ފައުޒާންގެ ހެޓްރިކާއެކު ފުރަތަމަ ލެގުގައި ކޮނޑޭއަށް ބޮޑު މޮޅެއް

ކޮނޑޭއާއި ވިލިނގިލި ވާދަކުރި މެޗުގެ ތެރެއިން --- ފޮޓޯ/ މީސް މީޑިއާ

އެސްޓީއޯ މިނިވަން ޗެމްޕިއަންޝިޕް ގއ. އަތޮޅުގެ ބުރުގެ ފުރަތަމަ ލެގުގައި ކޮނޑޭއިން ބޮޑު މޮޅެއް ހޯދައިފިއެވެ.

މިއަހަރުގެ މިނިވަން ޗެމްޕިއަންޝިޕް މުބާރާތުގައި ގއ. އަތޮޅުން ބައިވެރިވެފައިވަނީ ދެ ޓީމެވެ. އެއީ ކޮނޑޭއާއި ވިލިނގިއްޔެވެ. އެހެންކަމުން އެ އަތޮޅު ބުރުގައި ކުޅުމަށް ހަމަޖެހިފައިވަނީ ހޯމް އެންޑް އަވޭ އުސޫލުން ޖުމްލަ ދެ މެޗެވެ.

ކޮނޑޭ ދަނޑުގައި އިއްޔެ ކުޅުނު މެޗު އެ ޓީމުން ކާމިޔާބުކުރީ 4-1ގެ ނަތީޖާއަކުންނެވެ.

މެޗުގައި ފުރަތަމަ ލީޑު ނެގީ ވިލިނގިލިންނެވެ. އަފްސަދު ރަޝީދުގެ ގޯލުން ވިލިނގިލި ލީޑު ނެގި ނަމަވެސް ކޮނޑޭއިން ވަނީ ފަހަތުން އަރައި މެޗުން މޮޅުވެފައެވެ.

މެޗުގައި ކޮނޑޭގެ މުހައްމަދު ފައުޒާން ހެޓްރިކް ހަދާފައިވާ އިރު، އެޓީމަށް ދެން ގޯލް ޖަހައިދިނީ މުހައްމަދު އިމްތިޔާޒެވެ.

ކޮނޑޭއާއި ވިލިގިލި ވާދަކުރާ ދެވަނަ ލެގުގެ މެޗު އޮންނާނީ މިމަހުގެ 27 ވަނަ ދުވަހު ވިލިނގިލީގައެވެ.

އެސްޓީއޯ މިނިވަން ޗެމްޕިއަންޝިޕް ގއ. އަތޮޅުގެ ޗެމްޕިއަން ޓީމު ކުޅޭނީ ޒޯން ހަތެއްގެ ޒޯން ބުރުގައެވެ. އެ ޒޯންގައި ދެން ހިމެނޭނީ ގދ. އަތޮޅު ޗެމްޕިއަނުންނެވެ. ގދ. އަތޮޅު ބުރުގައި ދެ ޓީމު ވާދަކުރާނެއެވެ. އެއީ ހޯޑެއްދުއާއި މަޑަވެއްޔެވެ.

comment ކޮމެންޓް