ކުޑަކުދިން ޓީވީ، އައިޕެޑް ފަދަ ތަކެތި ބޭނުންކުރުމަށް ހޭދަކުރާ ވަގުތާމެދު ސަމާލުވާންޖެހޭ: ޑރ. އަފީފް

ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު، ޑރ. އަފީފް --

ޓީވީ، އައިޕެޑް ފަދަ ތަކެތި ބޭނުންކުރުމަށް ކުޑަކުދިން ހޭދަކުރާ ވަގުތާމެދު ސަމާލުވާން ޖެހޭކަމަށް ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު، ޑރ. އަބްދުﷲ އަފީފް ވިދާޅުވެއްޖެއެވެ.

މީސްމީޑިއާ މެދުވެރިކޮށް ޑރ. އަފީފް ދެއްވި މެސެޖުގައި ވިދާޅުވެފައިވަނީ، "އެންޓަޓެއިންމަންޓް ސްކްރީން" (ޓީވީ، އައިޕެޑް އަދި ކޮމްޕިއުޓަރު ފަދަ ތަކެތި) ބޭނުންކުރުމުގައި ކުޑަކުދިން ހޭދަކުރާ ވަގުތު ދުވާލެއްގެ މައްޗަށް ގަޑިއިރެއް ނުވަތަ ދެ ގަޑިއިރަށް ވުރެ އިތުރު ނުކުރުމަށެވެ.

އޭގެ އިތުރުން އުމުރުން ދެ އަހަރު ނުވާ ކުދިން އެފަދަ ތަކެއްޗާ މުޅިން ދުރުގައި ގެންގުޅުމަށްވެސް ޑރ. އަފީފް ވަނީ އިރުޝާދުދެއްވައިފައެވެ.

ޓެކްނޮލޮޖީއާއި އިލެކްޓްރޯނިކްސް ދުނިޔެއެއްގައި މިހާރު އެކަން ހުއްޓުވުމަށް ނުވަތަ އެކަމުގައި ހޭދަކުރާ ވަގުތު ކުޑަކުރުވުމަށް މަސައްކަތްކުރުމަކީ އުނދަގޫ ކަމެއް ނަމަވެސް، "ސްކްރީން ޑިޕެންޑެންސީ ޑިސްއޯޑާ"ގެ ޝިކާރައަކަށް އެކުދިން ވުމުން ސަލާމަތްކުރުމަށް އެއީ މުހިންމު ކަމެއް ކަމަށްވެސް ޑރ. އަފީފް ވިދާޅުވިއެވެ.

މިފަހަކަށް އައިސް އެފަދަ އިލެކްޓްރޯނިކް ގެޖެޓްސްތަކުގެ ސަބަބުން ކުޑަކުދިންނަށް ކުރާ ނޭދެވޭ އަސަރުތައް އިތުރުވަމުންދާތީ، ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު، ޑރ. އަބްދުﷲ ނިޔާފްވެސް ވަނީ އެކަމާމެދު ސަމާލުވުމަށް ބެލެނިވެރިންނަށް އިރުޝާދުދެއްވައިފައެވެ.

comment ކޮމެންޓް