އަތޮޅު ތެރޭގެ ކުޅުންތެރިންނަށް ގައުމީ ކޯޗުގެ ހާއްސަ މެސެޖެއް!

ގައުމީ ކޯޗު ޕީޓާ ސެގަޓް --- ސަން ފޮޓޯ/ ފަޔާޒް މޫސާ

ގައުމީ ކޯޗު ޕީޓާ ސެގަޓް ޓީމާ ހަވާލުވީ މިދިޔަ ހަފްތާގައެވެ. އޭނާ ޓީމާ ހަވާލުވުމަށްފަހު ފުރަތަމަވެސް ބުނެފައިވަނީ ޓީމެއް ބިނާ ކުރުމަށް މުޅި ރާއްޖޭގެ ހުރިހާ ރައްޔިތުން އޭނާ ބޭނުންވާ ކަމަށެވެ. ހާއްސަކޮށް ގައުމީ ޓީމުގައި ތިބި ސީނިއާ ކުޅުންތެރިންނާއި ރާއްޖޭގައި ހަރަކާތްތެރިވާ ކޯޗުން އޭނާއަށް އެހީތެރިވުމަށް ސެގަޓް އެދިފައިވެއެވެ.

ސެގަޓް ރާއްޖޭގެ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވި ފުރަތަމަ ދުވަހުވެސް އޭނާ ބުނެފައިވަނީ ރާއްޖެއަށްވެސް އައީ ހުވަފެންތަކަކާ އެކުގައި ކަމަށާއި، އޭނާގެ ކޯޗިން ކެރިއަރުގައި ކޮންމެ ތަނަކަށްވެސް ދަނީ ހުވަފެންތަކަކާ އެކުގައިކަމަށެވެ. އެގޮތުން ޖޯޖިއާގެ އިތުރުން އަފްގާން ގައުމީ ޓީމާވެސް އޭނާ ހަވާލުވީ ހުވަފެންތަކަކާ އެކުގައި ކަމަށާއި، ނިންމާލީ އެ ކަންކަން ހަގީގަތަކަށް ހަދައިފައި ކަމަށްވެސް ސެގަޓް ބުނެފައިވެއެވެ.

ސެގަޓަކީ ޒުވާން ޖީލުތައް ބިނާ ކުރުމުގައި ހާއްސަކޮށް ފާހަގަކޮށްލެވޭ ކޯޗެކެވެ. އޭނާގެ ހާއްސަ ކަމެއްގެ ގޮތުގައި ފާހަގަ ކުރެވެނީވެސް ފުޓުބޯޅައިގެ ޖީލެއް ބިނާކޮށް، ޓެކްނިކަލީ ބޮޑެތި ބަދަލުތަކެއް ގެންނަ ކޯޗެއްގެ ގޮތުގައެވެ.

ރާއްޖެއާއެކު ސެގަޓް ކުރާ ފުރަތަމަ އުންމީދަކީ ރާއްޖޭގައި ޖީލެއް ބިނާކުރުން ކަމަށްވާއިރު، އޭނާގެ ދުރު ރާސްތާ ވިސްނުމުގައި ހުރީ ގައުމީ ޓީމައެކު އޭޝިއަން ކަޕަށް ދިއުމެވެ.

ސެގަޓް އޭނާގެ ފުރަތަމަ ޓާސްކަށް ގައުމީ ޓީމާއެކު ރޭ ސިންގަޕޫރަށް ފުރާފައިވާއިރު، މާދަމާ އެގައުމުގެ ގައުމީ ޓީމާއެކު އެކުވެރިކަމުގެ މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ.

