އާތް އަވާ އައްޑޫއިން: މެންގުރޫވް ޓްރީސް އަށް ހާއްސަ ނާސަރީއެއް ހިތަދޫގައި ހުޅުވައިފި

އައްޑޫގެ ކުޅި، ފާ އަދި ޗަސްބިންތަކުން މަދުވަމުންދާ ގަސް އާލާކުރުމަށް ކްލައިމެޓް ޗޭންޖު އެޑަޕްޓޭޝަން ޕްރޮޖެކްޓް (ސީކެޕް) އިން އިސްނަގައިގެން ހާއްސަ ނާސަރީއެއް ހުޅުވުން --- ފޮޓޯ/ އާތް އަވާ މޯލްޑިވްސް ފޭސްބުކް ޕޭޖް

އައްޑޫ ސިޓީގައި ކުރިއަށްދާ އާތް އަވާ މޯލްޑިވްސްގެ މައި ހަރަކާތްތަކުގެ ދަށުން އައްޑޫގެ ކުޅި، ފާ އަދި ޗަސްބިންތަކުން މަދުވަމުންދާ ގަސް އާލާކުރުމުގެ ޕްރޮޖެކްޓެއް ފަށައިފި އެވެ.

އާތް އަވާ ހަރަކާތަކީ، މޫސުމަށް އަންނަމުންދާ ބަދަލުތަކާއި އެ ބަދަލުތަކުން ލިބިދާނޭ ގެއްލުންތައް ކުޑަކުރުމުގެ ގޮތުން އެޅިދާނެ ފިޔަވަޅުތަކަށް އާންމުން ހޭލުންތެރި ކުރުވުމަށް ބައިނަލްއަގްވާމީ ގޮތުން ދުނިޔޭގައި ފާހަގަކުރާ އެންމެ ބޮޑު އެއް ހަރަކާތެވެ.

އެ ހަރަކާތުގައި 2009 ވަނަ އަހަރުން ފެށިގެން ރާއްޖެއިން ވެސް ބައިވެރިވާއިރު މިއި ރާއްޖޭގައި ވެސް މިހާތަނަށް ކޮންމެ އަހަރަކު ހިންގަމުން ގެންދާ އެންމެ ބޮޑު އެއް ހަރަކާތްތެވެ.

އެ ހަރަކާތުގެ ދަށުން އައްޑޫ ސިޓީގެ ޗަސްބިންތަކުން މަދުވަމުންދާ ގަސް އާލާކުރުމަށް ފެށި ޕްރޮޖެކްޓަކީ އެންވަޔަރަމަންޓް މިނިސްޓްރީގެ ކްލައިމެޓް ޗޭންޖު އެޑަޕްޓޭޝަން ޕްރޮޖެކްޓް (ސީކެޕް) އިން އިސްނަގައިގެން ކުރިއަށްގެންދާ ހަރަކާތެކެވެ.

ސީކެޕް އައްޑޫ ޔުނިޓުގެ މެނޭޖަރު އައިމިނަތު އަފާއު މިއަދު ވިދާޅުވީ، ޗަސްބިންތަކުން މަދުވަމުންދާ ގަސް އާލާކުރުމަށް މިއަދު ހުޅުވި މެންގުރޫވްއަށް ހާއްސަ ނާސަރީ އަކީ ރާއްޖޭގައި ގާއިމްކުރި އެފަދަ ފުރަތަމަ ނާސަރީ ކަމަށެވެ.

ސްކޫލް ދަރިވަރުންނަށާއި އައްޑޫއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް މެންގްރޫވް ޓްރީސްގެ ފައިދާތައް ކިޔައިދީ ތިމާވެއްޓާ ރަހުމަތްތެރިކޮށްދިނުމުގެ ބޭނުމުގައި ހުޅުވި އެ ނާސަރީގައި އައްޑޫ ހިތަދޫގައި އޮންނަ އައްޑޫ އީދިގަލި ކިޅި ކޯއްޓޭ ހިމާޔަތް ކޮށްފައިވާ ސަރަހައްދު ނުވަތަ ނޭޗާ ޕާކުން ފެންނަ ތިން ވައްތަރެއްގެ މެންގުރޫވް ޓްރީސް ވަނީ ހިމަނައިފައެވެ.

