" އޭލެވްލެގެ ނަތީޖާ ދޫކުރަން ފެށިތާ ކުޑައިރުކޮޅެއް ތެރޭ އަޅުގަނޑު ދިޔައިން ނަތީޖާާ ނަގަން. ވަރަށް ނާރވަސް ވެފައި ހުރީ. އެފަހަރު އެކައުންޓް ވަރަށް އުނދަގޫ. އެކަމުވެސް އޭގެން ފުލް މާކްސް ލިބުނު. ވަރަށް އުފާވި. ނަތީޖާ ހިފައިގެން ގެއަށް ގޮސް ދެއްކުމުން މަންމަވެސް ތިބީ އުފަލުން ފެން ކަޅިވެފައި،" އޭލެވެލްގެ ޓޮޕް އެޗީވާޒް އެވޯޑް ހާސިލްކުރި މަރިޔަމް މަލްސާ ލިޝާމް އޭނާގެ ހަޔާތުގައި އައި އެންމެ އުފާވެރިވަގުތުކޮޅުގެ ވާހަކަ ހިއްސާކުރަމުން ކިޔައިދިނެވެ.
މިއަހަރުގެ ޓޮޕް އެޗީވާޒް އެވޯޑް ހާސިލްކުރި ސީއެޗްއެސްސީގެ ދަރިވަރަކީ ތައުލީމީ ހަޔާތުގައި ކުރިންވެސް ބޮޑެތި ކާމިޔާބީތަކެއް ހޯދައިފައިވާ ދަރިވަރެކެވެ. ޖަމާލުއްދީން ސްކޫލުން ތައުލީމީ ހަޔާތްފަށައި އަދި އަމީނިއްޔާ ސްކޫލުން އޯ ލެވެލް އިމްތިހާން ނިންމާލީވެސް ސްުކޫލް ފަހުރުވެރިވާ ދަރިވަރަކަށްވެ ރަންވަނަ ހާސިލްކޮށްގެންނެވެ.
" އޯ ލެވެލް އިމްތިހާނުން އަޅުގަނޑު މުޅި ރާއްޖެއިން ދެވަނަ ހާސިލްކުރިން. ދިވެހިން އެކަނި ބީ ލިބުނީ. ދެން އެހެން ހުރިހާ މާއްދާއަކުން އޭ ލިބުނު،" މަލްސާ ބުންޏެވެ.
އަމީނިއްޔާއިން ތައުލީމު ހާސިލްކުރުމަށްފަހު އޭލެވެލް ހެދުމަށް މަލްސާ ދެން ބަދަލުވީ ސީއެޗްއެސްސީއަށެވެ. އޯލެވެލްގައި ހޯދި ބޮޑު ކާމިޔާބަށްފަހުވެސް މަލްސާ ހުރީ ނުގުޑާފަދަ އަޒުމެއްގައެވެ. މަލްސާގެ އަމާޒު ހުރީ އޯ ލެވެލްއެކޭ އެއްފަދައިން އޭލެވެލްގައި ވެސް ރަނގަޅު ނަތީޖާއެއް ހޯދުމަށެވެ.
އޯ ލެވެލްގައި ނެރުނު ނަތީޖާ، އޭ ލެވެލްގައިވެސް ނެރެވޭނެކަން މަލްސާ ވަނީ ވަރަށް ރަނގަޅަށް ސާބިތުކޮށްދީފައެވެ. ނަމަވެސް މިފަހަރު ވަނީ ކުރިއަށް ވުރެ އިތުރު ހަރުފަތަކަށް ނަތީޖާވެސް ގެންގޮސްފައެވެ. އޭ ލެވެލް އިމްތިހާނުގައި ސްޓެޓިސްޓިކްސް ފިޔަވައި އެހެން ހުރިހާ މާއްދާއަކަުން އޭ ސްޓާ ހޯދައި ރައީސުލްޖުމްހޫރިއްޔާ ދެއްވާ ސްކޯލާޝިޕްވެސް މަލްސާ ވަނީ މިއަހަރު ހާސިލްކޮށްފައެވެ.
ޓޮޕް އެޗީޗާޒްގެ ފަހުރުވެރި ކާމިޔާބީއަށް ފަަހު ވެސް މަލްސާގެ އަމާޒު ހުރީ އިތުރަށް ކިޔެވުމަށެވެ.
