ކްރިކެޓް ވޯލްޑް ކަޕް އޮތީ އަތް ނުޖެހޭ ހިސާބަކު ނޫން: ކެޕްޓަން ހަސަން

ހަސަން ގައުމީ ޓީމުގެ ޕްރެކްޓިސްތަކުގައި، އޭނާ ފާހަގަކުރެވެނީ ގައުމީ ޓީމުގެ ޕްރެކްޓިސްތަކުގެ އިތުރުންވެސް އަމިއްލައަށް ފަރިތަކުރާ މީހެއްގެ ގޮތުގައި --- ފޮޓޯ/ ކްރިކެޓް އެސޯސިއޭޝަން

ރާއްޖޭގެ ގައުމީ ޓީމު ފުރަތަމަ ފަހަރަށް އިންޓަނޭޝަނަލް ކްރިކެޓް ކައުންސިލް (އައިސީސީ)ގެ މުބާރާތެއްގައި ވާދަކުރުމަށް ސްކޮޑު އިއުލާންކުރީ ވޭތުވެދިޔަ ހަފްތާގެ ތެރޭގަ އެވެ.

ރާއްޖެއިން ކުޅޭ ފުރަތަމަ އައިސީސީ މުބާރާތަކަށް ވަނީ އަންނަ މަހު ކުވައިތުގައި ކުޅުމަށް ހަމަޖެހިފައިވާ "އައިސީސީ ވޯލްޑް ޓީ20"ގެ އޭޝިއަން ސަބް ރީޖަނަލް ކޮލިފަޔާސް އެވެ.

އެ މުބާރާތުގައި ރާއްޖެއިން ނުކުންނާނީ ކުވައިތާއި ގަތަރުގެ އިތުރުން ބަހުރައިންއާއި ސައުދީ އަރަބިޔާ އަދި ޔޫއޭއީއާ ދެކޮޅަށެވެ. އަންނަ މަހު 20 އިން 27 އަށް ކުވައިތުގައި ކުރިއަށްދާ މުބާރާތުގެ އެންމެ މޮޅު ދެ ޓީމު ވޯލްޑް ކަޕްގެ ކޮލިފައިން ފައިނަލް ބުރަށް ކޮލިފައިވާނެ އެވެ.

ކެޕްޓަން ހަސަން ޓީމާއެކު ---

ރާއްޖޭ ޓީމުގެ ޕްރެކްޓިސްތައް ބާރު ސްޕީޑެއްގައި ކުރިއަށްދާ އިރު، ކެޕްޓަން ހަސަން އިބްރާހީމްގެ ރޫޓީން ތަފާތެވެ. އަމިއްލައަށް ގިނަ މަސައްކަތްތަކެއް ކޮށް، ޓީމާ އެކު ވެސް ފަރިތަކުރަމުންދާ ހަސަން މުބާރާތަށް ކުރާ އުންމީދު ވަރަށް ފޮންޏެވެ.

"ނުވާނެ ކަމެއް ނޫން އެއީ ކްރިކެޓްގެ ވޯލަޑް ކަޕަށް ދިއުމަކީ. އަސްލު ވަރަށް ފަހުން ރާއްޖެއާއި އެއް ލެވެލްއެއްގައި ކުޅުނު ޓީމުތައް އަފްޣާން ތަންތަނަކީ. އެދަނީ ވޯލްޑް ކަޕަށް އެޓީމުތައް ވެސް. އެހެންވީމަ ރާއްޖެއަށް ވެސް ބޭނުން ވަނީ ކުޑަކުޑަ ހިތްވަރެއް،" ހަސަން ބުންޏެވެ.

ހަސަން ފާހަގަކުރީ ރަނގަޅު ޕްލޭނަކާ އެކު ކުދިންތަކެއް ތަމްރީނު ކުރެވިއްޖެ ނަމަ ކްރިކެޓަކީ އެންމެ ފަސޭހައިން ވޯލްޑް ކަޕަކާ ހަމައަށް ދެވިިދާނެ އެއް ކުޅިވަރި ކަމަށެވެ.

