ކްލަބު މޯލްޑިވްސް ކަޕް 18/30 ވިމެންސް ފުޓްސަލް ފިއެސްޓާގެ ދެވަނަ ބުރުގެ ކުޅުން ނިމި، ސެމީ ފައިނަލަށް ދަތުރުކުރި ޓީމުތައް ކަށަވަރުވެއްޖެ އެވެ.
18/30 ވިމެންސް ފުޓްސަލް ފިއެސްޓާގެ ދެވަނަ ބުރަށް ހަ ޓީމު ދަތުރުކޮށްފައި ވަނީ ގްރޫޕް ސްޓޭޖުގެ ދެ ބުރެއް ކުޅެގެންނެވެ. ސެމީއަށް ޓީމުތައް ދަތުރުކުރީ ތިން ޓީމުގެ ދެެ ގްރޫޕަކުންނެވެ. އެ ދެ ގްރޫޕުން ސެމީގެ ޖާގަ ޔަގީންވީ ކޮންމެ ގްރޫޕަކުން ވެސް އެއްވަނަ އަދި ދެވަނަ ޓީމަށެވެ.
ދެވަނަ ބުރުގެ ކުޅުން އިއްޔެ ނިމިފައިވާ އިރު، ގްރޫޕް އެކެއްގެ އެއްވަނަ ޓީމުގެ ގޮތުގައި ސެމީއަށް ދަތުރުކުރީ ޕޮލިސް ކްލަބެވެ. ޕޮލިސް ކްލަބުން ވަނީ ދެވަނަ ބުރުގައި ކުޅުނު ދެ މެޗުން ވެސް މޮޅުވެފަ އެވެ. ދެވަނަ ޓީމުގެ ގޮތުގައި ސެމީއަށް ދިޔައީ ކަސްޓަމްސް ރެކްރިއޭޝަން ކްލަބެވެ. އެ ގްރޫޕުން މުބާރާތުން ކެޓީ އުރީދޫ އެވެ.
ގްރޫޕް އެކެއްގެ ފަހު މެޗުގައި އިއްޔެ ހަވީރު ވާދަކުރީ ކަސްޓަމްސްއާއި ޕޮލިހެވެ. އެ މެޗު 9-1ގެ ނަތީޖާއަކުން ކާމިޔާބުކުރީ ޕޮލިހެވެ. މެޗަށް ނުކުތްއިރު ވެސް ދެޓީމަށް އޮތީ ސެމީގެ ޖާގަ ޔަގީންވެފަ އެވެ.
މެޗުގައި ޕޮލިހަށް ގޯލްތައް ކާމިޔާބުކޮށްދިނީ ބިދޭސީ ދެ ކުޅުންތެރިންނެވެ. އެގޮތުން އަނީތާ ބަސްނަޓް މެޗުގައި ހަތަރު ގޯލް ޖެހި އިރު، ބާކީ ފަސް ގޯލްވެސް ކާމިޔާބުކުރީ ސަބްރިތާ ބަންޑާރީ އެވެ.
ކަސްޓަމްސްގެ ގޯލް ކާމިޔާބުކޮށްދިނީ އައިމިނަތު ނަޒުރާ އެވެ.
އިއްޔެ ކުޅުނު ގްރޫޕް ދޭއްގެ މެޗުގައި އެމްޕީއެލް އިން ފެނަކަ ބަލިކޮށްފައިވާ އިރު، ދެ ޓީމުން ވެސް މެޗަށް ނުކުތީ ގްރޫޕްގެ އެއް ވަނަ ހޯދުމަށެވެ.
އެމްޕީއެލް އިން އިއްޔެގެ މެޗު ކާމިޔާބުކުރީ 3-0ގެ ނަތީޖާއަކުންނެވެ. މެޗުގައި އެމްޕީއެލްގެ ގޯލްތައް ޖަހައިދިނީ އީރާންގެ ސެޔެޑެހްޒާރާ އަހުމަދީ ޒާދޭ އަދި މަރިޔަމް ރިފާއެވެ. ރިފާ ވަނީ މެޗުގައި ދެ ގޯލް ޖަހައިފަ އެވެ. އެ ގްރޫޕުން ކެޓީ ވެމްކޯ އެވެ.
18/30 ވިމެންސް ފުޓްސަލް ފިއެސްޓާގެ ސެމީގައި އެމްޕީއެލް އިން ކަސްޓަމްސްއާ ވާދަކުރަން ޖެހޭއިރު، ގްރޫޕް އެކެއްގެ އެއްވަނަ ޕޮލިހުން ނުކުންނާނީ ފެނަކައާ ދެކޮޅަށެވެ.