ކެޓަލޯނިއާގެ ލީޑަރުންތަކެއް ހައްޔަރުކުރުމާ ގުޅިގެން ގިނަ އަދަދެއްގެ މީހުން މުޒާހަރާކޮށްފި

ކެތަލޯނިއާގެ މިނިވަންކަމަށް ގޮވާލައި ގިނަ އަދަދެއްގެ މީހުން ވަނީ މުޒާހަރާކޮށްފައި -- ފޮޓޯ: ރޮއިޓާސް

ބާސެލޯނާ (މާޗް 24): ކެޓަލޯނިއާގެ މިނިވަންކަން އިއުލާން ކުރުމުގައި އިސްކޮށް އުޅުއްވި ފަސް ލީޑަރަކު ހައްޔަރު ކުރުމާ ގުޅިގެން ކެޓަލޯނިއާގެ އެތައް ހާސް މީހުން މުޒާހަރާކޮށްފިއެވެ.

އިއްޔެ ބާސެލޯނާގައި އޮތް މުޒާހަރާތަކުގެ ބައިވެރިން ވަނީ ކެޓަލޯނިއާގެ މިނިވަންކަމަށް ގޮވާލައި، ސިޔާސީ ހައްޔަރީން ދޫކޮށްލުމަށް ގޮވާލާފައެވެ. އަދި ބައެއް ބައިވެރިންނާއި ފުލުހުންނާ ދެމެދު ކުރިމަތިލުންތައް ހިނގައި، 20 މީހަކަށް އަނިޔާވި ކަމަށްވެސް ރިޕޯޓުތަކުގައި ވެއެވެ.

ސްޕެއިންގެ ސުޕްރީމް ކޯޓުން އިއްޔެ ވަނީ ބަޣާވާތްކުރުމާއި ދައުލަތުގެ ފައިސާ ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ތުހުމަތުގައި ކެޠަލޯނިއާގެ 25 ލީޑަރެއްގެ މައްސަލަ ބަލަން ނިންމާފައެވެ. އަދި އެމައްސަލައިގެ ޝަރީއަތް ފެށެންދެން އޭގެ ތެރެއިން ފަސް މީހަކު ހައްޔަރުކުރަން އަމުރުކޮށްފައެވެ.

މީގެ ކުރިން ކެޓަލޯނިއާގެ ކުރީގެ ރައީސް ކާލްސް ޕުޖިޑެމޮން ފަދަ އިސް ފަރާތްތަކުން ވަނީ ބަޣާވާތުގެ ދައުވާ ކުރުމާ ގުޅިގެން ގައުމުން ފިއްލަވާފައެވެ.

ސްޕެއިންއިން ވަކިވެ މިނިވަން ދައުލަތެއް ބިނާކުރުމާ ބެހޭ ގޮތުން ކެޓަލޯނިއާގައި މިދިޔަ އޮކްޓޯބަރު މަހު ނެގި ފެންނަ ނުފެންނަ ވޯޓަށް ފަހު އެސްޓޭޓުން ވަނީ މިނިވަންކަން އިއުލާންކޮށްފައެވެ. ނަމަވެސް ސްޕެއިން ސަރުކާރުން ވަނީ އެނިންމުން ބާތިލުކޮށް، އެސްޓޭޓުގެ މައްޗަށް ފުރިހަމަ ބާރު ހިންގަން ނިންމާފައެވެ.

އެއަށްފަހު ސްޕެއިން ސަރުކާރުން ވަނީ އެގައުމުގެ މައި ސަރުކާރަށް ތާއިދުކުރާ ގާނޫނު ހަދާ މަޖިލީހެއް ކެޓަލޯނިއާގައި އެކުލަވާލުމުގެ އުންމީދުގައި އާ މަޖިލިސް އިންތިހާބެއް ބާއްވައިފައެވެ.

ނަމަވެސް އެ އިންތިހާބުންވެސް ގިނަ ގޮނޑި ކާމިޔާބުކުރީ ކެޓަލޯނިއާގެ މިނިވަންކަމަށް ތާއިދުކުރާ މެމްބަރުންނެވެ. އަދި އެމަޖިލީހުން ދަނީ ކެޓަލޯނިއާގައި އާ ސަރުކާރެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުންނެވެ.

(ބީބީސީ)

comment ކޮމެންޓް