ހަސަން އޮސްޓްރޭލިއާގައި ހޭދަކުރި ދުވަސްވަރު --- ފޮޓޯ/ ކާލްޓަން ކްރިކެޓް ކްލަބު

ހެނދުނު އަމިއްލަ މީހާގެ ފަރިތަކުރުންތަކުގެ އިތުރުން ހަށިގަނޑު މެއިންޓެއިން ކުރުމުގެ ގޮތުން ޖިމް ޖެއްސުމަށް ފަހު ހަވީރު ހަސަން ފަރިތަކުރަނީ ޓީމާ އެކު އެވެ.

"އަސްލު އަދި ވެސް ބޭނުންވާ ވަރަށް އެފަޓެއް ނުލެވޭ. އެކަނި ކުރާ މަސައްކަތުން ކުޅުންތެރިންގެ ފިޓްނަސް ވެސް އެބަ ޖެހޭ މިހާރަށް ވުރެ ރަނގަޅު ކުރަން. މުބާރާތަށް ވަރަށް ބޮޑަށް ތައްޔާރުވާން އެބަޖެހޭ. އެކަމަށް ކުޅުންތެރިން ވަގުތު ދީގެން ނަތީޖާއަކާ ހަމައަށް ދިއުމަށް،" ބާރު އުކުންތެރިޔާ ހަސަން ބުންޏެވެ.

ހަސަނަކީ ރާއްޖޭގެ ލެވެލްގެ އިތުރުން ބައިނަލްއަގުވާމީ ރަނގަޅު ޕްލެޓްފޯމްތަކެއްގައި އޭނާގެ ފެންވަރު ދައްކައިފައިވާ އުކުންތެރިއެކެވެ. އެގޮތުން މެލޭޝިއާގެ ޕްރިމިއާ ލީގުގައި ޕެނަންގުގައި ވިދާލި ހަސަން ވަނީ އޮސްޓްރޭލިއާގައި ގްރޭޑް ލެވެލްގެ ކްރިކެޓް ވެސް ކުޅެފަ އެވެ. އޮސްޓްރޭލިއާގެ ވިކްޓޯރިއާ ޕްރިމިއާ ކްރިކެޓްގެ ކާލްޓަން ކްރިކެޓް ކްލަބަށް ކުޅުމުގެ އިތުރުން ހަސަން ވަނީ އެގައުމުގެ ބިގް ބޭޝް ލީގު ކަމަށްވާ މެލްބަން ރިނެގާޑްސްއާއެކު ވެސް ފަރިތަކުރުންތަކުގައި ބައިވެރިވެފަ އެވެ.

ހަސަން އޮސްޓްރޭލިއާގައި ހޭދަކުރި ދުވަސްވަރު އޭނާވަނީ އޮސްޓްރޭލިއަން ސިކްސާސްގެ ފަރިތަކުރުމުގައި ބައިވެރިވެފަ: ހަސަން ސައުތު އެފްރިކާ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޖޯހަން ބޯތާއާއެކު ---

ހަސަންގެ ތަޖުރިބާތަކަކީ ގައުމީ ޓީމަށް ލިބޭނެ އެންމެ ބޮޑު އުންމީދެވެ. ރާއްޖޭ ލެވެލްގެ ބޭރުން އޭނާ ހޯދައިފައިވާ ކާމިޔާބީތަކަކީ ޓީމަށް އޮތް އެންމެ ބޮޑު ހިތްހަމަ ޖެހުމަށް ވެގެންދެ އެވެ.

ކުވައިތުގައި އޮންނަ މުބާރާތުގެ ކުރިން ރާއްޖޭ ޓީމު ލަންކާގައި އަންނަ މަހު 11 އިން ފެށިގެން ކޭމްޕްކުރުމަށް ނިންމާފައިވާ އިރު، ހަސަން ބުނީ ލަންކާގެ ވާދަވެރި ޓީމުތަކާ ދެކޮޅަށް ކުޅެ ހުނަރުތައް ހުރިވަރެއް ބަލާލުމަށް ފަހު އައިސީސީ މުބާރާތަށް ދެވުމަކީ ލިބޭނެ މުހިއްމު ތަޖުރިބާއެއް ކަމަށެވެ.

comment ކޮމެންޓް