ގައުމީ ޓީމު ސިންގަޕޫރަށް ފުރުމުގެ ތެރެއިން --- ސަން ފޮޓޯ/ ފަޔާޒް މޫސާ

ޓީމު ފުރުމުގެ ކުރިން ނޫސްވެރިންނާ ވާހަކަ ދައްކަމުން ކޯޗު ސެގަޓް ބުނީ ސްކޮޑަކީ އޭނާގެ ސްކޮޑެއް ނަމަވެސް، ރާއްޖޭގައި ހޭދަކުރަން ލިބުނީ މަދު ދުވަސް ކޮޅެއް ކަމަށް ވުމުން، ފެޑަރޭޝަންގެ ޓެކްނިކަލް ބޭފުޅުންގެ އެހީ ސްކޮޑު ނެގުމުގައި ލިބުނު ކަމަށެވެ. އަދި ހަމަ ޔަގީނުންވެސް ބޫޓާނާ ދެކޮޅަށް 27 ވަނަ ދުވަހުގެ ރޭ ރާއްޖޭގައި ކުޅޭ އޭޝިއަން ކަޕް ކޮލިފިކޭޝަން މެޗަށް ޓީމަށް ބަދަލުތަކެއް އަންނާނެ ކަމަށްވެސް ސެގަޓް ބުންޏެވެ.

"އަހަރެން ރާއްޖޭގައި ހޭދަ މިކުރީ އަދި 10 ވަރަކަށް ދުވަސް. މިއީ ފުރަތަމަ ސްކޮޑު އަހަރެންގެ. އެހެންވީމަ ފެޑަރޭޝަންގެ ސާންތިގެ އިތުރުން އަހަރެންގެ އެސިސްޓެންޓް ކޯޗު، ޝާކިއްޓޭގެވެސް އެހީ ލިބުނު ސްކޮޑު ނެގުމުގައި. މި ނެގިފައިވާ ޓީމަށް ބޮޑެތި ބަދަލުތަކެއް އަންނާނެ. ޔަގީން ބޫޓާން މެޗަށް ފަސް ވަރަކަށް ކުޅުންތެރިންނަށް ބަދަލުތަކެއް އަންނާނެ، ސެގަޓް ބުންޏެވެ.

ގައުމީ ޓީމު ސިންގަޕޫރަށް ފުރުމުގެ ތެރެއިން --- ސަން ފޮޓޯ/ ފަޔާޒް މޫސާ

ސެގަޓް ބުނީ އަތޮޅު ތެރޭގައި ތިބި ކުޅުންތެރިންނަށް އޭނާ މެސެޖެއް ދޭން ބޭނުންވާ ކަމަށާއި، އެ މެސަޖީ އޭނާ އަތޮޅު ތެރެއަށް ދާ ވާހަކަ ކަމަށެވެ.

"ބޫޓާން މެޗަށްފަހު އަހަރެން ދާނަން އަތޮޅު ތެރެއަށް، އަތޮޅު ތެރޭގައި ތިބި ޒުވާން ހުނަރުވެރި ކުޅުންތެރިން ހޯދަން އަހަރެން ބޭނުން. ސަބަބަކީ އަހަރެން ގަބޫލުކުރަނީ ރާއްޖޭގެ ފުޓުބޯޅައިގައި ކުރިމަގެއް، ރަނގަޅު ގައުމީ ޓީމެއް ބިނާ ކުރުމަށް އަތޮޅު ތެރޭގެ ކުޅުންތެރިންނަކީ ވަރަށް މުހިއްމު ކަމެއް. މާލޭގައި އެކަންޏެއް ނޫން ހުނަރުވެރި ކުޅުންތެރިން ތިބޭނީ. މުޅި ރާއްޖެ އެއްކޮށް ޝާމިލްވާނެ ކުޅުންތެރިންގެ ޓީމެއް ދެ އަހަރެއްގެ ތެރޭގައި ބިނާކުރާނަން،" ސެގަޓް ބުންޏެވެ.

