ޔުވެންޓަސް ސަޕޯޓަރުން ދިން ތަރުހީބަށް ރޮނާލްޑޯގެ ޝުކުރު!

ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގެ ފުރަތަމަ ލެގުގައި ޔުވެންޓަސްއާއި ރެއާލް ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ރެއާލް މޮޅުވީ 3-0ގެ ނަތީޖާއަކުން --- ފޮޓޯ/ އޭޕީ

ޔޫއެފާ ޗެމްޕިއަންސް ލީގުގައި ރެއާލް މެޑްރިޑާއި ޔުވެންޓަސް ރޭ ކުޅުނު ކުއާޓާ ފައިނަލް ފުރަތަމަ ލެގުގެ މެޗު، ރެއާލްއިން ކާމިޔާބުކުރީ 3-0ގެ ނަތީޖާއަކުންނެވެ.

ރޭގެ މެޗުގައި ރެއާލްގެ ތަރި، ކްރިސްޓިއާނޯ ރޮނާލްޑޯ ދެ ގޯލް ޖަހާފައިވާ އިރު، އޭނާގެ ދެވަނަ ގޯލަކީ "އޯވަހެޑް" ގޯލެކެވެ. އެ ގޯލަށް އެތައް ބައެއްގެ ތައުރީފް އޮހެމުންދާ އިރު، ރޭގެ މެޗުން އެންމެ ފާހަގަކޮށްލެވުނު ކަމަކީ ޔުވެންޓަސްގެ ސަޕޯޓަރުންވެސް ރޮނާލްޑޯއަށް ކުރި ތައުރީފެވެ.

ރޭގެ މެޗުގައި ރޮނާލްޑޯ ޖެހި ރީތި ގޯލާއެކު، ޔުވެންޓަސްގެ ސްޓޭޑިއަމް އެއްކޮށް ކަހަލަ ގޮތަކަށް ކޮޅަށް ތެދުވެ ރޮނާލްޑޯއަށް ތަރުހީބު ދީފައިވާ އިރު، އާންމުކޮށް އިދިކޮޅު ޓީމެއްގެ ފަރާތުން އެފަދަ ތަރުހީބެއް ކުޅުންތެރިޔަކަށް ދިންތަން ފެނުނީ މަދު ފަހަރެއްގައެވެ.

އެގޮތުން ބާސެލޯނާގެ އަންދްރޭސް އިނިއެސްޓާއާއި ލިއޮނަލް މެސީގެ އިތުރުން ރޮނާލްޑީނިއޯ އަދި ބްރެޒިލްގެ ރޮނާލްޑޯއަށްވެސް އެފަދަ ތައުރީފެއް އިދިކޮޅު ޓީމުތަކުން ދިންތަން މީގެ ކުރިން ވަނީ ފެނިފައެވެ.

ރޭގެ މެޗަކީ ޕޯޗުގަލްގެ ކެޕްޓަން، ރޮނާލްޑޯއަށް އެފަދަ ތަރުހީބެއް ލިބުނު ފުރަތަމަ ފަހަރެވެ. ރޭގެ މެޗަށްފަހު ރޮނާލްޑޯ ވަނީ އެކަމަށްޓަކައި ޔުވެންޓަސްގެ ސަޕޯޓަރުންނަށް ވަރަށް ހާއްސަ ޝުކުރެއް އަދާކޮށްފައެވެ.

"ގަބޫލުވެސް ކުރަން ދަތި ވަގުތު ކޮޅެއް. އަހަރެން ޝުކުރު އަދާކުރަން ޔުވެންޓަސްގެ ހުރިހާ ސަޕޯޓަރުންނަށް. އެ ސަޕޯޓަރުން ދެއްކި މަންޒަރަކީ ތަފާތު އިހުސާސެއް ގެނުވި މަންޒަރެއް،" ރޭގެ މެޗަށްފަހު ރޮނާލްޑޯ ބުންޏެވެ.

ރޮނާލްޑޯ ބުނީ އޭނާގެ ކެރިއަރުގައި ފުރަތަމަ ފަހަރަށް އިދިކޮޅު ޓީމެއްގެ ފަރާތުން "ސްޓޭންޑް އަޕް އޯވިއޭޝަނެއް" ލިބުމުން ވަރަށް ބޮޑަށް އުފާކުރާ ކަމަށެވެ.

އުމުރުން 33 އަހަރުގެ ރޮނާލްޑޯ، މިސީޒަންގެ މިހާތަނަށް 39 ގޯލް ޖަހައިފައިވާ އިރު، ރޭގެ މެޗުގައި ގޯލް ޖަހައި އޭނަ ވަނީ ޗެމްޕިއަންސް ލީގުގެ އިތުރު ރެކޯޑެއްވެސް ހަދައިފައެވެ. އެއީ ޖެހިޖެހިގެން ޗެމްޕިއަންސް ލީގުގެ 10 މެޗެއްގައި ގޯލް ޖެހި ހަމައެކަނި ކުޅުންތެރިޔާގެ ރެކޯޑެވެ.

ކެރިއަރުގައި އެތަކެއް ކާމިޔާބީތަކެއް ހޯދައިފައިވާ ރޮނާލްޑޯ ވަނީ ފަސް ފަހަރު ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހޯދައިފައެވެ.

comment ކޮމެންޓް