ރައްޔިތުންގެ މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ފުލުހުންގެ ބަންދުން ދޫކޮށްލައިފި އެވެ.
އާޒިމް ފުލުހުންގެ ބަންދަށް ގެންގޮސްފައި ވަނީ މި މަހުގެ 16 ވަނަ ދުވަހުގެ ރޭ އިދިކޮޅު ފަރާތްތަކުން މާލޭގައި ބޭއްވި މުޒާހަރާގެ ތެރެއިންނެވެ. މިއަދު އާޒިމް ދޫކޮށްލާފައި ވަނީ އޭނާ ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން ޖެހި ނުވަ ދުވަހުގެ މުއްދަތު ހަމަވުމުން، އަދި އޭނާ ބަންދު ކުރިތާ 12 ދުވަސް ފަހުންނެވެ.
މިއަދުގެ ވަގުތެއްގައި އެމްޑީޕީގެ ޕީޖީ ލީޑަރު އަދި ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވެސް ވަނީ ދޫކޮށްލައިފަ އެވެ.
އެ ދެ ބޭފުޅުންގެ އިތުރުން ފުލުހުންގެ ބަންދުގައި ހުންނެވި މެދުހެންވޭރު ދާއިރާގެ ކައުންސިލަރު އަހުމަދު ނިޔާޒު ވެސް ފުލުހުން ވަނީ ދޫކޮށްލައިފަ އެވެ.
މިމަހުގެ 16 ވަނަ ދުވަހު "ހުއްޓުވާ" ނަމުގައި މާލޭގައި ބޭއްވި މުޒާހަރާ އިން ހައްޔަރު ކުރި ގިނަ މީހުން ފުލުހުން ވަނީ ދޫކޮށްލައިފަ އެވެ.