އެމެރިކާގެ ކެލިފޯނިއާގައި ދެން ކޮފީ ވިއްކޭނީ ކެންސަރުގެ އިންޒާރާއެކީ ކަމަށް ލޮސް އެންޖަލިސްގެ ކޯޓަކުން ކަނޑައަޅައިފިއެވެ.
ދުނިޔެއަށް މަޝްހޫރު ކޮފީ ޗެއިން ސްޓާބަކްސްއާއި އެހެނިހެން ކޮފީ ވިއްކާ 90 ކުންފުންޏަކާ ދެކޮޅަށް ގްރޫޕަކުން ހުށަހެޅި މައްސަލަައިގައި ބުނީ ކޮފީ ރޯސްޓުކުރާއިރު ވިހަ މާއްދާއެއްކަމަށްވާ އެކްރިލްއެމައިޑް އުފެދޭކަމަށެވެ. ކޯޓުން ބުނީ އެ ކުންފުނިތަކުން ކޮފީ ވިއްކާއިރު އޭގައި ވިހަމާއްދާއެއް ހިމެނޭކަން ކަސްޓަމަރުންނަށް އަންގައިދީފައިނުވާ ކަމަށެވެ.
ކުންފުނިތަކުގެ މައްޗަށްވެސް ގާނޫނު ހިގަންޖެހޭ ކަމަށް ވެސް ކޯޓުން ބުންޏެވެ. ނަމަވެސް އަންނަ މަހު 10 އަކާ ހަމައަށް އެ މައްސަލަ އިސްތިއުނާފް ކުރުމުގެ ފުރުސަތު ވަނީ ދީފައެވެ.
އެކްރިލްއެމައިޑް އަކީ ކާބޯހައިޑްރޭޓްސް ހުންނަ ކާތަކެތި ގަދަ ހޫނުގައި މާގިނައިރު ފިހެ، ތެލުލައި ނުތަތަ ރޯސްޓު ކުރުމުން އުފެދޭ މާއްދާއެކެވެ. އަދި ޖަނަވާރު ބޭނުންކޮށްގެން ކުރި ޓެސްޓުތަކުގައި އެ ކެމިކަލުން ޓިއުމަރު އުފެދޭކަން ވަނީ އެނގިފައެވެެ. އެހެން ކަމުން އެ ކެމިކަލުން އިންސާނުންނަށްވެސް ކެންސަރު ޖެހިދާނެ ކަމަށްވެސް ވަނީ ބުނެފައެވެ.
ކޮފީ ބުއިމުން ކެންސަރު ޖެހިދާނެކަމަށް ކެލިފޯނިއާގެ ކޯޓުން ކަނޑައެޅިޔަސް، ކޮފީއަކީ ސިއްހަތަށް އެެއްވެސް ނުރައްކަލެއް ނެތް އެއްޗެއް ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން މިދިޔަ އަހަރު ވަނީ ކަނޑައަޅައިފައެވެ.