ގިނަ ބައެއްގެ މެދުގައި މަގުބޫލު ބައިނަލްއަގުވާމީ ޕިއްޒާ ޗެއިން "ޕިއްޒާހަޓް"އިން މާލޭގައި ހުޅުވާ އައުޓްލެޓް، އަންނަ ބުރާސްފަތި ދުވަހު ހުޅުވުމަށް ތައްޔާރުވާން ފަށައިފިއެވެ.
މާލޭގައި ޕިއްޒާހަޓް ހުޅުވަނީ ގާކޮށީގައި ހަދާފައިވާ މާލެ ސްކޮއާ ފްލެޓު އިމާރާތުގެ ތިރީގައި، އަމީނީމަގަށް ވާ ގޮތަށެވެ.
މާލެއަށް ޕިއްޒާހަޓް ގެންނަނީ ސްރީލަންކާގައިވެސް ޕިއްޒާހަޓް ހިންގާ ގެމާ ޕިއްޒާކްރާފްޓް ކުންފުންޏާއި، ރާއްޖޭގެ ކުންފުންޏެއް ކަމުގައިވާ އައިލެންޑް ފުޑްސް މޯލްޑިވްސް ގުޅިގެން އުފައްދާފައިވާ ޖޮއިންޓް ވެންޗަރ، ގެމާ އައިލެންޑް ފުޑްސްއިންނެވެ.
ގާކޮށީގައި ހުޅުވާ ޕިއްޒާހަޓްއަކީ ގާތްގަނޑަކަށް 70 މީހުންގެ ޖާގައިގެ ތަނެކެވެ.
ގެމާ އައިލެންޑް ފުޑްސްގެ އޮފިޝަލަކު "ސަން"އަށް ވިދާޅުވި ގޮތުގައި، އެ ކުންފުނިން މާލޭގައި ކޭއެފްސީގެ އައުޓްލެޓެއްވެސް ހުޅުވުމަށް ދަނީ ތައްޔާރުވަމުންނެވެ. ނަމަވެސް ތާރީޚެއް ފައިނަލްއެއް ނުކުރެއެވެ.
މާލޭގައި ޕިއްޒާހަޓާއި ކޭއެފްސީ ހުޅުވަން ތައްޔާރުވަމުން އަންނަ އިރު، މާލޭގައި ހުންނަ ހުޅުމާލެ ފެރީ ޓާމިނަލްގައި ބާގަރ ކިންގް އަދި ދަ ކޮފީ ކްލަބްގެ އައުޓްލެޓްތަކެއް ހުޅުވުމަށްވެސް ދަނީ ތައްޔާރުވަމުންނެވެ. އަދި ރަސްފަންނު ޕެވިލިއަންގައި ޔޫއޭއީގެ ފްރެންޗައިޒް "ޗިކިންގް"އާއި، ގްލޯރިއާ ޖީންސް ކޮފީވެސް ހުޅުވަން ދަނީ ތައްޔާރުވަމުންނެވެ.
މީގެ އިތުރުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި އަލަށް ތަރައްގީކުރާ އެފްއެންޑްބީ ކޮމްޕްލެކްސްގައި ކޭއެފްސީ، ޕިއްޒާހަޓް، ކޮސްޓާ ކޮފީ އަދި ހާވެސްޓް މާކެޓު ހުޅުވުމަށް، އެމެރިކާގެ ރެސްޓޮރަންޓިއާ އެޗްއެމްއެސް ހޯސްޓް އިންޓަނޭޝަނަލްއާ ވަނީ ހަވާލުކޮށްފައެވެ.