އަންކަރާ (އެޕްރީލް 3): ތުރުކީގައި ނިއުކްލިޔަރ ޓެކްނޮލޮޖީން ކަރަންޓް އުފެއްދުމުގެ ބިޔަ މަޝްރޫޢެއް ރަޝިޔާގެ ފަންނީ އެހީތެރިކަމާއެކު އިފްތިތާޙުކޮށްފިއެވެ.
މިމަޝްރޫއުގެ ގެ ދަށުން އެންމެ ފުރަތަމަ ބިނާކުރަނީ 500 މެގަވޯޓުގެ ކަރަންޓް އުފައްދައިދޭ ނިއުކްލިޔަރ ރިއެކްޓަރެކެވެ. 20 ބިލިޔަން ޑޮލަރުގެ އަގުހުރި މިރިއެކްޓަރުގެ ބިންގާ މިއަދުހެނދުނު ވަނީ އަޅާފައެވެ. މިރިއެކްޓަރުގެ މަސައްކަތް ނިމި 2023 ގައި ހުޅުވައި ޚިދްމަތް ދިނުމަށް ވަނީ ޕްލޭންކޮށްފައެވެ.
ތުރުކީގައި ނިއުކްލިޔަރ ރިއެކްޓަރު ބިނާކުރަނީ ރަޝިޔާގެ ނިއުކްލިޔަރ ޓެކްނޮލޮޖީއާބެހޭ ފަންނީ ކުންފުންޏެއްކަމަށްވާ އެޓޮމެނާގްގޮޕްރޮމް އިންނެވެ. ތުރުކީގެ ހަކަތައާބެހޭ ވުޒާރާއިން ބުނީ މިއީ ތުރުކީގައި އަގުހެޔޮކޮށް ކަރަންޓް އުފެއްދުމަށް ހިންގާ އަގުބޮޑު މަޝްރޫޢެއްކަމަށެވެ. ނިއުކްލިޔަރ ހަކައިން އުފައްދާ ކަރަންޓަކީ އާދަޔާ ޚިލާފަށް އަގު ހެޔޮ ކަރަންޓެކެވެ. މިގޮތުން ތުރުކީގެ ވެރިރަށް އަންކަރާ ފަދަ ބޮޑު ސިޓީއަކަށް ބޭނުންވާ ހަމަސްދުވަހުގެ ކަރަންޓް ނިއުކްލިޔަރ ރިއެކްޓަރަކުން އެއްކިލޯ ގްރާމްގެ ޔޫރޭނިޔަމް ބޭނުންކޮށްގެން އުފެއްދިދާނެއެވެ.
ނިއުކްލިޔަރ ޓެކްނޮލޮޖީން ހަކަތަ އުފެއްދުމަށް ތުރުކީން އިފްތިތާހްކުރި މަޝްރޫއުގެ ބޭނުމަކީ ތުރުކީއަށް ބޭނުންވާ ކަރަންޓްގެ 50 އިންސައްތަ ނިއުކްލިޔަރ ހަކަތައިން އުފެއްދުމެވެ. ތުރުކީގައި ނިއުކްލިޔަރ ޓެކްނޮލޮޖީން ހަކަތަ އުފެއްދުމުގެ މަޝްރޫޢާބެހޭ އެއްބަސްވުންތަކުގައި ތުރުކީ އާއި ރަޝިޔާގެ މަސްއޫލުވެރިން ސޮއިކުރައްވާފައިވަނީ އެންމެފަހުން ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ރަޝިޔާއަށް ކުރެއްވި ދަތުރުފުޅުގައެވެ.
މިމަޝްރޫޢުގެ ދަށުން 10 ނިއުކްލިޔަރ ރިއެކްޓަރު ކުރިޔަށްއޮތް 15 އަހަރު ތެރޭގައި ރަޝިޔާގެ ފަންނީ އެހީގައި ބިނާކުރުމަށް ތުރުކީންވަނީ ޕްލޭންކޮށްފައެވެ. މީގެއިތުރުން މިދާއިރާއަށް ބޭނުންވާ ތުރުކީގެ ފަންނީ މީހުން (ނިއުކްލިޔަރ އިންޖިނޭރުންނާއި ޓެކްނީޝަނުން) ރަޝިޔާއިން ތަމްރީން ކުރުންވެސް މިމަޝްރޫޢުގައި ހިމެނެއެވެ.
ރަޝިޔާއާއި ތުރުކީ ދާދިފަހުންވަނީ ރަޝިޔާގެ ގުދްރަތީ ގޭސް ތުރުކީއަށް ސަޕްލައި ކުރުމަށްޓަކައި ރަޝިޔާއާއި ތުރުކީއާ ދެމެދު ގޭސްހޮޅިއެއް އެޅުމުގެ މަޝްރޫޢެއްވެސް އިފްތިތާޙް ކޮށްފައެވެ. މި ގޭސް ހޮޅީގެ މަޝްރޫޢަށް ތުރުކީންވަނީ 12 ބިލިޔަން ޑޮލަރު ޚަރަދު ކުރަން ނިންމާފައެވެ. (އަނަތޯލިޔާ ނޫސްއެޖެންސީ)