ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ބާޣީއަކަށް ހެދުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ދެކެމުން އައި ހުވަފެން ހަގީގަތަކަށް ވެއްޖެ ކަމަށް ޕީޕީއެމްގެ ޕީޖީ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު ވިދާޅުވެއްޖެއެވެ.
ސަރުކާރު ހިންގާ ޕީޕީއެމް އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ނިހާން ވިދާޅުވީ، ރައީސް މައުމޫނުގެ އަބުރު ކިލަނބުކުރުމަށްޓަކައި މީގެ ކުރިން އެންމެ ގިނައިން މަސައްކަތް ކުރި މީހަކީ ރައީސް ނަޝީދު ކަމަށެވެ.
"ރައީސް ނަޝީދު ޔަގީންނުން ވެސް މިފަހަރު އެ އޮތީ ރައީސް މައުމޫން މަގު ފުރައްދާފައި. އެސްއޯއީގެ ތެރެއިން ހައްޔަރުގައި އެމްޑީޕީގެ ބޮޑުންނެއް ނުހިމެނޭ. ގިނައިން މި ތިބީ ނަޝީދު އެމީހަކުދެކެ ރުޅި އައި ރައީސް މައުމޫނާއި މައުމޫނުގެ އާއިލާ އާއި މައުމޫނުގެ ގާތް މީހުން،" ނިހާން ވިދާޅުވިއެވެ.
ނިހާން ވިދާޅުވީ ރައީސް މައުމޫނު ނެތިކޮށްލައި ބާޣީއަކަށް ހަދާލުމަކީ ރައީސް ނަޝީދު އަބަދުވެސް ދެކެމުން އައި ހުވަފެނެއް ކަމަށެވެ. އަދި ރާއްޖެ ފަހުގެ ތާރީހެއްގައި ދުށް ހުރިހާ ބަޣަވާތެއްގައި ވެސް ރައީސް ނާޝީދާއި ލޭގެ ގުޅުން ނެތް މީހަކު ނޫނީ ކޮށްފައި ނެތް ކަމަށް ނިހާން ވިދާޅުވިއެވެ.
"1953 ވަނަ އަހަރު މުހައްމަދު ނަޝީދުގެ ކާފަ ބަޣާވާތުގައި އިސްދައުރެއް އަދާކުރި. 1968 އިން 1973 އަށް ހިންގި ހުރިހާ ޖަރީމަތަކުގެ ތެރޭގައި އޭނާގެ ބައްޕަ ކެރަފާ އަބްދުއްސައްތާރު ހިމެނޭ. ޝަރިއަތަށް އެކަން ވަނީ ސާބިތުވެފައި. 1980 ވަނަ އަހަރު ރައީސް މައުމޫން އަވަހާރަކޮށްލަން ގެންނަން އުޅުނު ބަޣާވާތުގައި ކެރަފާ ނަސީމު އިނގިރޭސި ދޮން ބަޔަކު ލައްވައި ބަޑި އެތެރެކުރިކަން ސާބިތުވި. 1988 ވަނަ އަހަރުގެ ބަޣާވާތަށް ސިއްކަ އަހުމަދު އިސްމާއިލް މަނިކެ ހަރަދުކުރި ކަމަށް ސާބިތުވި،" ނިހާން ވިދާޅުވިއެވެ.
އެކެއް ފެބްރުއަރީގައި ރައީސް ނަޝީދާއި އޭނާގެ ޓީމުގެ މީހުން ގެންނަން މަސައްކަތް ކުރި ބަޣާވާތުގެ ތެރެއިން ނަޝީދުގެ ޝައިތާނީ މަޅީގައި ރައީސް މައުމޫނާއި އޭނާގެ ޓީމު ޖެހިގެން ދިއުމަކީ ހިތާމައެއް ކަމަށް ނިހާން ވިދާޅުވިއެވެ.
މިއަދުގެ ޕްރެސްގައި ވާހަކަ ދައްކަވަމުން ޕީޕީއެމްގެ ނައިބް ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ، އިދިކޮޅުން ގެންނަން އުޅުނު ބަޣާވާތުގެ ވާހަކަތައް އެ ޕާޓީގެ ނޫސްވެރިންގެ ބައްދަލުވުމުގައި ދައްކާފައި ވަނީ ހަގީގަތާ އެއްގޮތަށް ކަމަށް މިދިޔަ އަންގާރަ ދުވަހު ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން ނެރުނު ބަޔާނުން ވަރަށް ސާފުކޮށް އެނގެން އޮތް ކަމަށެވެ.
ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގައި މައުމޫން ހައްޔަރުކޮށް އެމަނިކުފާނުގެ މައްޗަށް ވަނީ ޓެރަރިޒަމްގެ އަމަލެއް ހިންގަން އުޅުމުގެ ދައުވާ އާއި އަދުލު އިންސާފަށް ހުރަސް އެޅުމުގެ ދައުވާކޮށްފައެވެ.
މިދިޔަ މަހުގެ ފަސް ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ އިއުލާން ކުރެއްވި ކުއްލި ނުރައްކަލުގެ ހާލަތު 45 ދުވަހަށް ފަހު މިއަދު ވަނީ އުވާލައިފައެވެ. ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރީ ސުޕްރީމް ކޯޓުން އެކެއް ފެބުރުއަރީގައި ނެރުނު އަމުރަކާ ގުޅިގެންނެވެ.