ވޮޝިންޓަން (އެޕްރީލް 4): ސޫރިޔާއިން އެމެރިކާ ސިފައިން ބާލަން ގަސްދުކުރާ ކަމަށާއި ސޫރިޔާގައި އެމެރިކާ ސިފައިން ބައިތިއްބަން ސައޫދީ އަރަބިޔާ ބޭނުންނަމަ އެކަމަށް ބޭނުންވާ ހުރިހާ ޚަރަދެއް ކުރަންޖެހޭނީ ސައޫދީން ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.
ވައިޓް ހައުސްގައި ބޭއްވި ނޫސް ކޮންފަރެންސެއްގައި ޓްރަމްޕް ވިދާޅުވީ ސޫރިޔާގެ އުތުރަށް އެމެރިކާ ސިފައިން ފޮނުވީ އައިއެސް ޖަމާއަތް ބަލިކޮށްލުމަށް ކަމަށާއި އެމަގްސަދު މިހާރު ޙާސިލް ވެއްޖެކަމުގައެވެ. އެހެންކަމުން އެމެރިކާ ސިފައިން މިހާރު ސޫރިޔާގައި ބޭތިއްބުމުގެ ބޭނުމެއް އެމެރިކާއަށް ނެތްކަމަށް އޭނާ ވިދާޅުވިއެވެ. އަދި ސޫރިޔާގައި އެމެރިކާ ގެ ސިފައިން ބޭތިއްބުމަކީ ޚަރަދު ބޮޑު އަދި އެހެންގައުމުތަކުގެ މަސްލަހަތަށް ކޮށްދެވޭ ޚިދުމަތެއް ކަމަށާއި އެހެންކަމުން ވަރަށް އަވަހަށް އެމެރިކާ ސިފައިން ސޫރިޔާއިން ބާލާނެކަމަށް ޓްރަމްޕް ކުރިން ވިދާޅުވި ވާހަކަތައް އަލުން އޭނާ ތަކުރާރު ކުރެއްވިއެވެ.
ސޫރިޔާގައި އެމެރިކާ ސިފައިން ބައިތިއްބަން ސައޫދީ ބޭނުންނަމަ އެކަމަށް ބޭނުންވާ ހުރިހާ ޚަރަދެއް ސައޫދީން ޖެހޭނީ ކުރަންކަމަށްވެސް ޓްރަމްޕް ވިދާޅުވިއެވެ. ސޫރިޔާގެ އުތުރުގެ ކުރުދީންގެ ސަރަހައްދުތަކުގައި މަރުކަޒު ކޮށްފައިވަނީ ގާތްގަނޑަކަށް އެމެރިކާގެ ދެހާސް ސިފައިންނެވެ. އެމީހުންގެ ކަމަކީ ސޫރިޔާގެ ކުރުދީ ހަނގުރާމަވެރި ޖަމާއަތްތަކަށް ބޭނުންވާ އަސްކަރީ ތަމްރީން ފޯރުކޮށްދިނުމެވެ.
މިމައްސަލައާ ގުޅިގެން ތުރުކީއާއި އެމެރިކާގެ ގުޅުންތައްވަނީ ވަރަށްބޮޑަށް ގޯސްވެފައެވެ. ތުރުކީ ސިފައިން ސޫރިޔާގެ ކުރުދީންނާ ދެކޮޅަށް ފަށާފައިވާ ހަނގުރާމައިގާ ސޫރިޔާގެ ރަށެއްކަމަށްވާ އިފްރީން ހިފާފައިވާއިރު ތުރުކީ ސިފައިންވަނީ އެމެރިކާ ސިފައިން ތިބޭ ކުރުދީ ސަރަހައްދުތަކަށްވެސް ހަމަލާދީ އެމެރިކާގެ މަދަދު ލިބޭ ކުރުދީ ހަނގުރާމަވެރިން އެސަރަހައްދުތަކުން ފައްސާލާނެ ކަމުގެ އިންޒާރު ދީފައެވެ. މިއާއެކު އެމެރިކާއި ތުރުކީގެ އަސްކަރީ ކުރިމަތިލުމެއް ސޫރިޔާގެ އުތުރުގައި ފެށިދާނެކަމުގެ ބިރުވަނީ ހީވެފައެވެ.
