އެސްޓީއޯ ކަޓުވާލައި ވެމްކޯއާއި އެމްޓީސީސީ ދެވަނަ ބުރަށް، ފެނަކަވެސް ކަޓައިފި

ކްލަބު މޯލްޑިވްސް ކަޕްގްގެ ގްރޫޕް ސްޓޭޖުގައި އެސްޓީއޯއާއި އެމްޓީސީސީ ވާދަކުރި މެޗުގެ ތެރެއިން --- ސަން ފޮޓޯ/ ފަޔާޒް މޫސާ

ކްލަބު މޯލްޑިވްސް ކަޕްގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗުތައް ރޭ ކުޅެފައިވާ އިރު، ވަރުގަދަ އެސްޓީއޯ ކަޓައި ވެމްކޯއާއި އެމްޓީސީސީން މުބާރާތުގެ ދެވަނަ ބުރުގެ ޖާގަ ހޯދައިފި އެވެ.

އެސްޓީއޯއަކީ ކްލަބު މޯލްޑިވްސް ކަޕްގެ އެންމެ ކާމިޔާބު އެއް ޓީމެވެ. އެސްޓީއޯ ހިމެނޭ ގްރޫޕް ޖީގައި ރޭ ކުޅެފައި ވަނީ ފަހު ދެ މެޗެވެ.

ގްރޫޕް ޖީގައި އެސްޓީއޯ އާއި ވެމްކޯ ވާދަކުރި މެޗު، 1-1ގެ ނަތީޖާއަކުން އެއްވަރުވެގެން ނިމިފައިވާ އިރު، އެމްޓީސީސީން ގްރޫޕްގެ އެއްވަނަ ކަށަވަރުކުރީ ރޭ ކުޅުނު މެޗުގައި ބޮޑު ތަފާތަކުން އިމިގްރޭޝަންސް ބަލިކޮށްގެންނެވެ.

އެމްޓީސީސީން އިމިގްރޭޝަންސް ބަލިކުރީ 6-1ގެ ނަތީޖާއަކުންނެވެ.

އެސްޓީއޯ އަދި ވެމްކޯ ވާދަކުރި މެޗުގެ ފުރަތަމަ ހާފްގައި އެސްޓީއޯއަށް ލީޑު ނަގައިދިނީ ކެޕްޓަން މުހައްމަދު އިމްރާނެވެ. އެހެން ނަމަވެސް މެޗު ނިމެން 10 މިނެޓަށް ވެފައިވަނިކޮށް ވެމްކޯގެ އަލީ ހާފިޒް (ހާއްޕެ) ޖެހި ގޯލާ އެކު ވެމްކޯ އިން ވަނީ މުހިންމު ޕޮއިންޓެއް ހޯދައިފަ އެވެ.

ގްރޫޕް ޖީގެ އެއްވަނަ އެމްޓީސީސީ އަށް ލިބެނީ ހަތް ޕޮއިންޓާއެކުގަ އެވެ. ދެވަނައިގައި ވެމްކޯ އޮތީ ފަސް ޕޮއިންޓާއެކުގަ އެވެ. ތިން މެޗުން އެސްޓީއޯ އަށް ލިބެނީ ހަތަރު ޕޮއިންޓެވެ.

ރޭ ދެން ކުޅުނީ ގްރޫޕް އީގެ ފަހު މެޗުތަކެވެ. އެ ގްރޫޕުން ދެ ވަނަ ބުރު ކަށަވަރުކުރި ޓީމުތަކަކީ އުރީދޫ އަދި ޕަބްލިކް ވޯކްސް އެވެ.

ރޭގެ މެޗަށް ނުކުތްއިރު ވެސް އުރީދޫއަށް ދެވަނަ ބުރު ޔަގީން ވެފައި އޮތް އިރު، އެޓީމާ އިދިކޮޅަށް ނުކުތް ޕަބްލިކް ވޯކްސްއަށް އޮތީ މޮޅެއް ހޯދުމަށް މުހިންމު ވެފަ އެވެ.

