އުތުރު ކޮރެއާގެ ލީޑަރާއި ދެކުނު ކޮރެއާގެ ރައީސް އަންނަ މަހު ބައްދަލުކުރަނީ

އުތުރު ކޮރެއާގެ އޮފިޝަލުންނާއި ދެކުނު ކޮރެއާގެ އޮފިޝަލުން ވަނީ މިއަދު މަތީ ފަންތީގެ ބައްދަލުވުމެއް ބާއްވާފައި -- ފޮޓޯ: އޭއެފްޕީ

ސޯލް (މާޗް 29): އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުން އާއި ދެކުނު ކޮރެއާގެ ރައީސް މޫން ޖޭ އިން ބައިވެރިވެވަޑައިގަންނަވާ ސަމިޓެއް އަންނަ މަހު ބާއްވަން ދެ ގައުމުން އެއްބަސްވެއްޖެއެވެ.

އަންނަ މަހުގެ 27ގައި އެސަމިޓު ބާއްވަން ހަމަޖެހިފައި ވަނީ ދެ ކޮރެއާ ގުޅޭ ޑީމިލިޓަރައިޒްޑް ޒޯން (ޑީއެމްޒެޑް)ގައި އޮންނަ އަވަށެއް ކަމަށްވާ ޕަންމުންޖޮމްގައެވެ.

ދެ ކޮރެއާއިން އެސަމިޓު ބާއްވަން ނިންމީ ޕަންމުންޖޮމްގައި މިއަދު ދެގައުމުގެ އޮފިޝަލުން ބޭއްވި މަތީ ފަންތީގެ ބައްދަލުވުމަކަށް ފަހުގައެވެ. އެއީ މިމަހުގެ ކުރީކޮޅު ދެކުނު ކޮރެއާގެ ވަފުދަކުން ލީޑަރު ކިމްއާ ބައްދަލު ކުރި ފަހުން ދެ ކޮރެއާގެ އޮފިޝަލުން ބައްދަލު ކުރި ފުރަތަމަ ފަހަރެވެ.

ލީޑަރު ކިމްއާ ބައްދަލު ކުރި ދެކުނުގެ ވަފުދުން ވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާ ބައްދަލު ކޮށްފައެވެ. އަދި ކިމްއާ ބައްދަލުކުރައްވަން ޓްރަމްޕަށް ދައުވަތު އަރުވައިފައެވެ. ރައީސް ޓްރަމްޕް ވަނީ އެދައުވަތު ގަބޫލު ކުރައްވައި، އަންނަ މެއި މަހު ކިމްއާ ބައްދަލު ކުރައްވަން ތައްޔާރަށް ހުންނެވި ކަމަށް ވިދާޅުވެފައެވެ.

މީގެ އިތުރުން، މިދިޔަ އާދިއްތަ ދުވަހު ކިމް ޖޮންގް އުން ވަނީ ޗައިނާއަށް ކުއްލި ދަތުރުފުޅެއް ކުރައްވައި، ރައީސް ޝީ ޕިންގްއާ ބައްދަލު ކުރައްވައިފައެވެ.

ދެ ކޮރެއާގެ ސަމިޓެއް އެންމެ ފަހުން ބާއްވާފައި ވަނީ 2007 ވަނަ އަހަރުއެވެ. އެސަމިޓުގައި ދެކުނު ކޮރެއާގެ ކުރީގެ ރައީސް ރޯ މޫ ހުޔުން އާއި އުތުރު ކޮރެއާގެ ކުރީގެ ލީޑަރު ކިމް ޖޮންގް އިލް ބައްދަލު ކުރެއްވިއެވެ. (ގާޑިއަން)

comment ކޮމެންޓް