ލަންކާގެ ބޮޑުވަޒީރު ރަނިލްއާ ދެކޮޅަށް އިތުބާރުނެތްކަމުގެ ވޯޓު ނަގަނީ

ސްރީލަންކާގެ ރައީސް މައިތުރިޕާލަ ސިރިސޭނާ އަދި ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ --

ކޮލަމްބޯ (31 މާޗް) : ސްރީލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންގާ ދެކޮޅަށް އިތުބާރުނެތް ކަމުގެ ވޯޓުނަގަން އެގައުމުގެ ޕާޓީތަކުން ނިންމައިފި އެވެ.

ބޮޑުވަޒީރު ރަނިލްގެ މައްޗަށް އިތުބާރު ނެތްކަމުގެ ވޯޓު މިހާރު ވަނީ އަންނަ ބުދަ ދުވަހަށް ތާވަލްކޮށްފަ އެވެ.

ރަނިލްއާ ދެކޮޅަށް ޕާލިމަންޓުގެ 55 މެމްބަރަކު ސޮއިކޮށްފައިވާ އިރު އެ ސޮއިތައް ޕާލިމަންޓްގެ ސްޕީކަރު ކަރޫ ޖަޔަސޫރިޔާއަށް މިދިޔަ މަހު ވަނީ އަރުވައިފަ އެވެ. ރަނިލްގެ ޕާޓީ އަދި އެ ޕާޓީއާ ގުޅިފައިވާ ޕާލިމަންޓްގެ 95 މެމްބަރުން ވެސް ވަނީ ރައްދުގައި ބޮޑުވަޒީރަށް އިތުބާރު އޮތް ކަމަށް ބުނެ ސޮއިކޮށްފައިވާ ލިޔުންތައް ހުށަހަޅައިފަ އެވެ.

ސްރީލަންކާ ރައީސް ސިރިސޭނޭ ވަނީ ރަނިލް އިސްތިއުފާ ދެއްވުމަށް ގޮވާލައްވައިފަ އެވެ. އަދި ރަނިލް މަގާމުން ދުރުކުރުމަށް އެގައުމުގެ އެޓާނީ ޖެނެރަލްގެ ކިބައިން ވެސް ވަނީ ލަފާހޯއްދަވައިފަ އެވެ. ސްރީލަންކާގެ ސަރުކާރާ ގުޅިފައިވާ އިއްތިހާދުން ބުނީ ބޮޑުވަޒީރު މަގާމުން ދުރުކުރުމުގެ ބާރު ސިރިސޭނާއަށް ލިބިފައިވާ ކަމަށެވެ.

މަގާމުން ދުރުކުރަން އިތުބާރުނެތް ކަމުގެ ވޯޓު ނެގުމަށް ތާވަލްކުރިއަސް ބޮޑު އަގުލަބިއްޔަތެއް ލިބިގެންނޫނީ ރަނިލް މަގާމުން ވަތްކެއް ނުކުރެވޭނެ އެވެ. އެގައުމުގެ ޕާލިމަންޓް މިހާރު ވެސް ކޮންޓްރޯލް ކުރަމުންދަނީ ރަނިލްއާ ގުޅިފައިވާ އިއްތިހާދުންނެވެ.

ސްރީލަންކާގައި 2015 އަހަރު ބޭއްވި އިންތިހާބުގައި ސިރިސޭނާ އާއި ރަނިލް ވެރިކަމަށް ވަޑައިގެންނެވީ ދެބޭފުޅުންގެ ޕާޓީން ހެދި އިއްތިހާދުގެ ދަށުންނެވެ. ނަމަވެސް ފަހަކަށް އައިސް ދެޕާޓީގެ ގުޅުން ވަނީ ވަރަށް ބޮޑަށް ގޯސްވެފަ އެވެ. އެންމެ ފަހުން ބޭއްވި ލޯކަލް އިންތިހާބުގައި ވެސް ދެ ޕާޓީން ވާދަކުރީ ވަކިވަކިންނެވެ.

ރަނިލް ވިކްރަމަސިންގް ޕާޓީގެ މެމްބަރުކު ހިންގި ބޮންޑް ވިއްކުމުގައި ވަރަށް ބޯޑަށް ކޮރަޕްޝަން ހިމެނޭކަމަށް ވަނީ އަޑުފެތުރިފަ އެވެ. ހުދު ސިރިސޭނާ ވެސް ވަނީ ރާޖަޕަކްސާގެ ޕާޓީއަށް ވުރެ ރަނިލްގެ ޕާޓީގެ ކޮރަޕްޝަން މާބޮޑު ކަމަށް ވިދާޅުވެފަ އެވެ.

މަސްދަރު : ލަންކާ ޑެއިލީމިރާ

comment ކޮމެންޓް