ރޭގެ މެޗު ޕަބްލިކް ވޯކްސް އިން ކާމިޔާބުކުރީ 3-2ގެ ނަތީޖާއަކުންނެވެ. ޕަބްލިކް ވޯކްސްގެ ތިން ގޯލް ވެސް މިދުހަތު ފަހުމީ (ބިޗަޑް) ކާމިޔާބުކޮށްދިން އިރު، އުރީދޫގެ ގޯލްތައް ކާމިޔާބުކޮށްދިނީ އަބްދުﷲ ޒައީމާއި މުހައްމަދު ފާޝިރެވެ.

ގްރޫޕް އީގައި ރޭ އާސަންދައާއި ތައުލީމީ ގުޅުން ވާދަކުރި މެޗު، އާސަންދައިން ކާމިޔާބުކުރީ 7-3ގެ ނަތީޖާއަކުންނެވެ. ރޭގެ މެޗަށް ނުކުތްއިރު ވެސް ދެވަނަ ބުރަށް ދިއުމަށް އަމިއްލަ ބާރު ކެނޑިފައި އޮތް އާސަންދައަށް މެޗުގެ ގޯލްތައް ޖަހައިދިނީ ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބުގެ ޑިފެންޑަރު އަހުމަދު އަބްދުﷲ (ލިލީ)ގެ އިތުރުން އަލީ ޝާފިއު އަދި އަލީ ނަދީމް (ނަޑޭ) އެވެ. މެޗުގައި އަލީ ޝާފިއު ވަނީ އާސަންދައަށް ހެޓްރިކް ހަދައިދީފަ އެވެ.

ތައުލީމީ ގުޅުމުގެ ގޯލްތައް ކާމިޔާބުކޮށްދިނީ އިބްރާހީމް ނޫރައްދީނާއި އަލީ ހަމްދާން އަދި އިބްރާހީމް ހަސަނެވެ.

ކްލަބު މޯލްޑިވްސް ކަޕް ގްރޫޕް ސީގައި ފެނަކައިން އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑާ (އެވިސްކޮމް) ދެކޮޅަށް ކުޅުނު މެޗުން މޮޅުވި ނަމަވެސް، ފެނަކަ ކެޓީ އެ ގްރޫޕުގައި ޕޮލިސް އަދި އެފްއެސްއެމް ވާދަކުރި މެޗު އެއްވަރުވުމުންނެވެ.

ފެނަކައިން 3-1ގެ ނަތީޖާއަކުން އެވިސްކޮމް ބަލިކުރި އިރު، ފެނަކައިގެ ގޯލްތައް ޖަހައިދިނީ އަހުމަދު ހުޝާމާއި އަހުމަދު ހަލީމް (އައްމަޑޭ) އަދި ހުސައިން ނާޝިދެވެ. އެވިސްކޮމްގެ ގޯލް ކާމިޔާބުކޮށްދިނީ ޒައްމަތު މުހައްމަދު ވަހީދެވެ.

ގްރޫޕް ސީގައި ޕޮލިހާއި އެފްއެސްއެމް ކުޅުނު މެޗު އެއްވަރުވީ 2-2ގެ ނަތީޖާއަކުންނެވެ. މެޗުގައި ޕޮލިހުން ޖެހި ދެ ގޯލްވެސް ކާމިޔާބުކުރީ އަހުމަދު ރިފްޝާން (ކަކާ)އެވެ.

އެފްއެސްއެމްގެ ދެ ގޯލް ފަހު ހާފްގައި ކާމިޔާބުކޮށްދިނީ އަހުމަދު ރަޒުނީއާއި މުހައްމަދު އަމްޖަދެވެ.

ކުޅުނު ތިން މެޗުން އެފްއެސްއެމް އަދި ޕޮލިހަށް ވެސް ފަސް ޕޮއިންޓް ލިބިފައިވާ އިރު، ތިން މެޗުން ފެނަކައަށް ލިބެނީ ހަތަރު ޕޮއިންޓެވެ. ގްރޫޕް ސީގެ އެއްވަނަ އެފްއެސްއެމްއަށް ލިބެނީ ޕޮލިހަށްވުރެ ޖެހި ގޯލް ގިނަ ވުމުންނެވެ.

comment ކޮމެންޓް