ސިޔާދު ގާސިމަށް ރިޝްވަތު ދިނުމުގެ ދައުވާ، ދެ ފަނޑިޔާރުންނަށް ރިޝްވަތު ހިފުމުގެ ދައުވާ ކޮށްފި

އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު، ސިޔާދު ގާސިމް އިބްރާހީމް، ފަނޑިޔާރު އަލީ ހަމީދު --

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ ދަރިކަނލުން ސިޔާދު ގާސިމްގެ މައްޗަށް ރިޝްވަތު ދިނުމުގެ ދައުވާ އަދި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު މުހައްމަދުގެ މައްޗަށް ރިޝްވަތު ހިފުމުގެ ދައުވާ ކުރަން ޕްރޮސިކިއުޓަރު ޖެނެރަލް (ޕީޖީ)ގެ އޮފީހުން ކްރިމިނަލް ކޯޓަށް ފޮނުވައިފި އެވެ.

ކުއްލި ނުރައްކަލަތުގެ ހާލަތު އިއުލާނުކުރުމާ ގުޅޭ، ރައީސުލްޖުމްހޫރިއްޔާގެ ގަރާރާ ގުޅިގެން ފުލުހުން ތަހުގީގު ކުރި މައްސަލަތަކަށް ދައުވާކުރުމާ ގުޅޭގޮތުން ޕީޖީ އޮފީހުން މިރޭ ނެރުނު ބަޔާނެއްގައި ބުނީ، އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އަލީ ހަމީދުގެ އިތުރުން ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ހަސަން ސައީދު ހުސެއިންގެ މައްޗަށް ވެސް ރިޝްވަތު ހިފުމުގެ ކުށުގެ ދައުވާ ކުރާ ކަމަށެވެ.

އެ ބަޔާނުގައި ބުނެފައިވާ ގޮތުން، ހަސަން ސައީދު ހުސެއިން ދިރިއުޅޭ ގެ ބަލައިފާސްކުރުމުގެ ތެރޭގައި އޭނާ ނިދާ އެނދުނުގެ ގޮދަނޑި ދަށުން ފައިސާގެ އިތުރުން އެކޮޓަރި ތެރޭގައި ހުރި ދަބަހެއްގެ ތެރެއިން ވިލާ ޝިޕިންގް އެންޑް ޓްރޭޑިންގެ ލެޓަރ ހެޑްގައި އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު ސިޔާދު ގާސިމް ސޮއިކޮށްފައިވާ ސިޓީއެއް ފެނިފައިވާ ކަމަށެވެ.

ޕީޖީން ބުނީ، މިދިޔަ އަހަރުގެ ޑިސެމްބަރު 20 ވަނަ ދުވަހުގެ ތާރީހުގައި ލިޔެފައިވާ އެ ސިޓީގައިވާ ސޮޔަކީ ސިޔާދު ގާސިމްގެ ސޮއިކަން ފޮރެންސިކް ތަހުލީލުން ކަށަވަރުވިފައިވާއިރު، އެ ލިޔުމުން ސިޔާދު ގާސިމްގެ އިނގިލީގެ ނިޝާން ވެސް ފޮރެންސިކް ތަހުލީލުން ކަށަވަރުވެފައިވާ ކަމަށެވެ.

އަދި އެ ލިޔުމުގެ ފޮޓޯއަކާއި އެލިޔުމުގައިވާ މައުލޫމާތުތައް ހިމެނޭ ނޯޓެއްވެސް ސިޔާދު ގާސިމްގެ ފޯނުން ފެނިފައިވާ ކަމަށް ޕީޖީން ބުނެފައިވެ އެވެ.

ޕީޖީން އިތުރަށް ބުނީ، ސިޔާދު ގާސިމް ސޮއިކޮށްފައިވާ އެ ލިޔުމުގެ އިބާރާތަށް ބަލާއިރު ވިލާ ޝިޕިން އެންޑް ޓްރޭޑިން ކޮމްޕެނީގެ ފަރާތުން އެ މައްސަލާގައި ތުހުމަތުކުރެވޭ ފަރާތްތަކާ އަދި އެފަރާތްތަކާ ގުޅުންހުރި ފަރާތްތަކުން ބޭރު ގައުމަކުން ގަނެފައިވާ ޕްރޮަޕަޓީތަކަށް ފައިސާ ދެއްކުމަށްޓަކައި 2.4 މިލިއަން ޑޮލަރު ދީފައިވާކަން އެނގޭ ކަމަށެވެ.

އަދި ވިލާ ޝިޕިންގެ ލިޔުމަށް ބަލާއިރު އެ ލިޔުމުގައި ބުނާ ފައިސާގެ މަންފާވެރިންނަކީ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދުގެ ދަރިއެއް ކަމަށްވާ އަހުމަދު މިސްފިރު އަދި ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު ހަސަން ސައީދު ހުސެއިންގެ ކުރީގެ އަނބިމީހާ، އާއިޝަތު ހަނާ ކަން ވެސް ތަހުގީގުން ކަށަވަރު ކުރެވިފައިވާ ކަމަށް ބުނެފައިވެ އެވެ.

comment ކޮމެންޓް