މެސީއަށް ފާޑު ކިޔައިގެން ނުވާނެ، މެސީ ނެތި ނަތީޖާއެއް ނުނެރެވޭނެ: ކޮސްޓާ

އާޖެންޓީނާގެ ތަރި ލިއޮނަލް މެސީ ---

އާޖެންޓީނާގެ ސަޕޯޓަރުން އެޓީމުގެ ކެޕްޓަން ލިއޮނަލް މެސީއަށް އާއްމުކޮށް ފާޑު ކިޔާ ކަމަށާއި، އެކަން ހުއްޓާލަން ޖެހޭ ކަމަށް ސްޕެއިންގެ ފޯވަޑް ޑިއޭގޯ ކޮސްޓާ ބުނެފިއެވެ.

އެންމެފަހުން ނިމިދިޔަ ވޯލްޑް ކަޕްގެ ފައިނަލަށް އާޖެންޓީނާ ގެންދިއުމުގައި މެސީ މުހިއްމު ދައުރެއް އަދާކުރި ނަމަވެސް އާޖެންޓީނާގެ ގިނަ ބަޔަކު ބުނަމުންދަނީ ކްލަބުގައި މެސީ ކުޅޭވަރަށް ގައުމީ ޓީމަށް އޭނާ ނުކުޅޭ ކަމަށެވެ.

ރޭ ސްޕެއިންނާ އާޖެންޓީނާ ވާދަކުރި މެޗުގައި އަނިޔާގެ ސަބަބުން މެސީ ކުޅެފައެއް ނުވެއެވެ. މެޗުން އާޖެންޓީނާ ބަލިވީ 6-1ގެ ނަތީޖާއަކުންނެވެ. މެޗުގައި ސްޕެއިންގެ އިސްކޯ އެލެކްރަން ހެޓްރިކް ހަދައިފައިވާ އިރު، ތިއޭގޯ އަލްކަންޓްރާ އަދި ޑިއޭގޯ ކޮސްޓާވެސް ވަނީ ގޯލް ޖަހައިފައެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ސްޕެއިންގެ ފޯވަޑް ކޮސްޓާ ބުނީ އާޖެންޓީނާ ކުޅޭ މެޗުތައް ރަނގަޅަށް ދިރާސާކޮށް ބަލާލުމުން އެނގޭނެ އެއްޗަކީ މެސީ ނުލާ ނަތީޖާ ނުނެރެވޭ ކަން ކަމަށެވެ. އެހެން ނަމަވެސް އާޖެންޓީނާ ސަޕޯޓަރުން އާއްމުކޮށް މެސީއަށް ފާޑު ކިޔާ ކަމަށާއި، އެ ގޮތަށް ފާޑު ކިޔުމުގެ ކުރިން ހާލަތާ މެދު ވިސްނާލަން މުހިއްމު ކަމަށްވެސް ކޮސްޓާ ބުންޏެވެ.

ކޮސްޓާ ބުނެފައިވަނީ މެސީ ކޮންމެ ކުޅުމެއް ކުޅުނު ނަމަވެސް އޭނާއަށް މިހާރު ފާޑުކިޔާ ގޮތަށް ފާޑު ކިއިގެން ނުވާނެ ކަމަށާއި މެސީއާ ނުލާ އާޖެންޓީނާއަށް ތަފާތު ނުދެއްކޭނެ ކަމަށްވެސް މެސީ ބުންޏެވެ.

ކޮސްޓާ ބުނީ ރޭގެ މެޗުގައި ގައުމީ ޓީމަށް ކުޅެވުމުން ހިތްހަމަ ޖެހޭ ކަމަށާއި ވިސްނުން ހުރީ ސްޕެއިން ގައުމީ ޓީމާއެކު ވޯލްޑް ކަޕަށް ދިއުމަށް ކަމަށެވެ.

ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު ފަސް ފަހަރު ހޯދައިފައިވާ މެސީވަނީ ގައުމީ ޓީމަށް 146 މެޗުން 77 ގޯލް ޖަހައިދީފައެވެ.

comment ކޮމެންޓް