ސިއްހަތު ދުވަހާ ދިމާކޮށް އެޗްޑީސީން އާއިލީ ހަވީރެއް ބާއްވަނީ

ދުނިޔޭގެ ސިއްހަތު ދުވަހާ ގުޅުވައިގެން ހައުސިން ޑިވެލޮޕްމެންޓް ކޯޕަރެޝަން (އެޗްޑީސީ) އިން ހާއްސަ އާއިލީ ހަވީރެއް ބާއްވަން ނިންމައިިފިއެވެ.

އެ ކޯޕަރޭޝަނުގެ ކައުންސެލާ ސަމްހާ ނަސީރު ސަންއަށް ވިދާޅުވީ މިމަހުގެ ހަތްވަނަ ދުވަހުގެ ހަވީރު ހަތަރަކުން އިރުއޮއްސި ހަޔަކަށް ބާއްވާ މި އާއިލީ ހަވީރު ކުރިއަށްދާނީ ހުޅުމަލެ ސެންޓްރަލް ޕާކުގައި ކަމަށެވެ.

މި އާއިލީ ހަވީރުގައި ޓްރީ ޓޮޕް ހޮސްޕިޓަލާއި ހުޅުމާލެ ހޮސްޕިޓަލުން ދޭ ސިއްހީ ހިދުމަތްތަކާ ގުޅޭ މައުލޫމާތު ދޭނެއެވެ. އަދި ހިލޭ ހެލްތް ޗެކްއަޕް ހެދުމުގެ ހިދުމަތާއި، ލޭގެ ޕްރެޝަރު، ބީއެމްއައި ބެލުމުގެ ހިދުމަތްވެސް ދޭނެއެވެ.

"މި ހަވީރުގައި ޓްރީ ޓޮޕުން ހިލޭ އިކޯ ހަދައިދިނުމުގެ ހިދުމަތް ދޭނެ. ޑައިޓީޝަނުންނާ، ކިޑްނީ ބަލީގެ ޑޮކްޓަރުން ސިއްހީ މައުލޫމާތު ދެއްވާނެ،" ސަމްހާ ވިދާޅުވިއެވެ.

"ޓްރީ ޓޮޕުން އަދި އާސަންދަ އިން ދޭ ހިދުމަތްތަކާ ގުޅޭ މައުލޫމާތު ހޯދާލަންވެސް މިއީ ރަނގަޅު ފުރުސަތެއް،"

މި އާއިލީ ހަވީރުގައި ފުލުހުންނާއި ހުޅުމާލޭގެ ސްކޫލުތަކުން ބައިވެރިވާނެއެވެ. އަދި ކެންސާ ސޮސައިޓީ އާއި ތެލެސީމިއާ ސޮސައިޓީ، ޝީ، އެންސްޕާ، އޮޓިޒަމް އެސޯސިއޭޝަން، ޓައިނީ ހާޓްސް، ޑައިބެޓިކް ސޮސައިޓީ އިންވެސް މި އާއިލީ ހަވީރުގައި ބައިވެރިވާނެއެވެ. މި ފަރާތްތަކުގެ ސްޓޯލުތައް ބަހައްޓާނެ ކަމަށާއި ކުޑަކުދިންނާ ގުޅޭ ހަރަކަތްތަކާއި ސިއްހީ މައުލޫމާތު މި ސްޓޯލުތަކުން ލިބޭނެކަމަށް ސަމްހާ ވިދާޅުވިއެވެ.

comment ކޮމެންޓް