ޝަރީއަތް ނިމެންދެން ރައީސް މައުމޫން ޖަލު ބަންދުގައި ބަހައްޓަން އަމުރުކޮށްފި

ކޯޓަށް ހާޒިރުކުރުމަށްޓަކައި ރައީސް މައުމޫން މިއަދު މާލެ ގެންނަނީ --- ސަން ފޮޓޯ/ މުހައްމަދު އަފްރާހު

ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގައި ޓެރަރިޒަމްގެ ދައުވާ އުފުލާފައިވާ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ޝަރީއަތް ނިމެންދެން ޖަލު ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފި އެވެ.

މިދިޔަ ފެބްރުއަރީ މަހުގެ ފަސް ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި ރައީސް މައުމޫން ހައްޔަރުކުރީ އެމަނިކުފާނު ދިރިއުޅުއްވާ އެންދެރިމާގޭގައި ހުންނަވަނިކޮށް ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުންނެވެ.

ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު މިރޭ ހަމަވާނެއެވެ.

ކޯޓަށް ހާޒިރުކުރުމަށްޓަކައި ރައީސް މައުމޫން މިއަދު މާލޭގައި --- ސަން ފޮޓޯ/ މުހައްމަދު އަފްރާހު

މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރައީސް މައުމޫންގެ ގާނޫނީ ވަކީލު މައުމޫން ހަމީދު ވިދާޅުވީ މިހާތަނަށް އެމަނިކުފާނު ހައްޔަރުކޮށްފައި ވަނީ ގާނޫނާ ޚިލާފަށް ކަމަށެވެ.

އެންމެ ފުރަތަމަ ރައީސް މައުމޫން ހައްޔަރުކުރި ދުވަހުން ފެށިގެން 24 ގަޑިއިރުގެ ތެރޭގައި ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކުރަންޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މައުމޫން ހަމީދު ވިދާޅުވީ މިއަދު ބަންދާ މެދު ގޮތެއް ނިންމުމުގެ ކުރިން ރައީސް މައުމޫންގެ ފަރާތުން ފާހަގަކުރި އެއްވެސް ކަމަކަށް ރިއާޔަތްކޮށްފައިނުވާ ކަމަށެވެ.

އެހެންކަމުންް އެ މައްސަލަ ވަރަށް އަވަހަށް އިސްތިއުނާފަށް ހުށަހަޅުއްވާނެ ކަމަށް ވެސް މައުމޫން ހަމީދު ވިދާޅުވިއެވެ.

ރައީސް މައުމޫންގެ އިތުރުން އެމަނިކުފާނުގެ ދަރިކަލުން އަދި ރައްޔިތުން މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫނާއި މައުމޫންގެ ދަރިކަނބަލުން ޔުމްނާގެ ފިރިކަނލުން މުހައްމަދު ނަދީމާއި، އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު މުހައްމަދާއި ކުރީގެ ޕޮލިސް ކޮމިޝަނަރު އަހުމަދު އަރީފާއި މެމްބަރު އަބްދުﷲ ސިނާނާއި މެމްބަރު އިލްހާމް އަހުމަދުގެ މައްޗަށް ވެސް ވަނީ ޓެރަރިޒަމްގެ އަމަލެއް ކުރަން އުޅުމުގެ ދައުވާ އުފުލައިފައެވެ.

comment ކޮމެންޓް