29 އަހަރުވީ 20 ކިލޯ މީޓަރު ރެކޯޑު މުގުރާލައި ހާފް މެރަތަން ރެކޯޑު ޝިފާޒް އާކޮށްފި

ޝިފާޒް މުހައްމަދު އިއްޔެގެ ދުވުން ފެށުުގެ ކުރިން --- ފޮޓޯ/ މީސް މީޑިއާ

ސްޕެއިންގެ ވެލެންސިއާގައި އިއްޔެ ކުރިއަށްދިޔަ ހާފް މެރަތަން ޗެމްޕިއަންޝިޕްގައި ހާފް މެރަތަން ރެކޯޑު އާކޮށް 29 އަހަރުވީ 20 ކިލޯ މީޓަރުގެ ރެކޯޑު ދުވުންތެރިޔާ ޝިފާޒް މުހައްމަދު މުގުރާލައިފި އެވެ.

ޝިފާޒް އިއްޔެ އާކޮށްފައިވާ ހާފް މެރަތަން ރެކޯޑަކީ މިދިޔަ އަހަރު މެއި މަހު މެލޭޝިއާގައި ދުވެ އޭނާ ހަދާފައިވާ ހާފް މެރަތަން ރެކޯޑެވެ. މެލޭޝިއާގައި ޝިފާޒް ހާފް މެރަތަން ނިންމާފައިވަނީ އެއް ގަޑިއިރު 14 މިނެޓް 48 ސިކުުންތުންނެވެ. އިއްޔެގެ ހާފް މެރަތަން އޭނާ ނިންމީ އެއް ގަޑިއިރާ 14 މިނެޓް 23 ސިކުންތުންނެވެ.

ޝިފާޒް އިއްޔެ މުގުރާލި 20 ކިލޯ މީޓަރު ރެކޯޑަކީ މީގެ ކުރިން ޑރ. ހުސައިން ހަލީމް (ކުޑަ ހުސެއިން) ހަދާފައިވާ ރެކޯޑެވެ. އެ ރެކޯޑު ކުޑަ ހުސައިން ހަދާފައި އޮތީ 1988 ވަނަ އަހަރު ޖުލައި މަހު ކެނެޑާގެ ސުދުބަރީގައި ބޭއްވި މުބާރާތެއްގަ އެވެ. އެ ދުވުމުގައި އޭނާ 20 ކިލޯ މީޓަރު ފުރިހަމަކޮށްފައި ވަނީ އެއް ގަޑިއިރު 11 މިނެޓް 34 ސިކުންތުންނެވެ. އިއްޔެ ވެލެންސިއާގައި ޝިފާޒް 20 ކިލޯ މީޓަރު ދުވެފައި ވަނީ އެއް ގަޑިއިރު 10 މިނެޓް 43 ސިކުންތުންނެވެ.

ޝިފާޒް ވަނީ މިދިޔަ އަހަރުގެ ތެރޭގައި ދެ ފަހަރަށް ގައުމީ ހާފް މެރަތަން ރެކޯޑު އާކޮށްފަ އެވެ. ދެހާސް ހަ ވަނަ އަހަރު އަހްމަދު ޝަރަފް ގާއިމްކުރި ހާފް މެރަތަން ރެކޯޑު ޝިފާޒް، މިދިޔަ އަހަރުގެ މެއި މަހުގެ ތެރޭގައި މުގުރާލި އިރު، އެ ރެކޯޑަށް މަހެއް ނުވަނީސް އޭނާގެ އަމިއްލަ ރެކޯޑު އާކުރި އެވެ.

މީގެ އިތުރުން ވެސް ޝިފާޒަކީ ގައުމީ މެރަތަން ރެކޯޑު އަދި ފަސް ކިލޯ މީޓަރުގެ ރެކޯޑު ވެސް އޮންނަ ދުވުންތެރިޔާ އެވެ.

comment ކޮމެންޓް