ގާސިމްގެ އިސްތިއުނާފުގެ އަޑުއެހުން ކެންސަލް ކޮށްފި

ގާސިމް އިބްރާހީމް --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ މައްޗަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ހައިކޯޓުގައި އިސްތިއުނާފްކޮށްފައިވާ މައްސަލައިގެ އަޑުއެހުން ކެންސަލްކޮށްފި އެވެ.

މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ 24 ވަނަ ދުވަހު ގާސިމްގެ މައްޗަށް އިއްވި ހުކުމް ހައިކޯޓުގައި އިސްތިއުނާފްކޮށްފައިވާ އިރު އެ ޝަރީއަތުގެ ފުރަތަމަ އަޑުއެހުން މިއަދު 9:30 އަށް ތާވަލް ކުރުމަށް ފަހު ކެންސަލް ކޮށްފައި ވަނީ ކީއްވެކަން ހައިކޯޓުން ބުނެފައިނުވާ ކަމަށް ގާސިމްގެ ވަކީލު ހިސާން ހުސައިން ވަނީ ވިދާޅުވެފަ އެވެ.

ގާސިމްގެ އިސްތިއުނާފް ޝަރީއަތް ފަށަން ހަމަޖެހިފައިވާ އިރު އޭނާ ހުންނެވީ ޖަރުމަނުވިލާތުގަ އެވެ. ކްރިމިނަލް ކޯޓުން ތިން އަހަރުގެ ހުކުމް އިއްވި އިރު ވެސް ގާސިމް އޮންނެވީ ސިއްހީ ހާލަތު ގޯސްވެ ހައިޖީއެމްއެޗްގައި އެޑްމިޓްކޮށްފަ އެވެ. އޭނާގެ މައްޗަށް ހުކުމްކޮށްފައި ވަނީ ޣައިރު ހާޒިރުގަ އެވެ.

ގާސިމްގެ މައްޗަށް ހުކުމް އިއްވި ހިސާބުން އޭނާ ވަނީ އިތުރު ފަރުވާއަށް ސިންގަޕޫރަށް ފޮނުވައިފަ އެވެ. ނަމަވެސް ބޭސްފަރުވާ ފުރިހަމަ ކުރެެއްވުމަށް ފަހު އަނބުރާ ވަޑައިގެންފައެއް ނުވެ އެވެ.

ގާސީމް އަނބުރާ ގެނައުމަށް ހޯމް މިނިސްޓަރު ވަނީ ފުލުހުންގެ މައްޗަށް އަމުރުކޮށްފަ އެވެ.

މާމިގިލި ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާ ގާސިމްގެ މައްޗަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމުގައި ބުނެފައި ވަނީ ގާނޫނުލް އުގޫބާތުގައިވާ ގޮތުން ދައުލަތުގެ މުވައްޒަފަކު ރަސްމީ ހައިސިއްޔަތުން އަދާކުރަން ޖެހޭ ވާޖިބަކަށް ނުފޫޒު ފޯރުވުމުގެ ގޮތުން ނުވަތަ ރަސްމީ ހައިސިއްޔަތުން ކުރަން ޖެހޭ ކަމެއް ކުރުމުގެ ގޮތުން، ނުވަތަ ނުކޮށްދޫކޮށްލުމުގެ ގޮތުން ގާނޫނު ހުއްދަނުކުރާ މަންފާއެއް ހުށަހެޅުމަކީ ރިޝްވަތު ދިނުމަށް ހުށަހެޅުމުގެ ކުށުން ކުށްވެރިވާ ކަމެއް ކަމަށެވެ.

comment ކޮމެންޓް