ނިއު ރޭޑިއަންޓާއެކު ހޯދި މޮޅު ދަގަނޑޭ ހަދިޔާކުރީ ގައުމީ ކޯޗަށް!

އޭއެފްސީ ކަޕްގައި އައިޒޯލް ކޮޅަށް ލަނޑުޖެހުމަށް ފަހު، ނިއުގެ ކެޕްޓަން ދަގަނޑޭ އުފާފާޅުކުރަނީ: އެ މެޗުގައި ދަގަނޑޭ ވަނީ ހެޓްރިކެއް ފުރިހަމަކޮށްފައި --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

އިންޓަނޭޝަނަލް ބްރޭކް ނިމި، މިރޭ އަނެއްކާވެސް މާލޭ ލީގުގެ ކުޅުން ފަށައިފައިވާ އިރު، މިރޭގެ މެޗުގައި ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބުން ޔުނައިޓެޑް ވިކްޓަރީ ބަލިކުރީ 4-1ގެ ނަތީޖާއަކުންނެވެ.

މިރޭގެ މެޗުގައި ނިއުގެ ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ)ވަނީ ދެ ގޯލް ޖަހައިފައެވެ. އަދި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށްވެސް ހޮވުނީ އޭނާއެވެ.

މިދިޔަ ހަފްތާ ތެރޭގައި ދަގަނޑޭގެ ވާހަކައަކީ ރާއްޖޭގެ ފުޓުބޯޅައިގައި އެންމެ ގަދައަށް ދެކެވުނު ވާހަކައެވެ. އަލަށް ގައުމީ ޓީމާ ހަވާލު ކޯޗު، ޕީޓާ ސެގަޓްގެ އިރުޝާދުގެ ދަށުން އޭޝިއަން ކަޕް ކޮލިފިކޭޝަންގައި ރާއްޖޭގެ ގައުމީ ޓީމުން ބޫޓާނާ ދެކޮޅަށް ނުކުތް މެޗުގެ ކުރިން ބޭއްވި ޕްރެސްއަށް ދިއުމަށް ދަގަނޑޭ އިންކާރު ކުރުމުން ކޯޗުވަނީ އޭނާ ސްކޮޑުން ބޭރުކޮށްފައެވެ.

ކޯޗު ބުނެފައިވަނީ ބޫޓާން މެޗަށް ދަގަނޑޭ "މެންޓަލީ" ފިޓް ނޫން ކަމަށާއި، އޭނާގެ ނިންމުމަކީ ޑިސިޕްލިންއާއި ޕްރޮފެޝަނަލިޒަމް ހިފެހެއްޓުމަށް ނިންމި ނިންމުމެއް ކަމަށެވެ. ކޯޗުގެ ނިންމުމާ ގުޅިގެން ދަގަނޑޭ ބުނީ ނިންމުމަށް ފުރިހަމައަށް އިހުތިރާމް ކުރާނެ ކަމަށެވެ.

އެރޭގެ މެޗަށްފަހު ޕީޓާ ސެގަޓް ބުނެފައިވަނީ ޕްރެސްއަށް ދާން ދަގަނޑޭ އިންކާރު ކުރުމުން އޭނާއަށް އެކަން ބަލައި ނުގަނެވޭ ކަމަށާއި، އެހެން ނަމަވެސް އެރޭގެ މެޗުން ރާއްޖެ ހޯދި މޮޅު ހަދިޔާ ކުރާނީ ދަގަނޑޭގެ އިތުރުން ބޫޓާން މެޗުގެ ކުރިން ގައުމީ ޓީމުން ރިޓާޔާކުރިކަން ކުއްލި ގޮތަކަށް އިއުލާންކުރި އަސްހަދު އަލީ (އަޑުބަރޭ)އަށް ކަމަށެވެ.

މިރޭ ނިއުއިން ކުޅުނު މެޗުގައި ދަގަނޑޭ ކުޅެފައިވާ އިރު، މިރޭގެ މެޗަކީ ގައުމީ ޓީމުގެ ސްކޮޑުން ބޭރުކޮށްލިފަހުން އޭނާ ކުޅުނު ފުރަތަމަ މެޗެވެ. މެޗުގެ ކުރިން ނިއުގެ އެސިސްޓެންޓް ކޯޗު، އަޝްރަފު ލުތުފީ (ސަންޕަތު) ބުނީ ދަގަނޑޭގެ "މެންޓަލް" މައްސަލައެއް ނޫޅޭ ކަމަށާއި، ދަގަނޑޭ ހުރީ ވަރަށް ފޯމުގައި ކަމަށެވެ. އަދި ގައުމީ ޓީމުގެ ސްކޮޑުން އޭނާ ބޭރުކޮށްފައި ވުމުން މިރޭގެ މެޗުގައި ދަގަނޑޭގެ ފަރާތުން މޮޅު ކުޅުމެއް ފެންނާނެ ކަމަށް އުންމީދު ކުރާ ކަމަށްވެސް މިރޭގެ މެޗުގެ ކުރިން ސަމްޕަތުވަނީ ބުނެފައެވެ.

މިރޭގެ މެޗަށްފަހު މޮޅު ކުޅުންތެރިޔާގެ މަގާމާ ހަވާލުވާން ދިއުމުން ގިނަ ނޫސްވެރިންވަނީ މެޗާ ގުޅިގެން ދަގަނޑޭގެ ބަހެއް ހޯދުމަށް މަސައްކަތް ކޮށްފައެވެ. މެޗާ ގުޅިގެން ދަގަނޑޭ ބުނެފައިވަނީ އެންމެ ޖުމްލައެކެވެ.

މިރޭގެ މެޗުން ވި "މޮޅު ހަދިޔާ ކުރާނީ ގައުމީ ކޯޗަށް،" މިހެންނެވެ.

comment ކޮމެންޓް