް ލޮޅުންތަކެއް އައިސްފައިވާ އިރު، ކޯޗު ސެގަޓް ބުނީ ފާޑުކިޔުމާ، ކްރިޓިސިޒަމްއަށް އޭނާ މަރުހަބާ ކިޔާނެ ކަމަށެވެ.

"އަހަރެން ގަބޫލުކުރަން ޖެހޭނެ ފާޑު ކިޔުންތައް. މީޑިއާގެ ފާޑުކިޔުންތައްވެސް ހަޖަމް ކުރާނަން. އެހެން ނަމަވެސް އެކަކު އަނެކަކަށް ދޭން ޖެހޭ ފުރިހަމަ އިހުތިރާމް ދޭން ޖެހޭނެ. ހަމައެކަނި ބުނެލަން އޮތީ، އަހަރެން ކިޔާއެއްޗެއް ބުނާގޮތަށް ބަދަލުނުގެނެސް މީޑިއާ ތަކުގައި ލިޔުމަށް. އަހަންނަށް އެނގޭނެ އަހަންނަށް ބުނެވޭ އެއްޗެއް. އަހަރެން މޮޅުވުމުންވެސް ފާޑުކިޔާނެ ކަންކަން ހުންނާނެ. އެކަންކަންވެސް ބަލައިގަންނާނަން، " ކޯޗު ބުންޏެވެ.

ކޯޗު ބުނެފައިވަނީ އޭނާ ނިންމާ ނިންމުންތަކަކީ އެމޯޝަނަލް ނިންމުމެއް ނޫން ކަމަށާއި، އެއްވެސް މީހެއްގެ ފާޑުކިޔުމަކަށް ފަހަތަށް ނުޖެހޭނެ ކަމަށެވެ. އަދި ކޯޗުގެ ކޮންމެ ނިންމުމަކީ ގައުމީ ޓީމު، އަދި ފުޓުބޯޅައަށް އެންމެ އެކަށޭނެ ބަދަލެއް ގެންނަން ނިންމާ ނިންމުން ކަމަށްވެސް އޭނާ ފާހަގަކުރިއެވެ.

"މިފަށަނީ ސުމަކުން. ގަބޫލުކުރަން ޖެހޭނީ، ގައުމީ ޓީމުގެ ހުރިހާ ނިންމުމެއް މިހާރު ނިންމާނީ އަހަރެން ކަން. މީޑިއާއެއް ނޫންކަން. އެފްއޭއެމް ނޫންކަން ޓީމު ނަގާނީ. ޓީމުވެސް ނަގާނީ އަހަރެންކަން. ޓީމުގެ ހުރިހާ ޒިންމާއެއްވެސް ނަގާނީ އަހަރެން،" ކޯޗު ބުންޏެވެ.

ސެގަޓް ބުނީ އޭނާގެ ނިންމުންތައް ހުރިހާ ކުޅުންތެރިންވެސް ގަބޫލުކުރަން ޖެހޭނެ ކަމަށެވެ. އެހެން ނަމަވެސް އޭނާއަކީވެސް ފުރިހަމަ މީހެއް ނޫން ކަމަށް ވުމުން ބައެއް ގޯސްތައް ހެދިދާނެ ކަމަށާއި، އެފަދަ ގޯހެއް ހެދިއްޖެ ނަމަ މާފަށް އެދޭނެ ކަމަށެވެ. ކޯޗު ބުނީ އަޑޭ އަތުން ބޭންޑު ނެގުން އެއީ އޭނާއަށް ހެދުނު ގޯހެއް ކަމަށް ވެދާނެ ކަމަށާއި އެކަމަށް އަޑޭ ހިތްހަމަ ނުޖެހިފައި ހުރުމުން މާފަށްވެސް އެދުނު ކަމަށެވެ.

ގައުމީ ކޯޗު ބުނީ ގައުމީ ޓީމު ޕްރޮފެޝަނަލް ކުރުމަށް ކުރަން ހުރި މަސައްކަތްތައް ކުރާނެ ކަމަށާއި، ފާޑުކިޔާ އެންމެނަށް އިހުތިރާމް ކުރާނެކަމަށާއި ނަމަވެސް، އެއްވެސް ނިންމުމެއް ނިންމަން އޭނާ ޖެހިލުން ނުވާ ކަމަށެވެ.

ބޫޓާންއާ ދެޮޅަށް ނުކުތް މެޗުގެ ކުރިން ބޭއްވި ޕްރެސް --- ސަން ފޮޓޯ/ ފަޔާޒް މޫސާ

ސެގަޓް ފާހަގަކުރެވެނީ ކުޅުންތެރީން ޑިސިޕްލިން ކުރުމުގައި އަބަދުވެސް ހަރުކަށި، ކެރޭ، ޒިންމާދާރު ކޯޗެެއްގެ ގޮތުގައެވެ. ގަޑިއަށް ސަމާލުކަން ދިނުމާއި، ކުޅުންތެރިންގެ އަހުލާގަށް ބޮޑު ސަމާލުކަމެއް ދޭ ސެގަޓް މީގެ ކުރިން މަސައްކަތް ކޮށްފައިވަނީ އަފްގާނިސްތާން އަދި ޖޯޖިއާ ފަދަ ގައުމުތަކުގައެވެ. އަދި ޖަރުމަނުގެ އެކި ލެވެލްތަކުގައި މަސައްކަތްކުރި ސެގަޓްގެ ޓްރެކް ރެކޯޑުންވެސް ފާހަގަ ކޮށްލެވެނީ ޑިސިޕްލިން ފިލޯސަފީއެއް ގެންގުޅޭ ކޯޗެއްގެ ގޮތުގައެވެ.

comment ކޮމެންޓް