ސޫރިޔާއިން އެމެރިކާ ސިފައިން ބާލަން ގަސްދުކުރާކަން މިދިޔަ ހަފްތާގައި ޓްރަމްޕް އިޢުލާން ކުރެއްވުމުން ސައޫދީ ވަލީއުލްއަހްދު މުހައްމަދު ބިން ސަލްމާންވަނީ ސޫރިޔާގައިވާ އީރާނުގެ ނުފޫޒާ ކުރިމަތިލުމަށްޓަކައި އެމެރިކާ ސިފައިން ސޫރިޔާގައި ބޭތިއްބުމަކީ ކޮންމެހެން ބޭނުންކަމެއް ކަމަށް ވިދާޅުވެފައެވެ. ނަމަވެސް އެމެރިކާގެ ދެހާހެއްހާ ސިފައިން ސޫރިޔާގެ އުތުރުގެ ކަނެއްގައި ބައިތިއްބައިގެން ސޫރިޔާގައިވާ އީރާނުގެ ބާރާއި ނުފޫޒު ކަނޑުވާލާނީ ކިހިނެތްތޯ ވަނީ ސުވާލު އުފެދިފައެވެ.
އަނެއްކޮޅުން ސޫރިޔާ ސިފައިން ވަނީ އެމެރިކާއާއި ހުޅަނގާއި ގަލްފުގެ ގައުމުތަކުގެ މަދަދު ލިބިގެން އެގައުމުގެ ސަރުކާރު ވައްޓާލުމަށް ހަނގުރާމަ ކުރާ އެތަށް ސަތޭކަ ޖަމާއަތްތަކެއް (ރަޝިޔާއާއި އީރާންގެ އެހީގައި) ބަލިކޮށް އެޖަމާއަތްތަކުގެ އަތްދަށުގައިވާ ބިންތަކުގެ ތެރެއިން 80 އިންސައްތަ ބިން އަނބުރައި ސޫރިޔާ ސަރުކާރުގެ ކޮންޓްރޯލްގެ ދަށަށް ގެނަސްފައެވެ.
ކުރިން ސޫރިޔާގެ ރައީސް ބައްޝާރުލްއަސަދުގެ ސަރުކާރު ވައްޓާލުމަށާއި ބައްޝާރަށް ސޫރިޔާގެ ސިޔާސީ މަސްރަހުގައި ޖާގަނެތްކަމަށް ތަކުރާރުކޮށް ގޮވާލަމުން ގެންދިޔަ ސައޫދީން މިހާރުވަނީ ބައްޝާރު ސޫރިޔާގެ ވެރިކަމުގައި ދެމިހުންނަވާނެ ކަމަށް ބުނެފައެވެ.
ސޫރިޔާއިން އެމެރިކާ ސިފައިން ބާލަން ގަސްދުކުރާކަމަށް ވިދާޅުވެ ޓްރަމްޕް ވާހަކަ ދައްކަވަނީ ސައޫދީން އަތުން އިތުރު ފައިސާތަކެއް ހޯދުމުގެ ބޭނުމުގައި ކަމަށް ޓްރަމްޕަށް ފާޑުކިޔާ ފަރާތްތަކުން ދެކެއެވެ.
ޓްރަމްޕް މިދިޔައަހަރު ސައޫދީއަށް ކުރެއްވި ދަތުރުފުޅުގައިވެސްވަނީ ސައޫދީ އަތުން 460 ބިލިޔަން ޑޮލަރު ލިބޭފަދަ އެއްބަސްވުންތަކެއްގައި ސޮއިކުރައްވާފައެވެ. އަދި ސައޫދީ ވަލީއުލްއަހްދު މުހައްމަދު ބިން ސަލްމާން އެމެރިކާއަށް މިހާރު ކުރައްވަމުން ގެންދަވާ ތިން ހަފްތާގެ ދަތުރުފުޅުގައިވެސް އެމެރިކާއިންވަނީ ސައޫދީއަށް ހަތިޔާރު ވިއްކުމަށާއި އަދި އެމެރިކާގައި ސައޫދީ އިންވެސްޓްމަންޓްތައް ކުރުމާބެހޭ އެތަށް ސަތޭކަ ބިލިޔަން ޑޮލަރެއްގެ އެއްބަސްވުންތަކެއްގައި ސޮއިކޮށްފައެވެ.
ނަމަވެސް މިއެއްބަސްވުންތަކުން ލިބޭ ޑޮލަރުގެ މިންވަރު ކުޑަކަމަށް ވިދާޅުވެ އެއްބަސްވުންތަކުގެ ފައިސާގެ މިންވަރު އިތުރު ކުރުމަށް ޓްރަމްޕް ވަނީ ސައޫދީގެ ކިބައިން އެދިވަޑައިގެންފައެވެ. (ނޫސްއެޖެންސީތައް)