އެފްއެސްއެމްއާއި ޕޮލިހުން ދެވަނަ ބުރުގެ އުންމީދު ބޮޑުކޮށްފި

ކްލަބު މޯލްޑިވްސް ކަޕްގެ ތެރެއިން: ގްރޫޕް ސީގައި އިއްޔެ ކުޅުނު މެޗުތައް ކާމިޔާބުކޮށް، އެފްއެސްއެމްއާއި ޕޮލިހުން ވަނީ ދެވަނަ ބުރުގެ އުންމީދު ބޮޑުކޮށްފައި --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ކްލަބު މޯލްޑިވްސް ކަޕް 'ގްރޫޕް ސީ'ގައި އިއްޔެ ކުޅުނު މެޗުތައް ކާމިޔާބުކޮށް، ޓީމް އެފްއެސްއެމް އާއި ޕޮލިސް ކްލަބުން ދެވަނަ ބުރުގެ އުންމީދު ބޮޑުކޮށްފި އެވެ.

އިއްޔެގެ މޮޅާ އެކު އެފްއެސްއެމްއާއި ޕޮލިސް އޮތީ 'ގްރޫޕް ސީ'ގެ އެއްވަނައިގަ އެވެ. ދެ ޓީމަށް ވެސް ކުޅުނު ދެ މެޗުން ލިބިފައި ވަނީ ހަތަރު ޕޮއިންޓެވެ. އެ ގްރޫޕުގައި ދެން ހިމެނޭ އޭވިއޭޝަން ސެކިއުރިޓީ އާއި ޓީމް ފެނަކައަށް ދެ މެޗުން ލިބިފައި ވަނީ އެންމެ ޕޮއިންޓެކެވެ.

ޓީމް ފެނަކައާ ދެކޮޅަށް ރޭ ކުޅުނު މެޗުން އެފްއެސްއެމް މޮޅުވީ 2-0ގެ ނަތީޖާއަކުންނެވެ. އެ މެޗުގައި އެފްއެސްއެމްގެ ދެ ލަނޑުވެސް އެޓީމަށް ކާމިޔާބުކޮށްދިނީ މުހައްމަދު ނާފިއު އަހުމަދެވެ.

އިއްޔެ ހަވީރު ކުޅުނު މެޗުގައި ޕޮލިސް ކްލަބުން އޭވިއޭޝަން ސެކިއުރިޓީ އަތުން މޮޅުވެފައި ވަނީ 3-2ގެ ނަތީޖާއަކުންނެވެ. އެ މެޗުގައި ޕޮލިހުގެ ލަނޑުތައް އެޓީމަށް ކާމިޔާބުކޮށްދިނީ އަހްމަދު ރިފްޝާނާއި މުހައްމަދު ޒާޔިދު މުސްތަފާ އަދި ނިޝާދު އަލީ އެވެ. އޭވިއޭޝަން ސެކިއުރިޓީގެ ދެ ލަނޑު ވެސް އެޓީމަށް ކާމިޔާބުކޮށްދިނީ އަހްމަދު ނާސިހެވެ.

އެ ގްރޫޕުގެ ފަހު މެޗުތައް ކުޅުމަށް ހަމަޖެހިފައި ވަނީ އަންނަ ހޮނިހިރު ދުވަހުގެ ހަވީރު 5:00 ގަ އެވެ. ޕޮލިހާ ދެކޮޅަށް އެފްއެސްއެމް ނުކުންނަ އިރު، ފެނަކަ ނުކުންނާނީ އޭވިއޭޝަން ސެކިއުރިޓީއާ ދެކޮޅަށެވެ. އެ ގްރޫޕުން ދެވަނަ ބުރުގެ ޖާގަތައް ހޯދާ ޓީމުތައް ކަށަވަރުވާނީ އެ މެޗުތަކަށް ފަހު އެވެ.

comment ކޮމެންޓް