އޭ ލެވެލްގައި އެންމެ ޝައުގުވެރިކަމާއެކު ކިޔެވި އިކޮނޮމިކްސް މާއްދާއިން ކުރިއަށް ދިއުމަކީ މަލްސާ އެންމެ ދެކެން ބޭނުންވާ ދުވަހެވެ. އެ ހުވަފެން ހަގީގަތަކަށް ހެދުމަށްޓަކައި މަލްސާ ދަނީ ރާއްޖެއިން ބޭރަށް ކިޔަވަންދިއުމަށް މިހާރު ތައްޔާރުވަމުންނެވެ. މަލްސާ ބުނީ އޭނާގެ ވިސްނުންހުރީ މެލޭޝިއާ ނުވަތަ ސިންގަޕޫރުގެ ރަނގަޅު ޔުނިވާސިޓީއަކުން އިކޮނޮމިކްސްގެ ދާއިރާއިން ބެޗްލާސް ޑިގްރީ ހާސިލްުކުރުމަށް ކަމަށެވެ.
" އޭލެވެލްގަ ވެސް ވަރަށް ޝައުގުހުރި މާއްދާއެއް އިކޮނޮމިކްސްއަކީ. ޓިއުޝަންނުނެގި، ނަމަވެސް އޭ ސްޓާ ލިބުނު. ވަރަށް ގިނަ ދާއިރާތަކާ އިކޮނޮމިކްސް ވަނީ ގުޅިފައި. ވަޒީފާގެ ފުރުސަތުތައް ވެސް ވަރަށް ގިނަވާނެ. ވަރަށްވޭ ރާއްޖޭގެ މަރުކަޒީ ބޭންކްގައިވެސް މަސައްކަތްކުރާ ހިތް." މަލްސާ ކިޔައިދިނެވެެ.
ޓޮޕް އެޗީވާޒް ހޯދާ ގިނަ ދަރިވަރުންނަކީ ހުރިހާ މާއްދާއަކުން ޓިއުޝަން ނަގައިގެން ނަތީޖާއާ ދިމާލަށް ވާސިލްވާ ކުދިންނެވެ. ނަމަވެސް މަލްސާގެ ހިޔާލު އެ ކަމުގައި ވަރަށް ބޮޑަށް ތަފާތެވެ.
"އަޅުގަނޑުވެސް ނެގިން ތިން މާއްދާ އިން. އެއީ ބައެއް މާއްދާތައް އުނދަގޫވާތީއާއެކު އިތުރަށް އޮޅުންފިލުވުމުގެ ގޮތުން. އަޅުގަނޑު ދެކޭގޮތުގައި އަމިއްލައަށް ކިޔެވުމަކީ ވަރަށް މުހިންމު ކަމެއް. އަބަދު ޓިއުޝަން ނެގުމުން ގިނަ ފަހަރު އަމިއްލައަށް ކިޔަވާނެ ވަގުތެއް ނުލިބޭނެ. ދެން ބައެއް އޮޅުން އަރާކަންތައްތަކުގެ މައުލޫމާތު އިންޓަނެޓުން އަޅުގަނޑު ހޯދީ،" މަލްސާ ބުންޏެވެ.
ތައުލީމީ ހަޔާތުގެ ދިގު ރާސްތާ މަލްސާ މިހާތަނަށް ކަޑައްތު ކުރިއިރު، އޭނާއަށް އެހީތެރިވެދިން ފަރާތްތަކަކީ އޭނާގެ ކާމިޔާބުގެ އެއް ސިއްރެވެ.
"މަންމަ ބައްޕަ ދެން އާއިލާގެ މެމްބަރުންގެ ފަރާތުން ވަރަށް ބޯޑު ސަޕޯޓެއް ލިބުނު. ހާއްސަކޮށް ދައްތަ އާއި އަދި ކޮއްކޮގެ ފަރާތުން ވަރަށް ބޮޑު ސަޕޯޓެއް ލިބުނު މިހާހިސާބަށް އައުމުގައި،" މަލްސާ ބުންޏެވެ.
ޓޮޕްއެޗީވާޒް އާއެކު، މަތީތައުލީމުގެ އާހަރުފަތެއް ކަޑައްތުކުރުމަށް ތައްޔާރުވެގެން ހުރި މަލްސާގެ ހުރިހާވެސް އުއްމީދަަކީ ތައުލީމުގެ ދެން އޮތް ހަރުފަތުންވެސް ކާމިޔާބު ހޯދުމެވެ. މަލްސާ ފަދަ އަޒުމު ވަރުގަދަ، ތޫނުފިލި ދަރިން ކިޔަވައި ނިންމައިގެން އެނބުރި ރާއްޖެއައިސް ގައުމަށް ހިދުމަތްކުރާތަން ދުށުމަކީ މި ދިވެހި ގައުމު މިހާރު އެންމެ ދެކެން ބޭނުންވާނޭ ދުވަހެވެ.