ސެގަޓް ބުނީ ގައުމީ ޓީމު ސިންގަޕޫރަށް ދިޔައީ ޒުވާން ޓީމަކާ އެކުގައި ކަމަށާއި، ބޭނުމަކީ ކުޅުންތެރިންތަކެއް ޓެސްޓު ކޮށްލުން ކަމަށެވެ. ކުރިއެރުމަށް ޒުވާން ކުޅުންތެރިން ތަޖުރިބާތަކެއް ހޯދަން ޖެހޭނެ ކަމަށާއި، އެ ކުޅުންތެރިންނަށްވެސް އަދި ކޯޗަށްވެސް ގޯސްތަކެއް ހެދޭނެ ކަމަށްވެސް ސެގަޓް ބުންޏެވެ. އަދި އެ ހެދޭ ގޯސްތަކަކީ ކުރިއެރުމަށް ކަމަށްވެސް ސެގަޓް ފާހަގަކުރިއެވެ.

ގައުމީ ޓީމަށް ނުނަގާ ތިބި ބައެއް ފާހަގަކޮށްލެވޭ ކުޅުންތެރިންނަށްވެސް ކޯޗު ސެގަޓްވަނީ ހާއްސަ މެސެޖެއް ދީފައެވެ.

"ހުރިހާ ކަމެއްވެސް އަދި އޮތީ ހުޅުވާލެވިފައި. ޓީމަށް އޮޕްޝަންތަކެއް އެބަހުރި. އެންމެ ރަނގަޅު ކުޅުންތެރިން ނެގުމަށް އަހަންނަށް ވަގުތުތަކެއް ދޭން ޖެހޭ. ދާދުގެ އިތުރުން އެހެން ބައެއް ކުޅުންތެރިންނާވެސް އަހަރެން ވާހަކަ ދެއްކިން. އެ ކުޅުންތެރިންނަކީ ބޫޓާން މެޗަށް އޮޕްޝަނެއް. އަހަންނަށް މިހާރު ސްކޮޑު ނެގެން އޮތީ އެފްއޭއެމްއާވެސް އެކު. އެއީ އަހަންނަށްވުރެ ބޮޑަށް މިވަގުތު އެފްއޭއެމްއަށް ޓީމު އެނގޭނެ. ކުޅުންތެރިން އެނގޭނެ. އަހަންނަށް ހުރިހާ ކަމަކަށް ވަދެވުނީމަ ނިންމުން ނިންމާނީ އަމިއްލައަށް،" ޓީމަށް ނުނެގި ތިބި ކުޅުންތެރިންނާ ގުޅޭގޮތުން ސެގަޓް ބުންޏެވެ.

ގައުމީ ޓީމު ސިންގަޕޫރަށް ފުރުމުގެ ތެރެއިން --- ސަން ފޮޓޯ/ ފަޔާޒް މޫސާ

ސެގަޓްގެ ސްކޮޑުން ޖާގަ ނުލިބުނު ބައެއް ޒުވާން ކުޅުންތެރިންގެ ތެރޭގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ ނާއިޒް ހަސަން (ދާދު)ގެ އިތުރުން ކްލަބު އީގަލްސްގެ އަހުމަދު ރިޒުވާން (ރިޒޭ) ފާހަގަކޮށްލެވުނެވެ. މީގެ އިތުރުންވެސް ބައެއް ސީނިއާ ކުޅުންތެރިންނަށްވެސް އޭގެ ތެރޭގައި ވިކްޓަރީއަށް ކުޅެމުން އަންނަ ޑިފެންޑަރު ޝާފީއާއި ނިއު ރޭޑިއަންޓްގެ ރިޟްވާން ވަހީދު (ރިލޭ)ވެސް ސްކޮޑުގައި ނުހިމެނެއެވެ. އަދި އަނިޔާގައި ހުރި މާޒިޔާގެ ޑިފެންޑަރު އަމްދާން އަލީ (އެންޑީ)އާއި އަސަދުﷲ އަބްދުﷲ (އަސައްކޮ)ވެސް ޓީމުގައި ނުހިމެނެއެވެ.

ގައުމީ ޓީމުން ރޭ ސިންގަޕޫރަށް ފުރާފައިވާއިރު، ޓީމުގެ ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ) އަނިޔާގެ ސަބަބުން ޓީމާއެކު ނުދެއެވެ.

comment ކޮމެންޓް