ރުއްތަކެއް ކެނޑި މައްސަލައެއްގައި ރިނބުދޫ ކައުންސިލު 255،000 ރުފިޔާއިން ޖޫރިމަނާކޮށްފި

ރިނބުދޫ ގޮނޑުދޮށް -- ފޮޓޯ/ އައްސަދު ފޮޓޯގްރަފީ

ދ. ރިނބުދޫ ކުނިކޮށި އެޅުމަށް ހަމަޖެހިފައިވާ ސަރަހައްދުގައި ހުރި ރުއްތަކެއް ކެނޑި މައްސަލައެއްގައި އެ ރަށު ކައުންސިލު 255،000 ރުފިޔާއިން ޖޫރިމަނާ ކޮށްފިއެވެ.

އެންވާރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)އިން މިދިޔަ އަންގާރަ ދުވަހު ރިނބުދޫ ކައުންސިލް ޖޫރިމަނާ ކޮށްފައި ވަނީ ރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާއި ބެހޭ ގާނޫނުގެ ދަށުން ހަދާފައިވާ "ތިމާވެއްޓަށް ދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލު ހޯދުމުގެ ގަވާއިދު"ގެ ޖަދުވަލު ފަހެއްގެ ދަށުންނެވެ.

ޖޫރިމަނާ ކޮށްފައިވަނީ ނަގަންޖެހޭ ހުއްދަތައް ނެތުމުގެ ސަބަބުން 191،250 ރުފިޔާއާއި، އަންގާ އެންގުންތަކަށް ގަވައިދުން އަމަލުކުރަމުން ނުދިއުމުގެ ސަބަބުން 63،750 ރުފިޔާއެވެ.

ރިނބުދޫ ކައުންސިލްގެ ރައީސް ހާތިމް އިބްރާހިމް "ސަން"އަށް ވިދާޅުވީ ރިނބުދޫގައި އެންވާރަމަންޓް މިނިސްޓްރީއިން ކުނިކޮށި އެޅުމުގެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވާ ސަރަހައްދު ސާފުކުރުމުގެ ހުއްދަ، މިދިޔަ މަހުގެ ހަވަނަ ދުވަހު ލިބިފައިވާ ކަމަށާއި ކައުންސިލުން އެތަން ސާފުކުރަން ފެށީ މިދިޔަ މަހުގެ 13 ވަނަ ދުވަހު ކަމަށެވެ.

"އަޅުގަނޑުމެންނަށް އެ ބިން ލިބިފައިވާ ކަމަށް އީޕީއޭއިން ވަނީ އަންގާފައި. އޭގެ ފަހުން އަޅުގަނޑުމެން އެތަން ސާފުކުރަން ފެށީ ވެސް. އެތަނަކީ ހިމާޔަތް ކޮށްފައިވާ ތަނެއް ވެސް ނޫން. އެސަރަހައްދު ސާފުކުރުމުގެ މަސައްކަތުގެ ތެރެއިން 30 ރުއް ނަގާފައިވާނެ. އޭގެ ތެރެއިން ގާތްގަނޑަކަށް ވިއްސަކަށް ރުއް އެހެން ސަރަހައްދަކަށް ބަދަލުކޮށްފައިވާނެ." ހާތިމް ވިދާޅުވިއެވެ.

ޖޫރިމަނާގެ ގޮތުގައި އަރާފައިވާ ޖުމްލަ ފައިސާ 30 ދުވަހުގެ ތެރޭގައި ދައްކާ ހަލާސްކުރުމަށް އީޕީއޭއިން ރިނބުދޫ ކައުންސިލަށް ވަނީ އަންގާފައެވެ.

comment ކޮމެންޓް