ފަހަތުންއަރައި ހަނިމާދުއާ އެއްވަރުކޮށް މުރައިދޫން ޒޯން ޗެމްޕިއަންކަން ހޯދައިފި

މުރައިދޫން ޒޯން ޗެމްޕިއަންކަން ހޯދާ ޝީލްޑް އުފުލާލަނީ --- ފޮޓޯ/ އެފްއޭއެމް

އެސްޓީއޯ މިނިވަން ޗެމްޕިއަންޝިޕް ޒޯން އެކެއްގެ ޗެމްޕިއަންކަން މުރައިދޫން ހޯދައިފިއެވެ.

ޒޯން އެކެއްގައި މުރައިދުއާއި ހަނިމާދޫ، ހަނިމާދޫގައި ކުޅުނު މެޗުން މުރައިދޫ މޮޅުވީ 2-0ގެ ނަތީޖާއަކުންނެވެ. އަދި މުރައިދޫގައި ކުޅުނު މެޗު 2-2ގެ ނަތީޖާއަކުން އެއްވަރުކޮށް މުރައިދޫން ޒޯން ޗެމްޕިއަންކަން ނެގީ އެގްރިގޭޓް 2-4ގެ ނަތީޖާއަކުންނެވެ.

އިއްޔެގެ މެޗުގެ 49 ވަނަ މިނެޓުގައި އާސިފް ސަލީމްގެ ގޯލުން ހަނިމާދު ލީޑު ނެގިއެވެ. އަދި އޭގެ 10 މިނެޓް ފަހުން މުހައްމަދު ހާލިދުގެ ގޯލުން ހަނިމާދޫ އުންމީދު އާކުރިއެވެ.

ހަނިމާދޫން ކުރަމުން އައި އުންމީދުތަކަށް ހުރަސް އެޅުނީ މެޗުގެ 64 ވަނަ މިނެޓުގައި މުރައިދޫގެ އިސްމާއީލް ފަތުހީ ކާމިޔާބުކުރި ގޯލުންނެވެ. އަދި މެޗުގެ 70 ވަނަ މިނެޓުގައި ފަތުހީގެ ދެވަނަ ގޯލާއެކު މުރައިދުއިން މެޗުގެ ނަތީޖާ ހަމަހަމަކޮށް ޗެމްޕިއަންކަން ޔަގީންކުރިއެވެ.

އިއްޔެގެ މެޗުގެ 64 ވަނަ މިނެޓުގައި ހަނިމާދޫގެ މުހައްމަދު އަބްދުލްޤަފޫރަށް ރެފްރީވަނީ ރަތް ކާޑެއްވެސް ދައްކައިފައެވެ.

ޒޯން އެކެއްގެ ޗެމްޕިއަންކަން ހޯދި މުރައިދޫވަނީ މިނިވަން ޗެމްޕިއަންޝިޕްގެ ފައިނަލް ބުރަށް ކޮލިފައިވެފައެވެ.

އެފްއޭއެމްއިން ފުޓުބޯޅަ އޮނިގަނޑަށް ގެނައި ބަދަލާއެކު މިދިޔަ އަހަރު މިނިވަން ޗެމްޕިއަންޝިޕްގެ ފައިނަލް ބުރުގައި ކުޅުނު ޓީމުތަކަށް މިއަހަރުގެ މުބާރާތް ފަށަން ޖެހޭނީ ފައިނަލް ބުރާ ހިސާބުންނެވެ. އެއަހަރުގެ ފައިނަލް ބުރު ކުޅުނު ޓީމުތަކާއި މިއަހަރުގެ ޒޯން ޗެމްޕިއަނުން ފައިނަލް ބުރުގައި ވާދަކުރާނެއެވެ.

comment ކޮމެންޓް