އަފާއު ވިދާޅުވީ، އާތްއަވާއާ ގުޅުވައިގެން މެންގުރޫވް ޓްރީސް އަށް ހާއްސަ ނާސަރީއެއް ހުޅުވި ނަމަވެސް ކުރިއަށް އޮތްތަނުގައި ރާއްޖޭގެ އެކިކަންކޮޅުތަކުން ފެންނަ އެފަދަ ގަސްތައް ގެނެސް އާލާކުރުމަށް ރޭވިފައިވާ ކަމަށެވެ.

އެގޮތުން އައްޑޫން މިވަގުތު ތިން ވައްތަރެއްގެ މެންގުރޫވް ޓްރީސް ފެނުނު ނަމަވެސް ރާއްޖޭގައި ޖުމްލަ 13 ވައްތަރެއްގެ މެންގުރޫވް ޓްރީސް ފެންނަ ކަމަށް އަފާއު ވިދާޅުވި އެވެ.

"އައްޑޫ ޗަސްބިންތަކުގައި މީގެ ކުރީން ސްޓަޑީއެއް ހެދިފައި ނެތީމަ ނޭނގެ ކިހާ ވަރަކަށް ކަމެއް މަދުވެފައިވަނީ އެއް. ނަމަވެސް މިހާރު ވެސް އައްޑޫ ހިމާޔަތް ކޮށްފައިވާ ޗަސްބިން ސަރަހައްދުގައި ހުސްވާން ކައިރިވެފައިވާ މެންގްރޫވް ޓްރީސް އެބަހުރި. އެންމެ ދެގަސް ތިން ގަސް ހުރި ވައްތަރުވެސް އެބަހުރި،" އަފާއު ވިދާާޅުވި އެވެ.

އައްޑޫގައި މިވަގުތު ހަރަކާތްތެރިވާ އާތް އަވާ މޯލްޑިވްސް ޓީމުން ބުނާގޮތުން، އައްޑޫ ސިޓީގައި ކުރިއަށްދާ އާތް އަވާގެ "ސްވިޗް އޮފް އިވެންޓް" ބޭއްވުމަށް ހަމަޖެހިފައިވަނީ އައްޑޫ ސިޓީ ހިތަދޫ ސްޓޭޖް ސަރަހައްދުގައި ކަމަށެވެ. އެގޮތުން ފޯރިގަދަ ހަރަކާތްތަކަކާއެކު ތިމާވެށި ރައްކާތެރިކުރުމަށް ހޭލުންތެރިކުރުވުމުގެ ހަރަކާތްތަކެއް ކުރިއަށްދާނެ ކަމަށް އެ ޓީމުން ބުނެއެވެ.

އާތް އަވާއަށް ތައްޔާރުވުމާއި މީހުންގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން އައްޑޫގައި އިއްޔެ ވަނީ ހަރަކާތްތަކެއް ހިންގައިފައެވެ. އެގޮތުން މޯލްޑިވިއަން ރެޑް ކްރެސެންޓުގެ ސީނު ބުރާންޗުން އިސްނަގައިގެން ހިތަދޫ ސްކޫލުން ފެށިގެން އީކުއެޓޯރިއަލް ކޮންވެންޝަން ސެންޓަރާ ހަމައަށް ސާފު ކުރުމުގެ ހަރަކާތެއް ވަނީ ހިންގައިފައެވެ.

އޭގެ އިތުރުން ފެނަކަ ހިތަދޫ ބްރާންޗުން އިސްނަގައިގެން ރަށުގައި ހަރަކާތްތެރިވާ ޖަމިއްޔާ ޖަމާއަތްތަކާއި ސަރުކާރާއި ކުންފުނިތަކަށް އަމާޒުކޮށްގެން ބައިސްކަލް ދުއްވުމުގެ މުބާރާތެއް ވެސް އިއްޔެ ހިންގި އެވެ.

comment ކޮމެންޓް