ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގައި ޓެރަރިޒަމްގެ ދައުވާ އުފުލާފައިވާ ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާން ޝަރީއަތް ނިމެންދެން ޖަލު ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.
ޝަރީއަތް ނިމެންދެން ސިނާން ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން އަމުރުކުރީ މިއަދު ހަވީރުގެ ވަގުތެއްގައެވެ.
ސިނާން ހައްޔަރު ކުރަން ކްރިމިނަލް ކޯޓުން ކުރިން ނެރުނު ކޯޓު އަމުރުގައި ބުނެފައި ވަނީ ރާއްޖޭގައި ގާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރެއް ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ވައްޓާލުމަށްޓަކައި ރިޝްވަތުގެ ގޮތުގައި ފައިސާ ހިފައި، ގާނޫނާ ހިލާފަށް ވެރިކަން ވައްޓާލުމަށް ރޭވުމުގައި އަމަލީ ގޮތުން ސިނާން ބައިވެރިވެފައިވާ ކަމަށް ތުހުމަތުކުރެވޭ ކަމަށެވެ.
ސިނާން ބަންދުގައި ބަހައްޓަން ފުލުހުންނަށް ފެންނަ ސަބަބުތައް ކޯޓު އަމުރުގައި ވަނީ ބަޔާންކޮށްފައެވެ.
އެ އަމުރުގައިވާގޮތުން ސިނާން ހައްޔަރު ނުކޮށް ބަހައްޓައިފިނަމަ އޭނާގެ ފަރާތުން މުޖްތަމައުގެ ސަލާމަތަށް ނުރައްކާ ވެދާނެކަމަށް ފެނެއެވެ. އަދި ބަންދުން ދޫކޮށްލާފައި ބެހެއްޓުމަކީ މައްސަލައިގެ ހެއްކަށް ނުފޫޒުފޯރުވައި، ހެކި ނައްތާލުމަށް ސިނާނަށް ފުރުސަތު ތަނަވަސް ވެގެންދާނެ ކަމެއް ކަމަށް އެ އަމުރުގައިވެއެވެ.
ގިނަ ދުވަސްތަކެއް ވަންދެން ރާއްޖެއިން ބޭރުގައި އުޅުއްވުމަށްފަހު ދަނގެތީ ދާއިރާގެ މެމްބަރު އިލްހާމް އަހުމަދާއި ސިނާން މާލެ ވަޑައިގަތީ މިދިޔަ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހުގެ ރޭ ސިޔާސީ ލީޑަރުން މިނިވަންކުރުމަށް ސުޕްރީމް ކޯޓުން ކުރި އަމުރާ ގުޅިގެންނެވެ. ހުކުމަށްފަހު ޖެހިގެން އައި ހޮނިހިރު ދުވަހު އެ ދެ މެންބަރުން މާލެ ވަޑައިގަތުމާ އެކު އެއާޕޯޓުން ފުލުހުން ވަނީ ހައްޔަރުކޮށްގެން ދޫނިދޫއަށް ގެންގޮސްފައެވެ. ނަމަވެސް ޖެހިގެން އައި ދުވަހު ބަންދާމެދު ގޮތެއް ނިންމަން ހާޒިރުކުރުމުން ކްރިމިނަލް ކޯޓުން ވަނީ އެ ދެ މެންބަރުން މިނިވަންކޮށްފައެވެ.