ޗެލްސީގެ ލެޖެންޑް ރޭ ވިލްކިންސް މަރުވެއްޖެ

ޗެލްސީ އަދި އިންގްލެންޑްގެ ލެޖެންޑް ރޭ ވިލްކިންސް --- ފޮޓޯ/ އޭޕީ

ޗެލްސީ އަދި އިންގްލެންޑްގެ ލެޖެންޑް، ރޭ ވިލްކިންސް މަރުވެއްޖެއެވެ.

އުމުރުން 61 އަހަރުގައި ވިލްކިންސް މަރުވެފައިވަނީ ހާޓް އެޓޭކެއް ޖެހުނުތާ ހަފްތާއެއް ފަހުންނެވެ. ޗެލްސީގެ ސެއިންޓް ޖޯޖު ހޮސްޕިޓަލަށް މިދިޔަ ހަފްތާ ތެރޭގައި ވިލްކިންސް ގެންދެވިފައިވަނީ ހާޓް އެޓޭކެއް ޖެހި، ބިންމައްޗަށް ވެއްޓުމުން ލިބުނު އަނިޔާތަކެއްގެ ސަބަބުންނެވެ. ވިލްކިންސް ހާޓް އެޓޭކް ޖެހުނު ފަހުން ހޭދަކޮށްފައިވަނީ ކޮބްހަންގެ ސެއިންޓް ޖޯޖު ހޮސްޕިޓަލްގެ އައިސީޔޫގައެވެ.

ވިލްކިންސް މަރުވުމާ ގުޅިގެން ޗެލްސީން ނެރުނު ހާއްސަ ސްޓޭޓްމަންޓެއްގައި ބުނެފައިވަނީ ކުރީގެ އެ ކްލަބުގެ ކެޕްޓަން، ކުޅުންތެރިޔާ އަދި އެސިސްޓެންޓް ކޯޗުގެ މަރުގެ ހަބަރަކީ ކުލަބަށް ލިބުނު ވަރަށް ބޮޑު ހިތްދަތި ކަމެއް ކަމަށެވެ.

ޔުނައިޓެޑް ޖާޒީގައި 160 މެޗު ކުޅެދީފައިވާ، ވިލްކިންސްވަނީ އެޓީމަށް 1982 ވަނަ އަހަރުގެ އެފްއޭ ކަޕް ހޯދައިދިނުމުގައި މުހިއްމު ރޯލެއް އަދާކޮށްފައެވެ. ޗެލްސީއަށްވެސް ކުޅުނު ވިލްކިންސްވަނީ 1976-77 ވަނަ އަހަރުގެ ސީޒަންގައި ލީގުގެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހޯދައިފައެވެ. މީގެ އިތުރުން އޭނާވަނީ ޗެލްސީގެ އެސިސްޓެންޓް ކޯޗެއްގެ މަގާމުގައި ގިނަ ދުވަސްތަކެއް ހޭދަކޮށް، 2010 ވަނަ އަހަރުގެ ލީގު އަދި އެފްއޭ ކަޕްވެސް އެ ކްލަބާއެކު އުފުލާލައިފައެވެ.

މެންޗެސްޓާ ޔުނައިޓެޑާއި ޗެލްސީގެ އިތުރުން ވިލްކިންސްވަނީ އޭސީ މިލާނާއި ޕީއެސްޖީ ފަދަ ކްލަބުތަކަށްވެސް ކުޅެފައެވެ.

އިނގިރޭސި ގައުމީ ޓީމުގެ ކެޕްޓަން ކަންވެސް ކުރި ވިލްކިންސްވަނީ އެގައުމަށް 84 މެޗު ކުޅެދީފައެވެ. އޭނާވަނީ އިނގިރޭސި ގައުމީ ޓީމާއެކު 1982 އަދި 1986 ވަނަ އަހަރުގެ ވޯލްޑް ކަޕްވެސް ކުޅެފައެވެ.

ވިލްކިންސްއަކީ މީގެ ކުރިންވެސް ހިތުގެ މައްސަލަތަކެއް ޖެހި، ބައިޕާސް ސާޖަރީވެސް ހަދައިފައިވާ މީހެކެވެ.

comment ކޮމެންޓް